ޔުނަިއޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާކަން ދިވެހި ސަރުކާރަށް މިހާތަނަށް ކަށަވަރުކުރެވިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވީނިއުސްއަށް ވިދާޅުވީ ޔޫއޭއީގައި ދިވެއްސަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވިކަން ދިވެހި ސަރުކާރަށް ކަށަވަރުނުކުރެވޭ ކަމަށެވެ. އެފަދަ ރިޕޯޓުތަކެއް އުޅޭތީ އަދިވެސް އެކަން ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެހިއްސަކު ހިމެނޭ ކަމަށް، އެގައުމުގެ ރަސްމީ އިދާރާތަކާ ހަވާލާދީ ޔޫއޭއީގެ މީޑިއާއިން ވަނީ ރިޕޯޓު ކޮށްފައެވެ.

ޔޫއޭއީގެ މީޑިއާއިން މިކަން ރިޕޯޓުކުރުމާއެކު ޔޫއޭއީގައި ހުންނަ އެމްބަސީއާ ގުޅިގެން ފޮރިން މިނިސްޓްރީން އަންނަނީ އެކަން ބަލަމުންނެވެ. އެކި ބޭނުންތަކަށް އެގައުމަށް ގޮސްއުޅޭ ދިވެހިންގެ މައުލޫމާތު ސާފުކޮށްފައިވާ ކަމަށާއި އެގައުމުގައި އުޅޭ ދިވެހި އާއިލާއެއްގެ ފަރާތުން ވެސް އެފަދަ ކަމެއް މިހާތަނަށް އަންގާފައި ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިކަމާ ގުޅޭގޮތުން، މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވީ ޔޫއޭއީގައި އުޅޭ ދިވެއްސަކު ޕޮޒިޓިވްވި ކަމަށް އެގައުމުގެ އެޗުޕީއޭއިން ކޮށްފައިވާ ޓުވީޓު ދެކެވަޑައިގެންނެވި ކަމަށާއި ފޮރިން މިނިސްޓްރީން އެކަން ބަލަމުން އަންނަ ކަމަށެވެ.

އަޅުގަނޑުމެންނަށް ކޮންފާމްޑް މިވެނިމީހެކޭ ބުނެވޭނީ އަޅުގަނޑުމެންނަށް ޔޫއޭއީގެ ސަރުކާރުން ޑޮކިއުމެންޓްސް އައިމަ. މިއަދު އަޅުގަނޑު މިތަނަށް ވަނުމުގެ ކުރިން ފޮރިން މިނިސްޓްރީއާ ވާކަހަދައްކާލިން. އެބޭފުޅުން ދަންނެވީ މިއަދު އެ ޑޮކިއުމެންޓް ލިބޭނެ ކަމަށް.
މަބްރޫކް

މަބްރޫކް ވިދާޅުވީ މިރޭ ބާއްވާ ޕްރެސް ކޮންފަރެންސްގައި މިކަމުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.

ޔޫއޭއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުން ބުނާއިރު މިއީ ދިވެއްސަކު މިވައިރަަހަށް ޕޮޒިޓިވްވި ކަމަށް ބުނާ ފުރަތަމަ ފަހަރެވެ.

ރާއްޖެއިން މިހާތަަނަށް 13 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު އެއީ މުޅިންވެސް ބިދޭސީންނެވެ. ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން ރަގަޅުނުވެ މިހާރު ތިބީ 5 މީހުންނެވެ.