ފުލުހުންނާއި، ސިއްހީ އިމަޖެންސީ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ މޫނުމައްޗަށް ކެއްސާނަމަ 2 އަހަރަށް ޖަލަށްލާނޭ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ޑިރެކްޓަރ އޮފް ޕަބްލިކް ޕްރޮސެކިއުޝަންސް މެކްސް ހިލް ވިދާޅުވީ، ފުލުހުންގެ މޫނު މައްޗަށާއި، ސިއްހީ އިމަޖެންސީ ޚިދުމަތުގައި އުޅޭ ފަރާތްތަކުގެ މޫނުމައްޗަށާއި، އަދި ފިހާރަތަކުގައި މަސައްކަތްކުރާ ސްޓާފުންގެ މޫނުމައްޗަށް ބައެއް މީހުން ގަސްތުގައި ކެއްސާކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.

މެކްސް ހިލް ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ދެކޮޅަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ޚާއްސަކޮށް ސިއްހީ އިމަޖެންސީ މަސައްކަތްތެރިން ކަމަށެވެ.

އެހެންކަމުން، ކޮރޯނާވައިރަސް ހުރިކަމަށް ދައްކައި، އެއިން މީހެއްގެ މޫނުމައްޗަށް ގަސްތުގައި ކެއްސާ ފަރާތްތަކާ ދެކޮޅަށް، މީހަކަށް ހަމަލާދިނުމުގެ ދައުވާ އުފުލުއްވާނޭ ކަމަށް ޑިރެކްޓަރ އޮފް ޕަބްލިކް ޕްރޮސެކިއުޝަންސް މެކްސް ހިލް ވިދާޅުވިއެވެ.

ކޮރޯނާވައިރަސް ޖެހިފައި ހުރި މީހެއްކަމަށް ދައްކައި މީހުންނަށް ކޮރޯނާގެ ބިރުދެއްކުމަކީ ޖިނާއީ ބޮޑު ކުށެއްކަމަށް އިނގިރޭސި ޕްރޮސެކިއުޓަރުން ވިދާޅުވެއެވެ.

އިނގިރޭސިވިލާތުން މިފަދަ އިންޒާރެއް ދިންއިރު، "ކޮރޯނާ ޗެލެންޖް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ދަނީ މިފަދަ ވިޔާނުދާ އަމަލެއް ހިންގަމުންނެވެ.

އެ ޗެލެންޖްގައި ކުރާކަމަކީ މީސްމީހުންގެ މޫނުމައްޗަށް ކެއްސުމަށްފަހު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ޝެއަރ ކުރުމެވެ. މި ޗެލެންޖްގައި ކެއްސުމަށް ބާރުއަޅަނީ، ވައިރަސްގެ ބިރުގައި އުޅޭ މީހުންނާއި، އުމުރުންދުވަސްވީ ނާޒުކު ހާލަތުގައި ތިބޭ މީހުންގެ މޫނުމައްޗަށެވެ.

މިކަން ބޮޑަށް ހިނގަމުންދަނީ ޔޫރަޕް ސަރަހައްދުގައެވެ. މިކަމުގައި އިސްކޮށް އުޅެނީ ޒުވާނުންނެވެ.

ކޮރޯނާވައިރަސް ޖެހިފައި ހުރި މީހެއްކަމަށް ދައްކައި، މީސްމީހުންގެ މޫނުމައްޗަށް ކެއްސައިގެން ބައެއް ގައުމުތަކުގައި ބައެއްމީހުން ހައްޔަރުކޮށްފައިވެސް ވެއެވެ. އިނގިރޭސިވިލާތުގައި، އުމުރުން ދުވަސްވީ ދެމަފިރިއެއްގެ މޫނަށް ކެއްސައިގެން ތިން ޒުވާނުން ހައްޔަރުކޮށްފައި ވެއެވެ.

އަޔަރލޭންޑްގެ ހެލްތު މިނިސްޓަރ ސައިމަން ހެރިސްގެ މޫނުފުޅު މައްޗަށް ޒުވާން އަންހެނަކާއި ފިރިހެނަކު އަޑުހަރުކޮށް ކެއްސުމަށްފަހު ހެމުންހެމުން ދިޔަކަމަށް ސައިމަން ވިދާޅުވެފައި ވެއެވެ. އަދި އެ ދެމީހުންކުރި ވަރަށް ވިޔާނުދާ މުޑުދާރު އަމަލެއް ކަމަށް ސައިމަން ވިދާޅުވެފައި ވެއެވެ.

އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ގާނޫނުން ދެވެންއޮތް އެންމެބޮޑު އަދަބު ދެއްވާނޭ ކަމަށް ސައިމަން ހެރިސްވަނީ ވައުދުވެވަޑައި ގެންފައެވެ.

"ކޮރޯނާ ޗެލެންޖް" އާ ގުޅުންހުރި ހުރިހާ ވީޑިއޯއެއް ފޮހެލުމަށްފަހު ޓިކްޓޮކްއިން އެދިފައިވަނީ، ވައިރަސްއާބެހޭ ތެދު އަދި އާންމުންނަށް ބޭނުންތެރި މައުލޫމާތު ހިއްސާކުރުމަށެވެ.