ކޮރޯނާވައިރަހުގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫސިޓީގެ އާންމު ޚިދުމަތްދޭ ތަންތަން ރޭގަނޑު ބަންދުކުރަން ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްފިއެވެ.

ސިއްޙީ ޚިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އާންމު ޚިދުމަތް ދޭ ތަންތަނުގެ ޚިދުމަތް، މާރޗު 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6ގެ ފަހުން، ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6 އިން ހަވީރު 6 އަށް ކަމަށް އެކައުންސިލުން ނިންމީ މިދިޔަ ބުދަދުވަހުއެވެ.

މި ނިންމުމަކީ ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލްއާއި މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެއްކަމަށް އައްޑޫސިޓީގެ މޭޔަރު އަބްދުއްﷲ ސޯދިގު ވިދާޅު ވެފައިވެއެވެ.

ނަމަވެސް މިފަދަ ނިންމުމެއް ނިންމަން އަންގާފައި ނުވާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އައްޑޫސިޓީކައުންސިލުން ނިންމި ނިންމުން ބާތިލުކޮށް ނެރިފައިވާ އިއުލާނުގައިވަނީ ކުރީގެ ނިންމުން ބާތިލުކުރީ ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދެއްގައި އެފަދަ ފިޔަވަޅެއް އަޅާނެ ފަދަ ހާލަތެއް އޮތް ކަމަށް އެޗްޕީއޭ އިން ނުދެކޭތީ ކަމަށެވެ.

އެ ކައުންސިލުން މަސައްކަތްކުރަމުންދަނީ މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އައްޑޫސިޓީގެ ރައްޔިތުން މިބަލިން ރައްކާތެރިކޮށް، ބަލި އައްޑޫސިޓީއަށް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ކަމަށެވެ.

އަދި ރާއްޖޭގައި އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އާންމު ހާލަތަށް ރުޖޫޢަ ވަންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްޙީ ޚިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި ޢާންމު ޚިދުމަތްދޭ ތަންތަނުން (ފިހާރަތަކާއި އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން) ޚިދުމަތް ދިނުމުގައި ހެނދުނު 6 އިން ހަވީރު 6 އާއި ދެމެދު ޚިދުމަތް ދިނުމަށް އިސްކަން ދިނުމަށާއި ދުވާލުގެ ވަގުތުގައި ވިޔަފާރިކޮށް ނިންމުމަކީ ކައުންސިލްގެ އިލްތިމާސެއްކަމަށް އެ ކައުންސިލުން ބުނެއެވެ.