އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅުއްވާނެ ފިޔަވަޅީ ރައްޔިތުންގެ ސަލާމަަތާ ރައްކާތެރިކަމަށް އަޅުއްވާނެ ފިޔަވަޅުކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާއި މިވަގުތު ރައްޔިތުންނަށް ދެއްވާނެ އުއްމީދަކީ ކޮބައިތޯ ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިރާދަފުޅުން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅުކަމަށެވެ. އަދި އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނާއެކު ކަމަށެވެ.

އަޅުގަނޑު ހުންނާނީ ރައްޔިތުންނާއެކު. ރައްޔިތުންނަށް ވާގޮތެއްވާން. އަޅުގަނޑުގެނ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅީ ރައްޔިތުންގެ ސަލާމަަތާ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދަތި އުނދަގޫ ދަނޑިވަޅުގަިއވެސް ރައްޔިތުން ކެއްތެރިކަމާއި އެކު ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް އިޚްލާސްތެރިކަމާއެކު ފަށްފަށުން ޝުކުރު ދަންްނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ވަކި ރަށެއް ވަކި ކުލައެއްނެތި މިދަނޑިވަޅުގައި އެހީތެރިކަން ލިބެމުންދާކަމަށާއި، އެކަމަށް ރައްޔިތުންގެ ކިބައިން ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިވަގުތު މާލެއަށް ޚާއްސަ ސަމާލުކަމެއްދެނީ އެހެން ރަށްރަށް އިހުމާލުކުރަން ނޫން ކަމަށެވެ. އަދި މާލޭގެ އާބާދީއަށް ބަލާއިރު ތޮއްޖެހިފައި އޮތް މިންވަރަކީ މިވައިރަސް އެކަކުގައިން އަނެކެއްގެ ގަޔަށް ބަލިފެތުރެން ފަށައިފިނަމަ ކޮންޓްރޯލްކުރަން ވަރަށްދަތި ތަނަކަށްވުމުން ކަމަށެވެ.

އެހެންކަމުން މިބަލި މާލެއަށާއި، ރާއްޖޭގެ އެއްވެސް ރަށަކަށް ފެތުރުނު ނުދިނުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން ކޮންމެ ރަށެއްގައި ޓާސްކްފޯސްއެއް އުފައްދައި ކޮންމެ ރަށެއްގައި ހުރި ކާޑާއި ބޭހުގެ ބާވަތްތަކުގެ ސްޓޮކް ކޮންމެ ދުވަހަކު ބަލަމުންދާކަމަށްވެސް ވިދާޅުވި އެވެ. އަދި މިރޭން ފެށިގެން ކޮންމެ ރެއަކު އެކަމުގެ ތަފްސީލްތައްވެސް ލިބެމުންދާނެ ކަމަށާއި، ރަށްރަށަށް މަދުވާވަރު އިތުރުކޮށްދެއްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއްރަށުން އަނެއްރަށަށް މީހުން ދަތުރުފަތުރުކުރަމުންދާގޮތްވެސް ގާތުންބަލައި މޮނިޓަރކުރައްވަމުން ގެންދަވާ ކަމަށާއި، އެލްޖީއޭ އިން ހުރިހާ ކައުންސިލްތަކަކުން މައުލޫމާތު ހޯދައި އޮޅުންފިލުއްވަމުންގެންދަވާ ކަމަށެވެ.

އެހެންކަމުން އެއްވެސް ރަށެއްގެ ރައްޔިތަކަށް އަދި އެއްވެސް ރަށަކަށް އިހުމާލުނުވެ މިކަމުން އަރައިގަތުމަށް އިރާދަކުރެއްވިއްޔާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.