ހޮލީވުޑްގެ ސުޕަހީރޯ ފިލްމު "ވޮންޑަ ވުމަން 1984" ސިނަމާތަކަށް ގެންނާނީ މިއަހަރުގެ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ކަމަށް ވޯނާ ބްރަދާޒްއިން އިއުލާންކޮށްފިއެވެ.

މިފިލްމު ސިނަމާތަކުގައި އަޅުވަން ކުރިން ނިންމާފައިވަނީ ޖޫންމަހުގެ 5 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް ކޮރޯނާވައިރަސްގެ ސަބަބުން މީހުން އެއްވާ ހަރަކާތްތައް ހުއްޓާލަން ޑަބްލިއުއެޗްއޯއިން އެންގުމާގުޅިގެން ފިލްމު އަޅުވާ ތާރީހު ވަނީ ފަސްކޮށްފައެވެ.

"ވޮންޑަ ވުމަން 1984" އަކީ 2017 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ވޮންޑަ ވުމަން" ގެ ސީކުއަލް އެކެވެ.

ފިލްމުގެ ޓައިޓަލް ރޯލުން ގަލް ގެޑޯ ފެނިގެންދާއިރު ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި ކްރިސް ޕައިން، ކްރިސްޓެން ވިގް، ޕެޑްރޯ ޕާސްކަލް، ރޮބިން ރައިޓް އަދި ކޮނީ ނީލްސަން ހިމެނެއެވެ. ފިލްމު ޑައިރެކްޓު ކޮށްފައިވަނީ ޕެޓީ ޖެންކިންސް އެވެ.

"ވޮންޑަ ވުމަން 1984" ގެ މަންޒަރުތައް ނަގާ ނިންމާ މިހާރު ކުރިއަށްދަނީ ޕޯސްޓު ޕްރޮޑަކްޝަން މަސައްކަތްތަކެވެ.

މިފިލްމަށް ޖުމްލަ 200 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.

150 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި "ވޮންޑަ ވުމަން" ގެ ފުރަތަމަ ފިލްމަށް ބޮކްސް އޮފީހުގައި 821.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ހޮލީވުޑް ގިނަ ފިލްމުތަކެއް ވަނީ ތާރީހެއް ނެތްގޮތަށް ފަސްކޮށްފައެވެ. އޭގެތެރޭގައި ވޯނާ ބްރަދާޒްގެ ގިނަ ފިލްމުތަކެއްވެސް ހިމެނެއެވެ.