އެޕަލްގެ އެޕް ސްޓޯރުގެ ހިދުމަތް މިއަހަރު މުޅިން އަލަށްދޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

އެޕަލްއަކީ ދިވެހިރާއްޖޭގެ އާބާދީގެވެސް ބޮޑު ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުންފުންޏެކެވެ.

އެޕް ސްޓޯރުގެ ހިދުމަތްދޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ނުހިމެނޭތީ އެޕަލްގެ ފޯނުތައް ރާއްޖޭގައި ބޭނުންކުރާ މީހުންނަށް އެކުންފުނިންދޭ ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ.

މިކަމާގުޅިގެން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ވިދާޅުވީ އެޕަލް ސްޓޯރުގެ ހިދުމަތްދޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމަނައިދިނުމަކީ ރާއްޖޭގައި އެޕަލްގެ ފޯނުތައް ބޭނުންކުރާ ގިނަ ބައެއް ކުރަމުން އައި އިންތިޒާރަށް ނިމުމެއްގެނުވި ކަމެއް ކަމުގައެވެ.

އަލީ ސޯލިހު ވިދާޅުވީ މިކަން ހަގީގަތަކަށް ހެއްދެވުމަށްޓަކައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، ގިނަބަޔަކާ ބައްދަލުކުރައްވައި މިކަމާ ގުޅެގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މިނިސްޓަރ މަލީހު ޔުނައިޓެޑް ސްޓޭޓްސްއަށް ކުރެއްވި ދަތުރުފުޅުގައި ޔޫއެސްގެ ފޮރިން މިނިސްޓަރާއި ޔޫއެސްގެ ސަފީރާ އެކުގައި ބޭއްވެވި އެކިއެކި ބައްދަލުވުންތަކުގައި މިކަމަށް މަގުފަހިކޮށްދެއްވުމަށް އެދިލެއްވިކަން އަލީ ސޯލިހު ފާހަގަަކުރެއްވިއެވެ.

މީގެ އިތުރުންވެސް މިފަދަ އެތައް ހިދުމަތެއް ރާއްޖެއަށް ތައާރަފު ކޮށްދިނުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަގެންދާކަން ފާހަގަކުރައްވައި އަލީ ސޯލިހު ވިދާޅުވީ މައިކްރޯސޮފްޓް އަދި ގޫގުލް ރާއްޖެ ގެނައުމަށް މި ދެކުންފުންޏާ މަޝްވަރާކޮށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ދެ ކުންފުނިންވެސް ރާއްޖެއަށް މި ހިދުމަތްތައް ފޯރުކޮށްދޭނެ ކަމުގެ ފެހި ސިގްނަލެއް ދީފައިވާކަމަށް އަލި ސޯލިހު ވިދަޅުވިއެވެ.

މިފަދަ ހިދުމަތްތައް ރާއްޖެ ގެނައުމުގެ މަސައްކަތް މިނިސްޓްރީން ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންދާކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް މިފަދަ އެތައް ހިދުމަތެއް ރާއްޖެއަށް ގެނެސް ދިވެހިންގެ މި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަަމުން ގެންދަވާނެކަމަށް އޭނާ ވިދާޅުވިއެވެ.