ރާއްޖެއިން ބޭރުގައި ތިބެފައި ގައުމަށް އަންނަ ދިވެހިން ކަރަންޓީނު ކޮށްފައި ބޭތިއްބުމަށް ސަރުކާރުން ހަމަޖައްސާފައިވާ ތަންތަނުގެ ތެރެއިން ކުޑަބަނޑޮހުގައި މިވަގުތު ތިބި އެންމެންނަށް ފްރެޝް އެއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިއަދު އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މަލަހިނި ކުޑަބަނޑޮސް ރިސޯޓުގެ 82 ކޮޓަރީގައި މިވަގުތު 110 ދިވެހިން ކަރަންޓީނު ކުރެވިފައިވާއިރު ކޮންމެ ކޮޓަރިޔަކަށް ފްެރެޝް އެއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހަދިޔާކޮށްފައިވަނީ ޝޭމްޕޫ އާއި ހެއަރ ކޮންޑިޝަނަރ އާއި ޝަވަރ ޖެލްއެވެ. ކޮންމެ ބާވަތަކުންވެސް 300 އެމްއެލްގެ ފުޅިއެވެ. މި އެހީއާ ހަވާލުވީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުންނެވެ.

ކުޑަބަނޑޮހަކީ ކުރިން ދިވެހިން ޕިކްނިކް ދިއުމަށް ޚާއްސަ ކުރެވިފައިވާ ރަށަކަށްވިޔަސް ފަހުން އެއީ މަތީ ފެންވަރުގެ ރިސޯޓެކެވެ. އެ ރިސޯޓުގައި ކަރަންޓީނު ކުރެވިފައިވާ ގިނަ މީހުން ތިބީ ސިންގަލް ކޮޓަރިތަކުގައެވެ. ބައެއް އާއިލާތައް އެކުގައި ކަރަންޓީނު ކުރެވިފައިވާތީ މަދު ބައެއް ކޮޓަރިތަކުގައި ތިން މީހުން އެބަތިއްބެވެ. ވިއްސަކަށް ކޮޓަރީގައި ދެ މީހުންވެސް އެބަތިއްބެވެ.

ފްރެޝް އެއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މި އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުރިން ކަރަންޓީނަށް ޚާއްސަ ކުރެވިފައިވާ ކޮންމެ ކޮޓަރިއަކަށް ދީފައި އޮންނަނީ އެންމެ ސައިބޯންޏެކެވެ. ފްރެޝް އެއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އޯނަރު އިބްރާހިމް ދީދީ ވެސް މިވަގުތު ހުންނެވީ ކުޑަބަނޑޮހުގައި ކަރަންޓީނު ކުރެވިފައެވެ.