ގަޑިން 9 ޖެހީއެވެ. ކޮންމެ ރެއެއްގެވެސް މިވަގުތަކީ އަހަރެން އެންމެ އިންތިޒާރު ކުރާ ވަގުތެވެ. އެންމެ ހިތްހަމަޖެހޭ ވަގުތެވެ. މުޅި ދުވަސް ކިތަންމެ ހާސްކަމެއްގެ ތެރޭގައި ހޭދަކުރިނަމަވެސް މިވަގުތަކީ އަހަރެންގެ ހުރިހާ ހާސްކަމަކަށް ނިމުން ގެނުވައިދޭނެ ވަގުތުކަން އެނގޭތީއެވެ.
ގޯތި ތެރޭގައި ބެހެއްޓިފައި ހުރި ޖޯލިފަތިން ޖޯއްޔެއްގައި އަހަރެން އިށީނީމެވެ. އެޒުވާނާގެ މޫނު ފެންނާނެ ވަގުތަކަށް އިންތިޒާރު ކުރެވެން ފެށިއެވެ. ކޮންމެ ސިކުންތެއްވެސް ހީވަނީ ގަޑިއިރެއްހެންނެވެ. މިއީ ވޭތުވެދިޔަ 9 މަސްދުވަހު އަހަރެންގެ ހާލަތެވެ. ކަށީގައި ހިފާފައިވާ އާދައެވެ.
ގޭގެ ދޮރޯށިން އެތެރެއަށް ވަދެގެން އެހެރަ އަންނަނީ އަހަރެންގެ ހިތުގެ މިލްކުވެރިޔާއެވެ. އެސިފައަށް، އެ އަޑަށް، އެ ހަރަކާތްތަކަށް އަހަރެންގެ ޖާނާ ފުރާނަ ޤުރުބާނެވެ.
މިޝާލް އަހަރެންގެ ކުރިމަތީގައި ހުއްޓިލިއެވެ. ބޭއިޚްތިޔާރުގައި އަހަރެންނަށް އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ސިއްސައިގެން ދިޔައީ މިޝާލް އިނގިލީގެ އިޝާރާތުން އަހަންނަށް ގޮވައިލީމައެވެ.
އަހަރެން އިށީންދެގެން އިން ޖޯއްޔާ ޖެހިގެން ހުރި ޖޯލީގައި މިޝާލް އިށީނެވެ. ފައިމަތީގައި ބާއްވާފައި އޮތް އަހަރެންގެ އަތުގައި މިޝާލް ހިފައިލިއެވެ. އަހަރެންގެ ލޮލުން އޮއްސާލީ ކަރުނައިގެ ކޯރެކެވެ. ވޭތުވެދިޔަ 9 މަސްދުވަހު އަހަރެންގެ ހިތަށް ގެނުވި ފިނިކަން، ކުރެވުނު އިހުސާސް، ހިތަށް އަރާފައެވެ. މިޝާލް ދެކެ އަހަރެން ވަނީ އިންތިހާ ލޯތްބެވެ.
ކިހިނެއް ވީތޯ މިޝާލް އަހަރެން ގާތު އެހިއެވެ. ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ބުނާނީ ކީކޭ ހެއްޔެވެ؟ މިޝާލް އަހަރެން ދެކެ ވާ ލޯބި އަހަންނަށް ވުރެ ވަކި ރަނގަޅަށް އެނގޭނެ މީހަކު ނުހުންނާނެއެވެ.
ފުރަތަމަ ފަހަރަށް މިޝާލްއަށް އަހަރެން ފެނުނު ދުވަހުވެސް އޭނާ އަހަރެންދެކެ ވާ ލޯބި އަހަންނަށް އެނގުނެވެ. މުޅި އުމުރަށް އެލޯބި، އެއްވެސް އުނިކަމެއް ނެތި އަހަންނަށް ދޭނެކަންވެސް އެނގެއެވެ. އެހެނަސް ދުނިޔެއަކީ އަނިޔާވެރި ތަނެކެވެ. އަނިޔާވެރިންގެ ތަނެކެވެ. ލޯބިން ގުޅޭ ދެހިތެއް ވަކިކުރެވިދާނެތޯ ޝާއިރުން ސުވާލު ކުރިއަސް އޭގެ ޖަވާބު ހަމަ ކޮންމެ މީހަކަށްވެސް އެނގެއެވެ.
އުމުރު ނިމެންދެން އަހަރެންގެ ދިރިއުޅުން ވޭތުކުރަން ބޭނުންވަނީ މިޝާލްއާ އެކުއެވެ. މިހިތުގައި އެހެން ނަމެއް ދެން ނުލިޔެވޭނެއެވެ. އެހާ ހިތްވަރެއް ނެތެވެ. މިޝާލްގެ ހުރިހާ ސިފަތަކެއް އަހަންނަށް ކަމުދެއެވެ. އޭނާގެ އުނިކަންތައްތައް އަހަރެން ދެނަހުރީމެވެ. އެކަންކަމާއެކުވެސް އަހަރެން މިހުރީ މިޝާލްއާއެކު އުމުރު ހޭދަކުރަން ތައްޔާރަށެވެ.
މިކަން އަހަރެންގެ މަންމައާ ބައްޕައަށް ވިސްނައިދޭނީ ކިހިނަކުން ހެއްޔެވެ؟ މިޝާލް އަހަރެން ދެކެ، އަދި އަހަރެން މިޝާލް ދެކެ މިވާ ލޯބި ބުނެދޭނީ ކިހިނަކުން ހެއްޔެވެ؟ މަންމަމެންނާ އަރައިރުންވާތާ މަހަކަށްވުރެ ގިނަ ދުވަސްވީއެވެ. މައިން ބަފައިން ދަރިންނަކަށް ދެރަގޮތެއް ނޭދޭނެޔޭ ހިތާ މިޝާލްގެ ބާބުގައި ފުލުސްޓޮޕެއް ޖަހަން ނިންމީއެވެ. ހިތާ ދެކޮޅަށެވެ.
މިޝާލް އަހަރެންގެ މޫނު އޭނާގެ މޭގައި ޖައްސާލިއެވެ. އަދި އޯގާތެރި އެ ދެއަތުގެ ތެރޭގައި އަހަރެންގެ މުޅި ހަށިގަނޑު ގައިދުކޮށްލިއެވެ. އަހަރެންނަށް ވީ ކިހިނެއްތޯ އަނެއްކާވެސް މިޝާލް ސުވާލު ކުރިއެވެ.
ފަށާނީ ކިހާ ހިސާބަކުން ހެއްޔެވެ؟ މިޝާލްއަކީ އިންސާނެއް ނޫންކަން އަހަންނަށް އެނގެޔޭ ބުނަންވީ ހެއްޔެވެ؟ އިންސާނެއް ނޫންކަން އެނގިހުރެވެސް އަހަރެން ގުރުބާންވާން ތައްޔާރަށް ހުރިކަން އަންގަންވީ ހެއްޔެވެ؟ މިޝާލްއަށް ގެއްލުން ދޭން މަންމަމެން މަސައްކަތް ކުރި ކޮންމެ ފަހަރަކު އަހަރެން އެކަމާ ދެކޮޅު ހެދިވާހަކަވެސް ބުނަންވީ ހެއްޔެވެ؟
މިޝާލް އަހަރެންނަށް ދުވަހަކުވެސް ގެއްލުމެއް ނުދޭނެކަން އަހަންނަށް އެނގެއެވެ. ދެރަގޮތެއް ނޭދޭނެކަންވެސް އަހަންނަށް އެނގެއެވެ. އަހަރުމެން ދެމީހުން ދިމާވާން ފެށިތާ ތިން މަސްވެސް ނުވަނީސް މިޝާލްއަކީ އިންސާނެއް ނޫންކަން އަހަންނަށް އެނގެއެވެ. އެކަމަކު އެކަން މިޝާލްއަކަށް ނާންގަމެވެ. މިޝާލްވެސް އެވާހަކަ އަހަރެން ކައިރީ ނުބުނާތީއެވެ.
އެކަމަކު މިވީ 9 މަސްދުވަހުގެ ތެރޭގައި ހަމަ އެންމެ ހިނދުކޮޅަކަށްވެސް އަހަރެން މިޝާލްދެކެ ބިރެއް ނުގަނެއެވެ. ބިރުވެރިކަމެއްގެ އިހުސާސްވެސް ވިޔަކަ މިޝާލްއެއް ނުދެއެވެ. އެއީ އިންސާނެއް ނޫންކަމުގައިވިޔަސް އެހެން މަހުލޫގެއްގެ އެއްވެސް ސިފައެއް މިޝާލް އަހަރެންނަކަށް ނުދައްކައެވެ.
މަންމަމެން ބުނަނީ އަހަރެން މިހުރީ ޖިންނި މޮޔަވެފައިކަމަށެވެ. އަހަރެން އެކަމަކާ އެއްބަހެއް ނުވަމެވެ. އަހަރެން މިހުރީ މިޝާލްއާ ހެދި މޮޔަވެފައެެވެ. ލޯބީގައި އާވާރާ ވެފައެވެ. ދެމީހަކު ލޯބިވުމުން ކުރެވޭ އިހުސާސަށް މޮޔައިގެ ނަމުން ނަންދެވޭނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންވެސް މިޝާލްދެކެ ވަނީ ލޯތްބެވެ. ތަފާތަކީ މިޝާލްއަކީ އިންސާނަކަށް ނުވުމެވެ.
މިޝާލް ތަކުރާރުކޮށް ކުރަމުންދިޔަ ސުވާލުތަކަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގުނެވެ. އެންމެ ފަހުން އަހަރެން ނިންމީ އެއްވެސް ވާހަކައެއް ނުދައްކާށެވެ. ތަކުރުބޭ ލައްވާ ކިޔަވާފައި އަހަރެން އަތަށް މަންމަ ދިން ތަވީދު މިޝާލްގެ އަތުގައި އަޅުވަން އަހަރެން ނިންމީމެވެ. އެތަވީދު މުށުތެރެއަށްލާ ބޮނޑިކޮށްލައިގެން އަހަރެން އިނީ އެކަން ކުރާނެހާ ހިތްވަރު ނުލިބިފައެވެ. ތަވީދުގައި އެއްވެސް ބާރެއް ހުރިކަން މިޝާލްއަކަށް ފަހުމެއް ނުވާނެއެވެ. އެއީ އެތަވީދުގައިވާ ބާރުތައް ވަނީ މިޝާލްއަށް ނުފެންނާނެހެން ކިޔަވާފައެވެ. ތަވީދު މިޝާލްގެ އަތުގައި އެޅުވުމުން ވާނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭގެ ފަހުން މިޝާލް އަހަންނަށް ނުފެންނާނެކަމެވެ.
މިޝާލްގެ މޭމަތިން އަހަރެންގެ ބޯ ހިއްލާލީމެވެ. ހިތްފުރެންދެން ފަހު ފަހަރަށް މިޝާލްގެ މައުސޫމު ދެލޮލުގެ ތެރެއަށް ގެންބެން ބޭނުންވިއެވެ. އަހަރެން ދެލޮލުން ކަރުނަތައް އޮހެމުން ދިޔައީ ހިފެހެއްޓުމެއް ނެތިއެވެ. އަހަރެންގެ ތުރުތުރު އަޅަމުން ދިޔަ އަޑުން މިޝާލްއަށް ގޮވާލީމެވެ. މަޢާފުކުރުމަށް އެދުނީމެވެ. މިޝާލްގެ މޫނުމަތިން ފެނުނީ ހިތާމަވެރިކަމެވެ. އަހަރެން ބީވެގެން ހިނގައިދާނެކަމުގެ ބިރެވެ.
މުށުތެރޭގައި އޮތް ތަވީދު ނަގާ މިޝާލްގެ އަތުގައި އައްސާލީމެވެ. އޭރުވެސް މިޝާލް އިނީ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. ތަވީދާ ބެހޭގޮތުން ސުވާލެއްވެސް އޭނާ ކޮށްނުލައެވެ. މިޝާލް އަހަންނަށް އެހާވަރަށް އިތުބާރު ކުރެއެވެ.
އަހަރެން މަޑުމަޑުން ދުރަށް ޖެހިލީމެވެ. މިޝާލްގެ ދެލޯ ރަތްވާން ފެށުމުންނެވެ. މޫނުމަތީގެ ކުލަވަރު ކުއްލިއަކަށް ބަދަލުވާން ފެށުމުންނެވެ. މިޝާލް ކޮޅަށް ތެދުވިއެވެ. އަދި އުނދަގޫވާތީ ތެޅެން ފެށިއެވެ. އަހަރެންގެ ކުރިމަތީގައި ހުރި އަހަރެންގެ ލޯބިވާ މިޝާލް މިހިރަ ބަދަލުވަނީއެވެ. އަލިފާން އަނގުރަށެވެ. މާގިނަ އިރެއް ނުވެއެވެ. އަހަރެންގެ ކުރިމަތީގައި ހުރީ ދުވަހަކު ހުވަފެނުންވެސް ދެކެފައިނުވާހާ ހުތުރު ސިފައެއްގައި ހުރި މީހެކެވެ. އޭރުވެސް އަހަންނަށް އިނދެވުނި ޖޯލީގައި ގަނޑުވެފައި ރޯށެވެ. ކުރެވުނު ކަންތަކާމެދު ދެރަވެފައެވެ.
މިޝާލްގެ ރޯއަޑު އަހަންނަށް އަދިވެސް އެބަ އިވެއެވެ. އެކަމަކު ބަރު އަޑުތަކެއްގެ ހަޅޭކުގެ ތެރެއިންނެވެ. މިޝާލްގެ ސިފަ ކިތަންމެ ހުތުރު ނަމަވެސް އަހަންނަށް އޭނާގެ މައުސޫމު ލޯ އަދިވެސް އެބަ ފެނެއެވެ. އަދިވެސް އަހަރެން ބިރެއް ނުގަނެއެވެ. ކުރިމަތީގައި މިހުރީ އަހަރެންދެކެ ލޯބިވާ މިޝާލްކަން އަހަންނަށް އިނގޭތީއެވެ. މިޝާލްއެވެ. އަހަންނަށް މަޢާފު ކުރާށެވެ. އަހަންނަށް ބުނެވުނީ އެހާވަރަށެވެ. ހޭހުސްވެ ޖޯއްޔަށް ވެއްޓުނީއެވެ.
ނިމުނީ
އުއްމީދު ކުރަން ވީ ގެ ފަރާތުން މި ނޫހުގަ މިގޮތަށް ކިޔާލަން ލިބޭގޮތަށް ހަފްތާއަކުން ކަހަލަގޮތަކަށް ނަމަވެސް ވާހަކަ ހިމަނުއްވާނެކަމަށް
ދެންކޮންއިރަކުންތޯ އަނެއްވާހަކަ ކިޔާލަން ލިބޭނީ
ދެން އިތުރު ވާހަކައެއް ގެނެސްނުދެނީތަ؟
ހަބޭސް ވާހަކައެއް
މީ ވަރަށް މިފަދަ ކަމަކަށް މުނާސަބު ވަގުތެއް. ވާހަކަތައް އިތުރު ކޮށްލަ ދެއްވާ. ޝުކުރިއްޔާ
ވަރަށްދެރަވެއްޖެ ކިޔާލާފަ. ސަޅި
ވަރަށް އަސަރު ގަދަ ރީތި ވާހަކައެއް. ޝުކުރިއްޔާ ލިއުންތރިއާ އަޒުހާން
ވާހަކަ ވަރަށް ރީތި. އުއްމީދު ކުރަނީ އެއްމެން ގޭގަ ކޮރަންޓީނު ވެފަ މި ތިބޭއިރު މިގޮތަށް ކިޔާލާނެ ވާހަކައެއް ލިބުމަކީވެސް ވަރަށް މުހިއްމު ކަމެއް
އުއްމީދު ކުރަން އަލުން ސައިޓްގަ މި ފެއްޓެވި މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް
މީހަމަ އަސްލުގަވެސް ޙަޤީޤަތެއް ތޯ؟؟ ވަރަށް އަސަރު ކޮށްފި. ވަރަށްރީތި ވާހަކައެއް.
ޒަމާން ތަކަކަށްފަހު ވަރަށް އަސަރު ގަދަ ވާހަކައެއް މިސައިޓުން ފެނުނީތީ އުފާ ކުރަން