ދުނިޔޭގެ ފިނިހޫނުމިން އަންދާޒާ ކުރެވޭގޮތަށް ބަލާއިރު، ދުނިޔެ ހޫނުވާ ނިސްބަތް އަހަރަކަށްވުރެ އަހަރަކު އިތުރުވަމުންދާކަމުގެ ސިގުނަލް ސައިންސްވެރިން ދަނީ ދެމުންނެވެ. އެކަމުގެ އިހުސާސް އަދި ތަޖުރިބާ އަހަރުމެންނަށް އެތައް ގޮތަކުން މިދަނީ ކުރެވެމުންނެވެ.

މޫސުމީ ތާވަލް އެގޮތްމިގޮތަށް އެނބުރި ހޫނުކަމާއި ހައިހޫނުކަމާއި ކުރިމަތިލާން ޖެހި، ޖަންގަލިތަކުގައި ރޯވެ އެތެއް ދިރުންތަކެއް ނެތިގޮސް، ގަނޑުފެންތައް ވިރި ކަނޑުގެ ލޮނުގަނޑު އުސްވަންދަނީ އެވެ. ތަފާތު އެކިއެކި ބަލިމަޑުކަމާއި ކުރިމަތިލާންޖެހުމުގެ އަސްލަކީ ދުނިޔެއާއިމެދު އަހަރުމެން އިންސާނުން ފަރުވާކުޑަ ކުރުން ކަމަށް ތަރުޖިބާކާރުން އަބަދުމެ ދަނީ ހަނދާންކޮށްދެމުންނެވެ.

އެމެޒަން ފޮރެސްޓްގައި ރޯވި އަލިފާން

ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއި މެދު އިންސާނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކު މުޅި ދުނިޔޭގައި ކުރިއަށްގެންދާ "އާރތު އަވާރ" މިވަނީ ކައިރިވެފަ އެވެ. ދުނިޔެއަށްޓަކައި ހުރިހާ ދިއްލުންތައް ނިއްވާލައި މަދުވެގެން އެއްގަޑިއިރު ފާހަގަކުރުމަށް، ކޮންމެ އަހަރެއްގެ މާރޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަސް ވަނީ ޙާއްސަކޮށްފައެވެ.

މިއަހަރު މަރޗް މަހުގެ އެންމެ ފަހު ހޮނިހިރަކީ 28ވާ ހޮނިރު ދުވަސް މިއަދު އެވެ. މިރޭ 8:30 ފެށިެގން 9:30 އަށް ކަރަންޓް ބޭނުންކޮށްގެން ދިއްލާ ދިއްލުންތައް 60 މިނެޓަށް ނިވާލައި އަރތު އަވަރގެ ވަަގުތު ފާހަގަކުރާނެ އެވެ.

ޖައްވު ހޫނުވުމުގެ މައްސަލަތަކާއި ގުޅިގެން ދިމާވާ ތިމާވެށީގެ މައްސަލަތަކަށް ލުޔެއް ހޯދުމަށް ފަށާފައިވާ "އާރތު އަވަރ" ކެމްޕެއިން އަކީ، ވޯލްޑް ވައިލްޑްލައިފް ފަންޑް އާއި ސިޑްނީގެ ނޫސް މަޖައްލާއެއް ކަމަށްވާ "ދަ ސިޑްނީ މޯރނިންގ ހެރަލްޑް" ގެ އިސްނެގުމުގެ މަތިން 2007 ވަނަ އަހަރު ފެށި ހަރަކާތެކެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ "އާރތު އަވާރ" ގައި ހުރިހާ ފަރާތްތަކުން ބައިވެރިވެދިނުމަށް "އަރތް އަވަރ މޯލްޑިވުސް" އިން ވަނީ ގޮވާލާފައެވެ. އެ ޖަމިއްޔާއިން ވަނީ ގޭގައި ތިބެގެން "އާތު އަވާ"ގެ ހަރަކާތުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިދިނުމަށް އެދިފަ އެވެ.

ނަމަވެސް އެހެން އަހަރުތަކާއި މިއަހަރު ތަފާތެވެ. މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19ގެ ވަބާއިން އަރައިގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިބަލި ފެތުރުން ހުއްޓުވުމަށް އެޅިދާނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ގެއިން ނުނިކުމެ އަދި މީހުން ގިނައި އެއްވެ އުޅޭ ތަންތަނަށް ނުދިއުން ކަމުގައިވާއިރު، ބައެއް ޤައުމުތައް ލޮކްޑައުންކޮށް ގިނަބަޔަކު މިވަގުތު ތިބީ ގޭގައެވެ.

ގޭގައި ގިނަ ދުވަސްތަކެއްވަންދެން ތިބެން ޖެހުމުގެ ބުރަ ދުނިޔެއަށް އުފުލަންޖެހިދާނެ ކަމުގެ ބިރުވެސް އެބައޮތެވެ. އެހެނީ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރު އަނެއްޔާވެސް ޖައްވަށް ބޭރުވެގެންދާ ވިހަގޭސް އިތުރުވެގެން ހިނގައިދާނެތީއެވެ. އަދި ހަމަ އެހެންމެ ގިނަ ވަގުތު ގޭގައި ތިބެންޖެހުމުން ގޭގައި ކަރަންޓާއި ފެނުގެ ޚަރަދުވެސް އިތުުރުވެގެންދާނެ އެވެ.

އެހެންކަމުން މިވަގުތަކީ ގޭގައި ތިބެގެން "އާރތު އަވާރ" ގައި ބައިވެރިވެ ދުނިޔެއަށްޓަކައި އެންމެން ގުޅިގެން ވަގުތުކޮޅެއް ހޭދަކޮށްލަން ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

ގޭގައި ތިބެގެން މިހަރަކާތުގައި ބައިވެރިވުމަށް ކޮންމެހެން ދިއްލަން ނުޖެހޭ ބޭކާރު ދިއްލުންތައް ނިވާލާށެވެ. މީގެ އިތުރަށް މޯބައިލް ފޯނުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި މި ހަކަރާތުގައި ބައިވެރިވުމަށް އެހެން މީހުންނަށްވެސް ހިތްވަރުދޭށެވެ. ބޮކިތައް ނިވާލައި އެހެން މީހުންނަށް މިސާލު ދައްކާށެވެ. އަދި ދުނިޔެ ސަލާމަތްކޮށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ލީޑަރުންނަށް ގޮވާލާ ވޮއިސްް ފޯ ދަ ޕްލެނެޓް ޕެޓިޝަން ގައި ސޮއިކޮށްލާށެވެ.

މީގެ އިތުރަށްވެސް ގޭގައި ތިބެގެން ކުރެވިދާނެ ބައިވަރު ކަންކަން އެބަހުއްޓެވެ. މިއަހަރުގެ އާތު އަވާގައި ބައިވެރިވެ ކޮންމެެހެން ދިއްލަން ނުޖެހޭ ދިއްލުއްތައް ނިންވާލައި ދުނިޔެއަށްޓަކައި އެއް ގަޑިއިރު ދެމާ ހިނގާށެވެ. އަންނަން އޮތް ޖީލްތަކަށް ރައްކާތެރި ޖައްވެއް ފޯރުކޮށްދިނުމަށް ފަރުދީޒިންމާ އަދާކުރަމާ ހިނގާށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގޭގައި ތިބެންޖެހިފައިވާ މިވަގުތުގައި "އާރތު އަވަރ" ގައި ބައިވެރިވެ ދުނިޔެއަށްޓަކައި އެއްގަޑިއިރު ދެމާ ހިނގާށެވެ.