ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ފެތުރޭ މިންވަރު ކުޑަކޮށް ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކާ ސިއްޙީ މާހިރުން ދަނީ ހުރިހާ ފަރާަތްތަކުންވެސް ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ނަސޭހަތްތެރި ވަމުންނެވެ.

ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުހަންމަދު ސޯލިޙްވެސް ވަނީ ދިވެހި ރައްޔިތުން ކިބައިން ބޭރަށް ނުކުމެވަޑައިނުގެން ގޭގައި މަޑުކޮށްދިނުމަށް ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން އެދިފައެވެ.

މިދަނޑިވަޅުގައި ގޭތެރޭތިބެ ހުރިހާ ފަރާތްތަކުންވެސް ދަނީ ގިނަ ކަންތައްތަކެއް ކުރަމުންނެވެ.

ބޭރުގެ މަޝްހޫރު ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ކުރީގެ އަދި މިހާރުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންނާއި ވަޒީރުންވެސް ރައްޔިތުންނަށް ގޭގައި މަޑުކުރުމަށް މިސާލު ދެއްކުމުގެ ގޮތުން "#ސްޓޭއެޓްހޯމް" ގެ ޗެލެންޖްތަކުގައި ބައިވެރި ވަމުންދާތަން މިދަނީ ފެންނަމުންނެވެ.

މި ޗެލެންޖްއަކީ ޓޮއިލެޓް ޕޭޕާރ ނުވަތަ ޓިޝޫ ރޯލް ބޭނުންކޮށްގެން ބަޔަކު ފަށާފައިވާ ޖަގްލްކުރުމުގެ ޗެލެންޖެކެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ނަން މަޝްހޫރު ކުޅުންތެރިންގެ ތެރޭ ހިމެނޭ ބާސެލޯނާގެ ތަރި ލިއޮނެލް މެސީއާއި އެޓީމުގެ އަރްޓޫރޯ ވިޑާލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް އަދި ރެއާލް މެޑްރިޑްގެ އިސްކޯއަކީ މިހާތަނަށް މި ޗެލެންޖް ފުރިހަމަ ކޮށްފައިވާ ބައެއް ކުޅުންތެރިންނެވެ.

އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ އަލީ އަޝްފާގް (ދަގަނޑޭ) އާއި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހުލޫފްގެ އިތުރުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުވެސް ވަނީ މި ޗެލެންޖްގައި ބައިވެރިވެވަޑައިގެންފައެވެ.

ޗެލެންޖް ފުރިހަމަ ކުރުމަށްފަހު ސޯޝަލް މީޑިއާގައި މީގެ ވީޑިއޯއެއް ހިއްސާކުރެވެއެވެ. އަދި އިތުރު ފަރާތްތަކަކަށް މި ޗެލެންޖް ފުރިހަމަ ކުރުމަށް ދައުވަތު ދެވެއެވެ.

މިގޮތުން ރާއްޖޭގެ ފުޓުބޯޅަައިގެ ރަސްގެފާނު ދަގަނޑޭ މި ޗެލެންޖްއަށްފަހު އިންޑިއާގެ ފުޓުބޯޅަ ލެޖެންޑް ބައިޗުން ބުޓިއާއަށް ޗެލެންޖްގައި ބައިވެރިވުމަށް ދައުވަތު ދިނުމުން ބައިޗުންވެސް ވަނީ މި ޗެލެންޖްގައި ބައިވެރިވެ ވީޑިއޯ އޭނާގެ ޓުއިޓާ އެކައުންޓްގައި ހިއްސާ ކޮށްފައެވެ.