އީރާނުގެ އެއް ސިޓީން އަނެއް ސިޓީއަށް ދަތުރުކުރުން، އީރާނު ސަރުކާރުން މަނާކޮށްފިއެވެ.

އީރާނު ސަރުކާރުން މިކަން މަނާކުރީ، މާޗް 20 ވަނަ ދުވަހު ފެށުނު ފާރިސީންގެ އައު އަހަރުގެ ޗުއްޓީއާ ދިމާކޮށް ދަތުރުފަތުރު ނުކުރުމަށާއި، ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދިން އިރުޝާދުތަކަށް ގިނަބަޔަކު ބޯނުލަނބައި ތަންތަނަށް ދަތުރުކުރަމުންދާ މައްސަލާގައެވެ.

މިކަމާހެދި އީރާނު ސަރުކާރުން އިއްޔެ ވަނީ ކޮރޯނާވައިރަސްގެ ދެވަނަ ބާނި އަތުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

ސަރުކާރުގެ ތަރުޖަމާނު އަލީ ރާބިއީ ވަނީ، ސިއްހީ ފަރާތްތަކުގެ އެންގުންތައް ބޮލާލާޖަހައި ފުރައިގެންދިޔަ އެންމެނާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅުއަޅާނޭ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

ކޮވިޑް-19 ބަލީގައި އީރާނުން މިހާތަނަށް 2،234 މީހުން މަރުވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ އަދަދުވަނީ 29،406 އަށް އަރާފައެވެ.

އީރާނުގައި، ކޮރޯނާވައިރަސް ފެތުރުން ހުއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހެޑްކުއާޓަރުގެ މެމްބަރެއް ކަމަށްވާ ހުސައިން ޒުލްފަގާރީ ވަނީ، އައު އަހަރުގެ ބަންދަށް ފުރައިގެންދިޔަ އެންމެންވެސް އެއްވެސްތާކު މަޑުނުކޮށް އެނބުރި އައުމަށް ގޮވާލައްވާފައެވެ.

ވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެގޮތުން ސްކޫލްތަކާއި، ޔުނިވަރސިޓީތަކާއި، ޘަގާފީ އަދި ކުޅިވަރު ސެންޓަރުތައް އީރާނު ސަރުކާރުން ބަންދުކޮށްފައި ވާއިރު، ތަންތަނަށް ނުދިއުމަށާއި، ގޭގައި ތިބުމަށް ސަރުކާރުން ގެންދަނީ ރައްޔިތުންނަށް އިރުޝާދު ދެމުންނެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ، ވައިރަސް ފެތުރުން ކުރިއަށްއޮތް ދެހަފްތާ ތެރޭގައި މުޅިން ހުއްޓުމަކަށް ގެނެވޭނޭ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

ހަމަ އެއާއެކު، ވައިރަސްއާ ގުޅިގެން މަދުން އާމްދަނީ ލިބޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއިދިނުމަށް ފިޔަވަޅުތައް އަޅުއްވަން ފަށްޓަވައިފި ކަމަށްވެސް ރައީސް އިޢްލާން ކުރެއްވިއެވެ.

އެކަމަށްޓަކައި ގައުމުގެ މާލިއްޔާއިން އެއްބިލިއަން އެމެރިކާ ޑޮލަރު ނެންގެވުމުގެ ހުއްދައަކަށް އެދި ރޫހީ ލީޑަރު އާޔަތުﷲ އަލި ޚާމަނާއީއަށް މިއަދު ސިޓީ ފޮނުއްވާނޭ ކަމަށް އީރާނުގެ ރައީސް ވިދާޚުވިއެވެ. އީރާނު ދައުލަތުގެ ކަންކަމުގައި އެންމެފަހުބަސް ވިދާޅުވާ ބޭފުޅަކީ ރޫހީ ލީޑަރެވެ.

ރައީސް ރޫހާނީ ވިދާޅުވީ، އެމެރިކާގެ ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކާ އެކުވެސް ކޮވިޑް-19 ވައިރަހުގެ ކަންތަކުން އީރާނު އަރައިގަންނާނޭ ކަމަށެވެ. އަދި އިގްތިސާދުވެސް ހަމަޔަކަށް އަޅުވާނޭ ކަމަށެވެ.

ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރުމަށް ހުރި ހުރަސްތަކާހެދި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާއަށް ގޮވާލުމަށް، އީރާނު ސަރުކާރުންވަނީ އދއާއި ދުނިޔޭގެ ހުރިހާ ގައުމުތަކުގެ ކިބައިން އެދިފައެވެ. ނަމަވެސް، އެމެރިކާއިންވަނީ އެއްވެސް ދުލެއް ދިނުމަށް ދެކޮޅުހަދާފައެވެ.

ބަދަލުގައި އެމެރިކާއިން ހުށަހެޅީ އީރާނަށް އިންސާނީ އެހީ ދިނުމަށެވެ. ނަމަވެސް، އެމެރިކާގެ އެ އަމަލަކީ ޓްރިކެއް ކަމަށްބުނެ އީރާނުންވަނީ އެމެރިކާގެ ހުށަހެޅުމާ ދެކޮޅު ހަދާފައެވެ.