ހޮނޑާފުށި ރިސޯޓުގެ މެނޭޖްމަންޓުގެ ހުއްދަނެތި އެރިސޯޓަށް އެރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ ރޭގެ ވަގުތެއްގައި ހޮނޑާފުށި ރިޒޯޓުގެ މުވައްޒަފަކު ހދ. ހަނިމާދޫގައި ހުރެފައި، އެރިސޯޓަށް އަރައި ރިސޯޓުގައި ހުރި އޭނާގެ ބައެއް ސާމާނު ހިފައިގެން ގޮސްފައިވާ ކަމަށެވެ.

އަދި އޭނާ ހަނިމާދޫއަށް ދިޔުމުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިމައްސަލަ އަންނަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރިސޯޓުތަކުގެ މުވައްޒަފުން އެއްރަށުން އަނެއްރަށަށް ނުވަތަ ރިސޯޓުތަކުުން ބޭރުން މީހުން ރިސޯޓުތަކަށް އެރުން މަނާކޮށްފައިވާ މިދަނޑިވަޅުގައި މިކަހަލަ ގިނަ ކަންތައްތަކެއް ދަނީ ހިނގަމުންނެވެ.

އެގޮތުން މީގެ ދެދުވަސް ކުރިން، ކަރަންޓީނު ފެސިލިޓީއެއް ގޮތުގައި ބޭނުންކުރަމުން އަންނަ ފަން އައިލެންޑް ރިސޯޓުން ފަތާފައި އޮޅުވެލި ބީޗް ރިސޯޓަށް ދާން ދިޔަ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އަދި ސައުތު ޕާމް ބީޗުން ފަތާފައި ގޮސް އައްޑޫ މީދުއަށް ދިޔަ މީހެއްގެ ބަންދަށްވެސް ވަނީ ފަނަރަ ދުވަސް ޖަހާފައެވެ.