ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވްތަތައް ކުރިއަށް އޮތް 10 މަސްދުވަހު ވެސް އެއްވެސް ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެސްޓީއޯއިން މާޗު މަހުގެ ތެރޭގައި، ކާޑުގެ ބާވަތްތައް ވިކިފައިވާ ޢަދަދަށް ބަލާއިރު، ކޮންމެ ރަށެއްގައިވެސް މިހާރު އިތުރު އެއް މަސްދުވަހަށް ވާވަރަށް ކާޑުގެ ސްޓޮކެއް ހުންނާނެ ކަމަށެވެ. އަދި އެސްޓީއޯ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ 10 މަސް ދުވަހަށްވާވަރަށް ހަނޑޫ، ހަކުރު، އަދި ފަސް މަސް ދުވަހަށްވާވަރަށް ފުށުގެ ސްޓޮކެއް، އަންނަ އެޕްރީލް މަހުގެ 15ގެ ނިޔަލަށް ރާއްޖެއަށް ގެނައުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތައް، އެއްވެސް ދަތިކަމެއްނެތި ލިބޭނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ދަނޑުވެރިން މިހާރުވެސް އަންނަނީ ރޯދައަށް ދަނޑު ހައްދަމުން ކަމަށާ ދަތުރުފަތުރު ކުރުމުގައި މިވަގުތު ހުރި ދަތިތަކުގެ ސަބަބުން، ސަރުކާރުން ޤަޞްދުކުރަނީ، ދަނޑުވެރިން އުފައްދާ ތަކެތި އެސްޓީއޯ މެދުވެރިކޮށް، ހަލާކުނުވެ ތާޒާކަންމަތީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓްރޭޑިންގ ޕްލެޓްފޯމެއް ޤާއިމުކުރުމަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ދިވެހި ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނާނެ ގޮތުގެ ތަފްޞީލް، އެސްޓީ.އޯ އިން އާންމުކުރާނެ ކަމަށެވެ.

ރާއްޖޭގައި 10 މަސްދުވަހަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު އިންޑިއާ ލޮކްޑައުން ކުރި ނަމަވެސް އެގައުމުން ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް އެތެރެކުރެވޭނެކަމަށް އިންޑިއާއިން ވެސް މިއަދު ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އިންޑިޔާ ލޮކްޑައުން ކުރުމާއެކު އެއްތަނުން އަނެއްތަނަށް މުދާ ގެންދިއުމުގައި ދަތިތަކެއް ހުރި ނަމަވެސް ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެތެރެކުރުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށެވެ. އެގޮތުން ހަނޑޫ، ހަކުރު އަދި ފުށް އެތެރެކުރުމަށް ލޮޖިސްޓިކަލް ދަތިތަކެއް ހުރި ނަމަވެސް އެކަންތައް ހައްލުކޮށް ރާއްޖެއަށް އެތަކެތި އެތެރެކުރެވޭނެ މަގު ތަނަވަސް ކުރެވިފައިވާކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ހައި ކޮމިޝަނުން ބުނީ 20 ދުވަހަށް ބޭނުންވާ ހަނޑުލާއި ހަކުރު ރާއްޖެ ގެނައުމަށް ބޯޓަށް ބަރުކޮށްފައިވާކަމަށާއި އެބޯޓު ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެކަމަށެވެ. އަދި އިތުރު 1،500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު، ޓުޓިކޮރިން ބަނދަރުން ބަރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ.