ކޮވިޑް-19 ބަލީގައި ފަލަސްތީނުން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

ފަލަސްތީނުން މަރުވެފައިވަނީ އުމުރުން 60 އަހަރަށްދާ އަންހެނެއް ކަމަށް ފަލަސްތީނު ސަރުކާރުން ބުނެފައި ވެއެވެ. އޭނާއަކީ ހުޅަނގު އައްސޭރިއަށް ނިސްބަތްވާ މީހެކެވެ.

ފަލަސްތީނު ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް މެލްހެމް ވިދާޅުވީ، ވައިރަސްގެ އަލާމާތްތައް ފެނިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ޓެސްޓްކޮށް އަދި ޕޮޒިޓިވްވެފައިވާ އަންހެންމީހާ މަރުވީ ފަރުވާދެމުން ގެންދަނިކޮށް ބަލީގެ ހާލަތު ވަރަށްބޮޑަށް ގޯސްވުމަށް ފަހުގައި ކަމަށެވެ.

މަރުވި އަންހެންމީހާއަކީ ގުދުސްގެ އުތުރުން އަދި ރާމަﷲ ގެ ދެކުނުހުޅަނގަށް ވާގޮތަށް އޮންނަ އަވަށެއް ކަމަށްވާ ބައިދޫއަށް ނިސްބަތްވާ މީހެކެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރިން މިހާތަނަށް 62 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައި ވާއިރު، ޣައްޒާއިން ދެމީހުން ޕޮޒިޓިވްވެފައިވާ ކަމަށް ފަލަސްތީނު ސަރުކާރުން ހާމަކޮށްފައި ވެއެވެ.

ވައިރަސް ފެތުރުން ހުއްޓުވަން ފަލަސްތީނު ސަރުކާރުންވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކޮށްފައެވެ. އަދި އެންމެން ގޭގައި ތިބުމަށްވަނީ އަންގާފައެވެ.

ގާތްގަނޑަކަށް ދެމިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ޣައްޒާއިން ކޮރޯނާވައިރަސްހުރި ދެމީހަކު ފެނުމާ ގުޅިގެން ފަލަސްތީނުގައި ބޮޑެތި ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. ސަބަބަކީ، އިސްރާއީލުން އެތައް އަހަރެއް ވަންދެން ޣައްޒާ ވަށައިގެން ބަންދުކޮށް ހިސާރުކޮށްފައި އޮތުމާއި، ސިއްހީ ފަރުވާގެ ކަންކަން އިންތިހާއަށް ގޯސް ހާލަތުގައި އޮތުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކޮރޯނާވައިރަސްގެ މިހާލަތުގައިވެސް އިސްރާއީލުން ޣައްޒާއަށްވެސް އަދި ހުޅަނގު އައްސޭރިއަށްވެސް ކުޑަވެސް ދުލެއް ނުދެއެވެ. ފަލަސްތީނު މީހުން ޝަހީދުކުރުމާއި، ގެދޮރުތަޅައި ސުންނާފަތި ކުރުމާއި، އަނިޔާކުރުން އިންތިހާއަށް އަދިވެސް އެބައޮތެވެ.

ކޮރޯނާވައިރަސްގެ ހާލަތު ފަލަސްތީނުގައި އެނބުރިގެންދާނެ ގޮތެއް ނޭނގޭއިރު، މި ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރުމަށް ފަލަސްތީނަށް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންވަނީ ވައުދުވެވަޑައި ގެންފައެވެ.