ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ބީއެމްއެލްއިން މިކަން ހާމަކޮށްފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ ގައުމާ މުޚަތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ލޯނުތައް ދެއްކުން ފަސްކޮށްދީފައިވާކަން ހާމަކުރައްވާފައި ވަނިކޮށެވެ.

ބީއެމްއެލްއިން ވަނީ ލޯނު ދެއްކުން ފަސްކުރާ 6 މަހަށްފަހު، ޖެހިގެން އަންނަ 6 މަސްދުވަހުތެރޭ ކޮންމެ މަހަކަށް ދައްކަންޖެހޭ އަދަދު 20 އިންސައްތަ ކުޑަކޮށް ދެއްކުމުގެ ފުރުސަތުވެސް ހަމަޖެހިފައިވާކަން ހާމަކޮށްފައެވެ.

ބީއެމްއެލްއިން ބުނީ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި ޝަރުތަކީ ލޯނަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ ފައިސާއެއް ނެތުން ކަމަށެވެ.

މިގޮތުން މާޗުމަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ލޯނުގެ ފައިސާ ފަހުން ދެއްކޭނެގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެކަމަށް ބޭންކުން ބުނެއެވެ. އަދި ދަައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކްރެޓިޑް ކާޑާއި އޯވަރޑްރާފްޓްއަށް ދައްކަންޖެހޭ ފައިސާ ނުހިމެނޭ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބުދަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސްޓޫޑެންޓް ލޯނުތައް ދެއްކުންވެސް 6 މަސްދުވަހަށް ފަސްކޮށްދީފަިއވާކަން ހާމަކުރައްވާފައެވެ.

ބީއެމްއެލްގެ އިސްލާމިކް ބޭންކް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ދެއްކުންވެސް ހަމަސްދުވަހަށް ފަސްކޮށްދީފައި ވާކަންވެސް ރައީސް ވަނީ ބުދަދުވަހު ހާމަކުރައްވާފައެވެ.

އެގޮތުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން ނަގާފައިވާ ފައިނޭންސިންތަކުގެ ޕްރިންސިޕަލް އަދި ޕްރޮފިޓް ނުވަތަ ލީސް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށްދީފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.