ދުނިޔެ ކުރިއަރައިގޮސް އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އިޖުތިމާއީ ގުޅުންތައް އާލާކުރާ ގޮތާއި މުނިފޫހިފިލުވުމާއި މިނޫންވެސް ދިރިއުޅުމުގެ ބޭނުންތައް ފުއްދުމުގައި ގެންގުޅޭ ގޮތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިގޮތުން މިޒަނާމުގައި އެއާނުލައި އިންސާނާއަށް ނޫޅެވޭ ހިސާބަށް ގޮސްފައިވާ އެކައްޗަކީ އިންޓަނެޓެވެ. ދިރާސާތައް ދައްކާގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 4.5 ބިލިއަން މީހުން އިންޓަނެޓު ބޭނުންކުރެއެވެ.

އިންޓަނެޓަށް ދުނިޔޭގެ އެތައް ބަޔަކު ބަރޯސާވެފައި ވަނިކޮށް ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން އިންޓަނެޓަށް ބަރޯސާވާ މިންވަރު މިވަނީ އެތައް ގުނައަކުން މައްޗަށް ގޮސްފައެވެ. ދަތުރުފަތުރު ބަންދުވެ، ގޭގައި ތިބެންޖެހުމުން ދިރިއުޅުމުގެ ބޭނުންތައް ފުއްދުމުގައި އިންޓަނެޓުގެ ދައުރު ބޮޑުވުމާއި، ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދުމާއި 24 ގަޑިއިރުހެން ގޭގައި ތިބެންޖެހުމުން އަންނަ ފޫހިކަން ފިލުވާލުން ފަދަ ކަންކަމަށެވެ.

މިގޮތުން ރާއްޖޭގައި ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގެއިން ނުނިކުމެ ތިބުމަށް އިލްތިމާސް ކުރަމުންދާއިރު ގިނަ ބައެއްގެ އެންމެ ގާތް ބައިވެރިޔަކީ އިންޓަނެޓެވެ. ނަމަވެސް ދުނިޔޭގެ ނިސްބަތުން މިޚިދުމަތަށް އެންމެ ބޮޑު އަގެއް ދައްކަންޖެހޭ އެއް ގައުމަކީ ރާއްޖެއަށް ވުމުން އިންޓަނެޓުގެ އަގުހެޔޮކޮށްދިނުމަށް ގޮވާލާ ގޮވާލުންތަކުގެ އަޑު މިދުވަސްވަރު ވަނީ ވަކިން ގަދަވެފައެވެ.

މުޅި އޭޝިޔާގައި އިންޓަނެޓް އެންމެ އަގުބޮޑު ގައުމަކީ ރާއްޖެ ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ. އަދި ނެޓް ސްލޯވުމާއި ޑާޓާކޮޅު އަވަހަށް ހުސްވާކަމުގެ ޝަކުވާތަކާއި އަދިވެސް ނެޓާއި ގުޅިފައި ހުންނަ އެތައް ކަމެއްގެ ޝަކުވާތައް ރައްޔިތުން ކުރެއެވެ. ސަރުކާރުގެ އެކްޝަން ޕްްލޭނުގައި އިންޓަނެޓް އަގު ހެޔޮކުރުމުގެ މަސައްކަތް މި އަހަރަށް ކަނޑައަޅާފައި ނެތުމުން، އެކަން މިއަހަރުގެ ތެރޭގައި ނުވާނެ ކަމަށް ބެލެވުނުނަމަވެސް ރައީސް އޮފީހުން ބުނަނީ އެކަމާ ބެހޭ ގޮތުން ޓެލެކޮމް ކުންފުނިތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ކުރާ މަޝްވަރާތައް އަދިވެސް ނުނިމޭ ކަމަށެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެއް ވެސްމެއެވެ. ކޮވިޑް-19ގެ ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ބުދަ ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ އިންޓަނެޓްގެ އަގާއި ދޭތެރޭ އާންމު ރައްޔިތުން ކުރަމުންދާ ޝަކުވާތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ވަރަށް އަވަހަށް ހޯއްދަވައިދެއްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

މި ދުވަސްވަރު އިންޓަރނެޓް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އެކަމަށް ރަނގަޅު ލުޔެއް ހޯދައިދޭންޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި، މިކަމުގެ މަޢުލޫމާތު ރައްޔިތުންނާ އަޅުގަނޑުމެން ޙިއްޞާކުރާނަން.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ ވިދާޅުވެފައެވެ. އަދި ފަހުގެ ނިންމުން ނިންމުމުގެ ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގައި ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އިންޓަނެޓް ޚިދުމަތުގެ އަގުހެޔޮކުރުމަށް އެ މިނިސްޓްރީން ކުރަންޖެހޭ ހުރިހާ ކަމެއް ނިންމައި، މިދިޔަ ޖޫން މަހުގެ 19 ގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނަށް އެ ނިންމުންތައް ވަނީ ފޮނުވާފައެވެ.

އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމާއި އެއާ ގުޅުން ހުރި މަސައްކަތްތައް ސަރުކާރުން ކުރަނީ އެކި މަރުހަލާތަކަށް، އަހަރުތަކަށް ބަހާލައިގެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވެސް އެކަމާ ގުޅުން ހުރި މަސައްކަތްތައް ކުރިއަށް ދާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ. އަގަށް އެކަށީގެންވާ ބަދަލެއް ގެނައުމަށް، އިންޓަނެޓްގެ ޚިދުމަތް ދޭ ފަރާތްތަކުގެ ވާދަވެރިކަން އިތުރުކުރުމާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ މޮނީޓަރިން ނިޒާމު ވަރުގަދަ ކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި ރާއްޖެއިން ބޭރުން ސަބްމެރިން ކޭބަލް ގެނައުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނޭ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން އިއުލާން ކުރި ފަސް އަހަރުގެސްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތުން ވެސް، އިންޓަނެޓުގެ ޚިދުމަތާ ގުޅޭ ގިނަ މަސައްކަތްތައް ރާވާފައިވަނީ އަންނަ އަހަރާއި 2022 ވަނަ އަހަރަށެވެ. ސަރުކާރުގެ ވައުދަކީ އިންޓަނެޓް އަގުހޮޔޮކުރުން ކަމަށްވާއިރު އެއީ ކިހާ ވަރެއްތޯ އަދި ކިހާ މުއްދަތެއްގެ ތެރޭގައިތޯ އެކަން ކުރާނީ ކަނޑައެޅުމަކީ ކުރިމަތިވި ގޮންޖެހުމެއް ކަމަށް މިނިސްޓަރު މަލީހު ވަނީ ވިދާޅުވެފައެވެ. ސަރުކާރުގައި ބާރު އޮތަސް އެއްވެސް އުސޫލެއް ނެތި ކަމެއް ތަންފީޒު ކުރަން ފެށުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް މިނިސްޓަރު މަލީހް ދެކެވަޑައިގަންނަވައެވެ.

މިނިސްޓަރު މަލީހް ކުރިން ވިދާޅުވި ގޮތުގައި އިންޓަނެޓުގެ އަގުހެޔޮކުރަން 26 ގައުމެއްގެ އިންޓަނެޓުގެ ހިދުމަތުގެ އަގުތައް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ދިރާސާ ކުރިއެވެ. އެ ދިރާސާއިން ދެއްކިގޮތުގައި ރާއްޖެ ހިމެނެނީ ހަތްވަނައަށް އިންޓަނެޓުގެ އަގު ބޮޑު ގައުމުގެ ގޮތުގައެވެ. އިންޓަނެޓަށް ކުރާ ޚަރަދާ އެއްވަރުގެ އަގެއް ލިބެން ޖެހޭނެކަން ގަބޫލުކުރާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން ގިނަ ބަޔަކު ގޭގައި ތިބެން ޖެހިފައިވާ މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ މުވާސަލާތުގެ ޚިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ފޯރުކޮށްދީފައިނުވާތީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް މަޖިލީހުގެ މެންބަރަކު މިހާރު ވަނީ ހުށަހަޅުއްވާފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި މައްސަލާގައި ވަނީ މިދަނޑިވަޅަކީ ގިނަ ރައްޔިތުންތަކެއް ގޭގައިތިބެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން މަޖުބޫރުވެ އަދި ދަރިވަރުން އުނގެނުމުގެ ކަންކަންވެސް ގޭގައި ތިބެގެން ކުރަން މަޖުބޫރުވެފައިވާ ދަނޑިވަޅެއް ކަމަށެވެ. އަދި އެކަންކަން ފުރިހަމަކުރަން މުވާސަލާތީ ޚިދުމަތް، އަދި ޚާއްސަކޮށް އިންޓަނެޓްގެ ޚިދުމަތަކީ ޒަަރޫރީ ޚިދުމަތެއްކަން މެންބަރު މީކާއިލް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތުގެ އަގުބޮޑުކަމާއި ޚިދުމަތުގެ ސްޕީޑް ލަސްކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ގިނަ ޒުވާނުންވެސް ދަނީ ކުރަމުންނެވެ. އިންޓަނެޓުގެ އަގުހެޔޮވާނެކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ކުރެއްވުމުން ރައްޔިތުން މިހާރު ތިބީ އެވަގުތެއްގެ އިންތިޒާރުގައެވެ. އިންޓަނެޓުގައި ތިބެގެންވެސް ރައްޔިތުންގެ އާދޭހަކީ ވީހާވެސް އަވަހަކަށް އިންޓަނެޓުގެ އަގުހެޔޮވެ އަތްފޯރާ އަގެއްގައި އެޚިދުމަތް ލިބުމެވެ.