• ރަޝިޔާ ރައްޔިތުން ގޭގައި ތިބުމަށް ޕޫޓިން އަންގަވައިފި
  • ވައިރަސްގެ ދެވަނަ ބާނި އަތުވެދާނެކަމުގެ އިންޒާރު އީރާނުން ދީފި

ކޮވިޑް-19 ގައި ސްޕެއިނުން މަރުވި މީހުންގެ އަދަދު، މި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއިން މަރުވި މީހުންގެ އަދަދަށްވުރެ މައްޗަށް ހިނގައްޖެއެވެ.

މިއާއެކު، ސްޕެއިން މިހާރުއޮތީ، ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހުގައި އެންމެ ގިނަމީހުން މަރުވެފައިވާ އިޓަލީއާ ޖެހިގެން ދެވަނައަށް އެންމެ ގިނަމީހުން މަރުވި ގައުމުގެ ގޮތުގައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ސްޕެއިނުން 738 މީހުން ބަލީގައި މަރުވެފައި ވެއެވެ. މިއީ، ބަލި ފެތުރޭންފެށި ފަހުން އެއްދުވަހެއްގައި ސްޕެއިނުން އެންމެ ގިނަމީހުން މަރުވި ދުވަސްކަމަށް ސްޕެއިން ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ކޮރޯނާވައިރަސްގައި ސްޕެއިނުން މަރުވި މީހުންގެ އަދަދު 3،434 އަށް މިއަދުވަނީ އަރާފައެވެ. ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ބަލީގައި މަރުވެފައިވަނީ 3،285 މީހުންނެވެ.

ހަމަ އެއާއެކު، ސްޕެއިނުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 47،610 އަށް އަރާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ސްޕެއިނުން މިހާރުވަނީ، ބޭހާއި މެޑިކަލް ސާމާނު ގަތުމަށް ޗައިނާއާއެކު 467 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން 550 މިލިއަން މާސްކް، 5.5 މިލިއަން ޓެސްޓްކިޓް، 950 ރެސްޕިރެޓަރސް، 11 މިލިއަން ޖޯޑު އަންގި، ޗައިނާއިން ސްޕެއިނަށް ފޯރުކޮށްދޭނެއެވެ. އަދި އެނޫންވެސް ބޭހައި ތަކެތި ފޯރުކޮށްދޭނެވެ.

ވައިރަސް ފެތުރުން ހުއްޓުވަން ދުނިޔޭގެ ގައުމުތަކުން އިތުރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ގެންދާއިރު، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން މިއަދުވަނީ ގޭގައި ތިބުމަށް ރަޝިޔާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އީރާނު ސަރުކާރުން މިހާރުވަނީ ކޮރޯނާވައިރަސްގެ ދެވަނަ ބާނި އަތުވެދާނެ ކަމަށް އެގައުމުގެ ރައްޔިތުންނަށް އިންޒާރު ކޮށްފައެވެ.

އީރާނު ސަރުކާރުގެ މި އިންޒާރު އައީ، ސިއްހީ ފަރާތްތަކުން ދިން އެއްވެސް އިރުޝާދަކަށް ބެލުމެއްނެތި، އީރާނުގެ އެތައްބަޔަކު އީރާނުގެ އައު އަހަރުގެ ބަންދަށް އެކި ތަންތަނަށް ފުރައިގެންދާ މައްސަލާގައެވެ.

ސަރުކާރުގެ ތަރުޖަމާނު އަލީ ރާބިއީ ވިދާޅުވީ، ސިއްހީ ފަރާތްތަކުގެ އެންގުންތައް ބޮލާލާޖަހައި ފުރައިގެންދިޔަ އެންމެނާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅުއަޅާނޭ ކަމަށެވެ.

ކޮރޯނާވައިރަސްގައި އީރާނުން 2.077 މީހުން މަރުވެފައި ވާއިރު، ބަލިޖެހުނު މީހުންގެ އަދަދުވަނީ 24،811 އަށް އަރާފައެވެ.

ދުނިޔޭގެ 177 ގައުމާއި ޓެރިޓަރީއަށް ވައިރަސް ފެތުރިފައިވާއިރު، ދުނިޔޭގެ އާބާދީގެ 1.7 ބިލިއަން ރައްޔިތުން މިހާރު ތިބީ ލޮކްޑައުންގައެވެ.

މިވައިރަސްގައި މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 19،364 އަށް އަރާފައި ވާއިރު، ބަލިޖެހުނު މީހުންގެ އަދަދު 423،325 އަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު އެއްލައްކައަށްވުރެ މައްޗަށް ގޮސްފައި ވެއެވެ.