• ކާފިއުގެ މުއްދަތަށް ރަސްގެފާނު ވަނީ 4 ގަޑިއިރު އިތުރުކުރައްވާފައި

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން ސައުދީ އަރަބިއްޔާއިން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.

އެގޮތުން، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟާއި، މައްކާއާއި މަދީނާއަށް ބޭރުން މީހުން ވަނުމާއި، އަދި އެތެރެއިން ބޭރަށް މީހުން ނުކުތުންވެސް މުޅީންވަނީ މަނާކޮށްފައެވެ.

ސައުދީ ރަސްގެފާނު ސަލްމާން ނެރުއްވި ޝާހީ އަމުރުފުޅުގެ ދަށުން، ވެރިރަށް ރިޔާޟާއި، މައްކާއާއި މަދީނާ ބަންދުކުރިއިރު، ސައުދީ އަރަބިއްޔާގެ އެހެން ޕްރޮވިންސްތަކުގެ މެދުގައިވެސް މީހުންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަށް ރަސްގެފާނު އަމުރު ކުރައްވާފައިވާ ކަމަށް ސައުދީ ރަސްމީ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.

ވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެގޮތުން މިދިޔަ ހޯމަދުވަހުން ފެށިގެން 21 ދުވަސްވަދެން ސައުދީ އަރަބިއްޔާގައި ރޭގަނޑު 7:00 އިން ފެށިގެން ހެނދުނު 6:00 އަށް ކާފިއު އިޢްލާން ކުރި ނަމަވެސް، ކާފިއުގެ ވަގުތުތަކަށް ހަތަރު ގަޑިއިރު މިހާރުވަނީ އިތުރު ކޮށްފައެވެ.

ސަލްމާން ރަސްގެފާނު މިއަދު ނެރުއްވި އަމުރުފުޅުގެދަށުން ކާފިއުގެ ވަގުތު މިހާރު ފެށޭނީ މެންދުރުފަހު 15:00 ގައި ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން، ސައުދީ އަރަބިއްޔާގެ ކާފިއު ވަގުތަކީ މިހާރު މެންދުރުފަހު 15:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ.

ސައުދީ އަރަބިއްޔާއިން 767 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައި ވާއިރު، އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. އަދި ބަލިޖެހުނު މީހުންގެ ތެރެއިން 28 މީހުން މުޅިން ފަސޭހަވެފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

ސައުދީ އަރަބިއްޔާ ވެފައިވަނީ ގަލްފްގެ އަރަބި ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އަށް އެންމެ ގިނަމީހުން ޕޮޒިޓިވްވެފައިވާ ގައުމަށެވެ.

ވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެގޮތުން ސައުދީ އަރަބިއްޔާއިން މިހާރުވަނީ، އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގެ އެތެރެއިންނާއި އަދި ބޭރުން އަންނަ މީހުންނަށްވެސް ވިސާދިނުން ހުއްޓާލާފައެވެ. އަދި ފަތުރުވެރިންނަށްވެސް ސައުދީގެ ދޮރާށިތައް ވަނީ ބަންދުކޮށްފައެވެ.