ޒަމާނުއްސުރެ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅުމުގެ ކަންކަން ބެލެހެއްޓުމަށް އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތަކީ ދިވެހިންގެ ލޭނާރާ ގުޅިފައިވާ މަސްވެރިކަމެވެ. މީގެ ކުރިން މި މަސައްކަތުން މަސްވެރިންނަށް ބޮޑު ފައިދާއެއް ލިބެމުންދިޔަ ނަމަވެސް މަސްވެރިންނަށް މިކަމުން ނަފާއެއް ނުލިބިދާ ދުވަސްތައްވެސް މަދެއް ނޫނެވެ. މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެންވެސް މަސްވެރިންނަށް މިހާރު ކުރމަތިލާންޖެހިފައިވަނީ ހަމަ މިފަދަ ދުވަސްތަކަކާއެވެ. ޚާއްސަކޮށް ބޮޑުކަންނެލީގެ މަސްވެރިންނަށެވެ.

ބޮޑުކަންނެލީގެ މަސްވެރިކަމަކީ ގިނަ ދުވަސްތަކެއް ވަންދެން ކަނޑުމަތީގައި އުޅެ، އެތައް ދަލެއް އޮހޮރުވައިގެން ކުރެވޭ މަސްވެރިކަމެކެވެ. އެހެންނަމަވެސް އެތައް ދުވަހެއް ވަންދެން މަސްވެރިން ކުރާ މި މަސައްކަތުން އެމީހުންނަށް ރަނގަޅު ނަފާއެއް ނުލިބޭކަމީ ބޮޑުކަންނެލި މަސްވެރިކަން ކުރާ މަސްވެރިންގެ ޝަކުވާއެކެވެ. މަސްވެރިންގެ މި ޝަކުވާތައް އެންމެ ބޮޑުވެފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ކޮރޯނާވައިރަސް ފެތުރެން ފެށުމާއެކުގައެވެ. ކޮވިޑް-19 ފެތުރެން ފެށުމާއެކު ބޮޑުކަންނެއްޔަށް ދުނިޔޭގެ ބާޒާރުގައި އޮންނަ ޑިމާންޑު ދަށްވެ، ރާއްޖެއިން ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ކުރުމަށްވެސް މިވަނީ ގާތްގަނޑަކަށް ހުއްޓުމެއް އައިސްފައެވެ. މިކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބެމުންދަނީ މަސްވެރިކަމުން ލިބޭ އާމްދަނީން ދިރުއުޅުމުގެ ކަންކަން ދެކޮޅުޖައްސަން މަސައްކަތްކުރާ މީހުންނަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ލީޑަރު ހުސެއިން ނަޝީދު ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މަސްވެރިންނަކީ 10 ނުވަތަ 12 ވަރަކަށް ދުވަހު ކަނޑުމަތީގައި ވަގުތުތަކެއް ހޭދަކުރާ ބައެއް ކަމުގައެވެ. އެހެންނަމަވެސް ގިނަ ދުވަސްތަކެއް އާއިލާއާ ދުރުގައި ހޭދަކޮށްގެން މިކުރާ މަސައްކަތުން އެމީހުން ބާނާ މަސް ކިރާ އަގު ވަރަށްވެސް ދަށްކަން ނަޝީދު ފާހަގަކުރެއްވިއެވެ. މިހާރު ބޮޑުކަންނެލި ކިރަނީ 25 ރުފިޔާއަށް ކިލޯއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 80 އިންސައްތައަށްވުރެ ގިނަ ދޯންޏަށް ރަނގަޅު ފައިދާއެއް ނުކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަގަކީ 25 ރުފިޔާ. އެހެންކަމަށް ވާނަމަ ބައި ލައްކަ އެއްހާ ރުފިޔާ ހަރަދު ކަނޑާލާފަ ފަޅުވެރިއަކަށް ކުރާ މަސައްކަތާ އެކަށީގެންވާ ވަރުގެ އާމްދަނީއެއް ނުލިބޭ. ރާއްޖޭގެ އެކި ހިސާބުތަކުގައި ދޯނިފަހަރު އެބަތިބި ނުފުރިފަވެސް. ބައެއް ދޯނިފަހަރު އެބަފުރާ. ދެން ބަލާލި ބެލުމުގަ 85 ޕަސެންޓު ދޯނިފަހަރަކީ މިހާރު މި ކުރާ މަސްވެރިކަމުގައި އާމްދަނީއެއް ނުލިބި މަސްވެރިކަން ކުރާ ދޯނިފަހަރު. އެބޭފުޅުންނަށް ހަމަ ގޮތެއް ނެތީމަ ކުރަނީއޭވެސް ބުނެވިދާނެ.
ހުސެއިން ނަޝީދު

ނަޝީދު ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅޭ ފަޅުވެރިންނަށް ރަނގަޅު އާމްދަނީއެއް ލިބޭނީ އެންމެ މެދުވެގެންވެސް 6 ޓަނުގެ ކަންނެލި ބޭނިގެން ކަމަށެވެ. އެހެންނަމަވެސް މަހުގެ އަގު މިހާ ދަށްވެފައިވާނަމަ ކިތަންމެ ގިނައިން ކަންނެލި ބޭނުނު ކަމުގައި ވީނަމަވެސް މަސްވެރިންނަށް މިކަމުން ނަފާއެއް ނުލިބޭކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މި އަގުގައި ކަންނެލިމަހުގެ މަސްވެރިކަން ކުރާނަމަ ކަންނެލި މަސްވެރިކަން ނެތިގެން ދިޔުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ކަންނެލި ގަންނަ އަގު މިހާރަށްވުރެ ބޮޑުކޮށްދިނުމަށް ސަރުކާރުގެ ކިބައިން ނަޝީދު އެދިވަޑައިގެންނެވިއެވެ.

އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން އެދެން މިއަށްވުރެ މަތީ އަގެއް ކަންނެލި ގަންނަ ކުންފުނިތަކާއި، ސަރުކާރު މެދުވެރިވެގެން ވާހަކަ ދައްކައިގެން ބޮޑުކޮށްދިނުމަށް. 25 ރުފިޔާ މިއީ ކަންނެލި މަސްވެރިންނަށް މިކަން ކުރެވޭނެ އަގެއް ނޫނޭ އަޅުގަނޑު ދަންނަވާނީ.
ހުސެއިން ނަޝީދު

މިކަންކަމަކީ ހަމައެކަނި ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މަސްވެރިންގެ ޝަކުވާއެއް ނޫނެވެ. ކަނޑުމަހުގެ މަސްވެރިކަން ކުރާ މަސްވެރިންވެސް ހަމަ މި ޝަކުވާތައް ކުރެއެވެ. ކަނޑުމަހުގެ އަގުވެސް ބޮޑުތަނުން ދަށަށް ގޮސް ރަނގަޅު އާންދަނީއެއް ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިން ކުރެއެވެ. މިކަމުގެ ސަބަބުން އާންމު މިހާއަށް ހެޔޮ އަގުގައި މަސް ގަންނަން ލިބުނު ނަމަވެސް މަސްވެރިންނަށް އެމީހުން ކުރާ މަސައްކަތާ އެއްވަރުގެ އަގެއް ނުލިބޭ ކަމަށް ބުނެއެވެ. ކުންފުނިތަކަށް މަސް ކިރާ އަގު ކުޑަވުމާއި މާލޭގެ މަސް މާރުކޭޓަށް މަސް ކިރާ އަގު ކުޑަވުމުގެ ޝަކުވާވެސް އެމީހުން ކުރެއެވެ.

މަސް އެކި ދުވަހު އެކި އަގަށް މި ވިއްކަން ޖެހެނީ. މާރުކޭޓު އޮންނަނީ ގަނެވިއްކާ މީހުންގެ ބާރުގެ ދަށުގަ. އެމީހުން ބުނާ އަގަކަށް މަސް ވިއްކަން ޖެހެނީ. މަހުގެ އަގު ދަށްވީމަ ވަރަށް ބޮޑު ގެއްލުމެއްވޭ. އެދުވަހެއްގަ ލިބެންޖެހޭ އެއްޗެއް ނުލިބިއްޖިޔާ ތިބެނީ ނުކައޭ ބުންޏަސް ރަނގަޅުވާނެ
މަސްވެރިއެއް

މަސްވެރިންނާއި ބޮޑު ކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާއިރު، މަސްވެރިންގެ މި ކަންބޮޑުވުމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ފަރާތުންވެސް މަސައްކަތް ކުރަމުން ދެއެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ގައުމާ މުހާތަބުކުރައްވައި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި މަސްވެރިންނަށް ރަނގަޅު ނަފާއެއް ލިބޭނެ ގިނަ ކަންތައްތަކެއް ސަރުކާރުގެ ފަރާތުން ކޮށްދެމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މި މަސައްކަތަށް ހާއްސަ ޕެކޭޖެއް އެކުލަވާއިލައި، ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކަށް ލޯނު ދޫކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް މިކަމަށް ވަނީ ގާއިމްކޮށްފައެވެ.

ބޮޑުކަންނެލީގެ މަސްވެރިކަމަށް އެހީތެރިވެދިނުމަށްވެސް ސަރުކާރުން މިހާރު ވަނީ ޚާއްޞަ ޕެކޭޖެއް އެކުލަވައިލައި، ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކަށް ލޯނު ދޫކުރަން ފަށާފައި. ދޮށީގެ މަސްވެރިކަންވެސް މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި. ވޭތުވެދިޔަ ދެދުވަހުވެސް، ކޮންމެ ދުވަހަކު 300 އަށްވުރެ ގިނަ ޓަނު، މިފްކޯއަށް ކިރުވިއްޖެ. މި ދުވަސްވަރު މަސްވެރިންނަށް ދަތިނުވާނެގޮތަށް، ވީއެންމެ ރަނގަޅަކަށް މަސްވެރިންނަށް ސަރުކާރުން އިރާދަކުރެއްވިއްޔާ ފައިސާ ދޫކުރާނެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރުން މިފަދަ އެތައް ނިންމުމެއް ނިންމަމުން ދިޔަނަމަވެސް ބޮޑުކަންނެލި ގަންނަ އަގު މިހާރުގެ އަގަށްވުރެ ބޮޑުކޮށްދިނުމަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެއެވެ. މި އަގަށް ބަދަލެއް ނައިސް ދެމިގެންދާނަމަ ބޮޑުކަންނެލީގެ މަސްވެރިކަން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށް އެ ޔޫނިއަނުން ބުނެއެވެ.