ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުޅުން އެއް ހަމައެއްގައި އެތައް އަހަރުތަކެއް ވަންދެން ހިފެހެއްޓުމަކީ އޭނާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަށްވުރެ މޮޅު ކުޅުންތެރިއެއްކަން ހާމަކޮށްދޭ ކަމެއް ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރާ ބްރެޒިލްގެ ކުރީގެ ފޯވާޑް އަދި ފުޓުބޯޅައިގެ ލެޖެންޑް ޕެލޭ ބުނެފިއެވެ.

އެހެންނަމަވެސް މެސީ އާއި ރޮނާލްޑޯއަށްވެސް ޕެލޭގެ އެންމެ މަޝްހޫރު ދުވަސްވަރު އޭނާ ކުޅުނު ފެންވަރަށް ކުޅެވޭކަން ގަބޫލު ނުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ފުލުފުލުގައި ފުޓުބޯޅައިގެ އެތައް ރެކޯޑްތަކެއް ހަދަމުންދާ މިދެކުޅުންތެރިންނަކީ ހަމަގައިމުވެސް މިފަހުން ފުޓުބޯޅައިގައި ދުނިޔެ ދުށް އެންމެ ކުޅަދާނަ، އެންމެ ހުނަރުވެރި ދެ ޝަޚްސިއްޔަތެވެ. މި ދެކުޅުންތެރިންގެ ތެރެއިން މޮޅީ ކޮން ކުޅުންތެރިއެއްކަން ބެލުމަށް ކުރާ ބަހުސްތަކަކީ ހަމައެކަނި ފުޓުބޯޅައިގެ ސަޕޯޓަރުންގެ މެދުގައި ކުރެވޭ ޒުވާބެއް ނޫނެވެ. ކުރީގެ މޮޅެތި ކުޅުންތެރިންނާއި ކޯޗުންނާއި އެނަލިސްޓުންގެ މެދުގައިވެސް އަބަދުމެ ކުރެވޭ މި ޒުވާބަށް އަދިވެސް ނިމުމެއް ނާދެއެވެ.

ކެރިއަރުގެ ފަހު ދުވަސްތަކަށް މި ދެ ކުޅުންތެރިން މިސްރާބު ޖަހާފައިވާއިރު ފާއިތުވި 12 އަހަރު ފުޓުބޯޅައިގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ބެލަންޑިއޯ އެވޯޑް 11 ފަހަރު ހޯދާފައިވަނީ މި ދެކުޅުންތެރިންގެ ތެރެއިން ކޮންމެވެސް އެއް ކުޅުންތެރިއެކެވެ. ޖުމްލަ 6 ފަހަރު މެސީ މި އެވޯޑް ހޯދާފައިވާއިރު ރޮނާލްޑޯ ވަނީ 5 ފަހަރު މި އެވޯޑް ކާމިޔާބުކޮށްފައެވެ.

ވާދަވެރި މެޗުތަކުގައި ރޮނާލްޑޯ ޖުމްލަ 725 ލަނޑު ކާމިޔާބުކޮށްފައިވާއިރު މެސީއަށް ކާމިޔާބު ކުރެވިފައިވަނީ 697 ލަނޑެވެ. ރޮނާލްޑޯ އިސްދައުރެއް އަދާކޮށް ބައިނަލްއަޤްވާމީ ތައްޓެއް އަމިއްލަ ގައުމާއެކީ ހޯދާފައި ވާއިރު އަދި މެސީއަކަށް އެ ޝަރަފެއް ނުހޯދެއެވެ. ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި ރޮނާލްޑޯއަކީ ގޯލް ޖެހުމުގައި އެފަދަ ދެވަނައެއް ނެތް ކުޅުންތެރިއެކެވެ. އަދި މެސީ އަކީ ކޮންމެ ފަދަ ހާލަތެއްގައިވެސް މުޅި ޓީމް އޭނާއަށް ބަރޯސާ ވެވޭވަރުގެ "ޑްރިބްލިންގް" ހުނަރު ހުރި މޮޅު ޕްލޭމޭކަރެކެވެ.

މިދެކުޅުންތެރިންގެ ތެރެއިން މޮޅީ ކާކުކަން ބެލުމަށް ކުރާ ބަހުސް ނުހުއްޓުނު ކަމުގައި ވިޔަސް ހަމަގައިމުވެސް މި ދެކުޅުންތެރިންނަކީ ދުނިޔޭގެ ތާރީހުގައިވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އިސް ސަފުގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.

ކުޅިވަރުގެ އިތުރުން މި ދެ ކުޅުންތެރިންނަކީ ނަމޫނާ ދެ ޝަަޚްސިއްޔަތެވެ. ދުނިޔޭގައި ހިނގާ ބޮޑެތި ކަންތައްތަކުގައި އެހެން މީހުންނަށް މި ކުޅުންތެރިންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިގެންދެއެވެ. އެގޮތުން މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުން އެ ދެކުޅުންތެރިންގެ ގައުމު ސަލާމަތްކުރުމަށްޓަކާ ކޮންމެ ކުޅުންތެރިއަކު ވަނީ 1 މިލިއަން ޔޫރޯ ހަދިޔާ ކޮށްފައެވެ.