ސްކޫލްތައް އަނެއްކާވެސް އިތުރު އެއް ހަފުތާއަށް ބަންދުކުރުމަށް ސަރުކާރުން ނިންމައި، އެކަން މިވަނީ ހާމަކޮށްފައެވެ. މިއާއެކު ދަރިވަރުންނަށް ލިބިގެން މިދަނީ ޖުމްލަ 3 ހަފުތާގެ ބަންދެކެވެ. ފަހަރުގައި ކަންތައް ވެގެންދާ ގޮތުން މިބަންދު މިއަށްވުރެ ދިގުލައިދިޔުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ސްކޫލްތައް ކުއްލިގޮތަކަށް ބަންދުކުރަން ޖެހުނު ކަމުގައިވިޔަސް، ފިލާވަޅުތައް ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި އެއްވެސް ލަސްކަމެއް ނޫޅޭނެ ކަމަށް މީގެ ކުރިން އެޑިޔުކޭޝަނު މިނިސްޓްރީން ވަނީ ޔަގީންކަން ދީފައެވެ. އަދި އޭރު ގްރޭޑް 10 އަދި މެއި/ޖޫން ގެ އޭއެސް އިމްތިހާނަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް ފިލާވަަޅު ނަގައިދިނުމަށް ހުރިހާ ތައްޔާރީތަކެއްވެ، އެކަން ވަނީ ޓެލެކިލާސްތަކުގެ ގޮތުގައި ދެތިން ދުވަސް ވަންދެން ކުރިއަށްވެސް ގެންގޮސްފައެވެ. އަދި އެހެން ގްރޭޑްތަކުގެ ކުދިންނަށް ބައެއް ފިލާވަޅުތަކާއި ވޯކްޝީޓުތައް ވަނީ ހަވާލުކޮށްފައެވެ. އަދި މިކަން ދިގުލައިގެން ހިނގައްޖެނަމަ އަމަލުކުރާނެ ގޮތުގެ ސްކީމެއް އެކުލަވާލަމުންދާ ކަމަށްވެސް މިމަހުގެ ފަނަރަ ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ ހާމަކޮށްފައެވެ.

އަދި ކޮވިޑް 19އާ ގުޅިގެން ސްލޫލްތައް ބަންދުކުރުމަށް ފުރަތަމަ ނިންމިއިރު، މިނިސްޓްރީން ވަނީ ހުރިހާ ގްރޭޑެއްގެ ދަރިވަރުންގެ ތެރެއިން އިންޓަނެޓުގެ ޚިދުމަތާއި ކޭބަލް ޓީވީގެ ޚިދުމަތް ނުލިބޭ ދަރިވަރުން ދެނެގަތުމުގެ މަސައްކަތް ކޮށްދިނުމަށް ސްކޫލްތަކުގައި އެދިފައެވެ.

އަޅުގަނޑުމެން ފުރަތަމަ މަސައްކަތް މި ފެށީ ގްރޭޑް 10 އަދި އޭއެސް ކުދިންނަށް އަމާޒުކޮށް، އެއީ މިވަގުތަށް އެންމެ މުހިންމީ އެކުދިންގެ ފިލާވަޅުތައް ކަމަށްވާތީ، އެކަމަކު މާދަމާ މުދައްރިސުން ނުކުންނަވާނެ އެހެން ގްރޭޑްތަކުގެ ކުދިންގެ މެޓީރިއަލްތައް ތައްޔާރުކުރުމަށް
މާޗް 15، އެޑިޔުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ

އެހެންނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ފެށި ޓެލެކިލާސްތައް ހުއްޓާލައި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ސްކޫލްތަކުން ރާވާފައިވާ ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިމަހުގެ 18 ވަނަ ދުވަހު ނިންމާފައެވެ. އެއީ ސަރުކާރު ބަންދުކުރުމަށް ނިންމުމާ ގުޅިގެންނެވެ.

މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ފުރަތަމަ ނިންމާފައި އޮތަސް، މިމަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަނެއްކާވެސް ބަންދުގެ މުއްދަތު އިތުރުކުރައްވާފައެވެ.

މިއަންނަ އާދީއްތަ ދުވަހުން ފެށިގެން، އިތުރު އެއް ހަފުތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުވާނެ. އަދި އެ މުއްދަތުގައި ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ކިޔެވުންވެސް ބަންދުވާނެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

އަދި މިދުވަސްވަރަކީ ދަރިވަރުން ގޭގައި ތިބޭނެ ދުވަސްވަރަކަށް ވުމުން، ދީނީ ކަންކަމަށް ދަރިވަރުން އަހުލުވެރިކުރުވައި، ގޭތެރޭގައި ކުރާ މަސައްކަތްތަކުގައި ދަރިވަރުން ބައިވެރިކޮށް ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަަމަށް އިސްކަންދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ޓެލެކިލާސްތަކާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކިޔަވައިދިނުމުގެ ޕްރޮގްރާމުތައް މެދުކަނޑާލަން ނިންމިއިރު، ޔެސް ޓީވީ މެދުވެރިކޮށް އައީ ބައެއް ކްލާސްތައް ނަގައިދެމުންނެވެ. އަދި އޭއެސް އިމްތިހާން ހެދުމަށް ތައްޔާރުވަމުންދާ ދަރިވަރުންގެ ފިލާވަޅުތައް ވީޓީވީ މެދުވެރިކޮށް ދެއްކުމަށް ނިންމައި، އެކަމުގެ މަސައްކަތްތައް އައީ ކުރަމުންނެވެ. އަދި ގްރޭޑް 9 ގެ ދަރިވަރުންގެ ފިލާވަޅުތައް ދިވެހި ޗެނަލް މެދުވެރިކޮށް ގެނެސްދިނުމަށްވެސް އައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޓީވީތައް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި އެ ކްލާސްތައް ވެސް ފަހުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ސަރުކާރު އޮފީސްތަކާއި ސްކޫލްތަކުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފައިވާއިރު، މިއާ ގުޅިގެން ބެލެނިވެރިންނާއި ދަރިވަރުން އަދި މުދައްރިސުންގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. މިހާބޮޑު ބަންދެއް ކުއްލިއަކަށް އައުމުން ދަރިވަރުންގެ ފިލާވަޅުތަކަށް ދެން ވާނީ ކިހިނެއްތޯ އަންނަނީ ސުވާލު އުފައްދަމުންނެވެ. ޚާއްސަކޮށް ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ފިލާވަޅުތައް މަޑުޖެހިގެން ދިޔުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އަދި މިނޫންވެސް ގްރޭޑްތަކުގެ ކުދިންނަށް މިދުވަސްވަރު އެއްވެސް ކަހަލަ ފިލާވަޅެއް ނުވަތަ މަސައްކަތެއް ހަވާލުނުކުރާނީތޯ މިއީ ވަރަށް ގިނަ ބެލެނިވެރިންގެ ސުވާލެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އަމާޒަކީ ވީހާވެސް ގިނަ ކުދިންތަކަކަށް ފިލާވަޅުތައް ފޯރުކޮށްދިނުމެވެ. ވީހާވެސް ގިނަ ވަސީލަތްތައްތައް ބޭނުންކުރުމުގެ މަގްސަދަކީވެސް އެއީ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ބެލެނިވެރިންގެ އުންމީދަކީ ދަރިވަރުންނަށް އެއްވެސް ދަތިިކަމެއް ނެތި ފިލާވަޅުތައް ލިބުމެވެ. އެހެންކަމުން، ދެން އެޑިޔުކޭޝަން މިނިސްޓްރީން އަމަލުކުރާނީ މިމަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރިގޮތަށް ޚާއްސަ ސްކީމެއްގެ ދަށުން ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކަމަށް ލަފާކުރެވެއެވެ.

އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު މުހައްމަދު އިހުސާން ވިދާޅުވީ ސްކޫލް ބަންދުކޮށްފައި އޮތް އޮތުން ދިގު ދެމިގެން ހިނގައްޖެނަމަ، އެހާލަތަށް ތައްޔާރުވުމަށްޓަކައި މުދައްރިސުން މަސައްކަތްކުރައްވާނެ ކަމުގައެވެ.

އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ބޭނުންކުރާނެ ޚާއްސަ ސްކީމެއް މުދައްރިސުން އެކުލަވާލާނެ. އެސްކީމްގެ ދަށުން ކޮންމެ މާއްދާއަކަށް ސްކީމެއް އެކުަލޥާލާނެ. އަދި ކުދިންނަށް ބޭނުންވާނެ ޑިޖިޓަލް މެޓީރިއަލް ތައްޔާރުކުރުމުގެ މަސައްކަތް މުދައްރިސުން ކުރިއަށް ގެންދަވާނެ. ގްރޭޑް 1ކުން ފެށިގެން 9ގެ ދަރިވަރުންނަށް މިއޮންނަނީ ވަރަށް ބޮޑު ސިލަބަސްއެއް. މިފަދަ ހާލަތަކަސް ތައްޔާރުވެގެނެއް ނޫން ތިބީ. އެހެން ވީމަ މިހަފްތާ ބޭނުންކުރާނީ މިހާލަތުގައި ބޭނުންކުރުމަށް ޚާއްސަ ސްކީމެއް ތައްޔާރުކުރުމަށް
މާޗް 15، އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު މުހައްމަދު އިހުސާން

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާއިރު މެއި/ޖޫންގައި ބާއްވަން ހަމަޖެއްސި އޭލެވެލް އިމްތިހާނު މިއަހަރުގެ އޮކްޓޫބަރު/ނޮވެމްބަރަށް ވަނީ ފާސްކޮށްފައެވެ. ސްކޫލްތަކުގެ އިތުރަށް ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތައުލީމު ދޭ އެހެނިހެން މުއައްސަސާތައް ވެސް ވަނީ ސަރުކާރުގެ ނިންމުމާ އެއްގޮތަށް ބަންދުކޮށްފައެވެ. އެހެންކަމުން މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ކިޔެވުން ވެސް ވަނީ މަޑުޖެހިފައެވެ.

ސަރުކާރު އޮފީސްތަކުގެ ބަންދުގެ މުއްދަތު އިތުރުކޮށް ސްކޫލްތަކާއި ތައުލީމު ދޭ ހުރިހާ ތަނެއްގެ ބަންދުގެ މުއްދަތުވެސް އިތުރު އެއްހަފުތާއަށް އިތުރުކޮށްފައިވާއިރު ދަރިވަރުންގެ ކިޔެވުން ދެން ކުރިއަށް ގެންދާނެ ގޮތަކާމެދު އެޑިއުކޭޝަން މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެއެވެ. ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުން ތިބީ މިދުވަސްވަރު ގެއްލުނު ފިލާވަޅުތައް ނަގައިދޭނެ ގޮތަކާއި މިހާލަތު އިތުރަށް ދެމިގެންގޮސްފިނަމަ، ދުރުމުސްތަގުބަލަށް މިނިސްޓްރީން ރާވާ ޕްލޭންތަކުގެ އިންތިޒާރުގައެވެ.