ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުންޖެހޭ ކޮވިޑް-19 ގެ ޝިކާރައަކަށްވި އެމެރިކާގެ މަޝްހޫރު އެކްޓަރު މާކް ބްލަމް މަރުވެއްޖެއެވެ.

ހޮލީވުޑް ޚަބަރުތައް ގެނަސްދޭ ނޫސްތަކުން ރިޕޯޓުކޮށްފައި ވާގޮތުން އެކްޓަރު މަރުވީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ މަރުވިއިރު ދިޔައީ ކޮވިޑް-19 އަށް ފަރުވާ ކުރަމުންނެވެ.

"ކްރޮކޮޑައިލް ޑަންޑީ" ގެ އެކްޓަރު މާކްއަށް ކޮވިޑް-19 ޖެހުނު ފަހުން ސިއްހީ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ދަށްވަމުންކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ސްކްރީން އެކްޓާޒް ގިލްޑްގެ ކުރީގެ މެމްބަރު މާކް މަރުވުމާއި ގުޅިގެން އެ ޔޫނިއަންގެ ނައިބު ރައީސާ ރެބެއްކާ ޑޭމަން ވަނީ ބަޔާނެއް ނެރެފައެވެ.

އެބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 ބަލީގައި މާކް ނިޔާވުމަކީ ޔޫނިއަންއަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށެވެ.

އެސްއޭޖީގެ މެމްބަރެއްގެ ގޮތުގައި 6 އަހަރު މާކް ވަނީ ހިދުމަތްކޮށްދީފައެވެ. މާކްގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ދަ ޕްރެސީޑިއޯ"، "ބްލައިންޑް ޑޭޓް" އަދި "ހައު ހީ ފެލް އިން ލަފް" ހިމެނެއެވެ.

މީގެ އިތުރުން ބައެއް ޓީވީ ޝޯވްތަކުގައިވެސް މާކް ހަރަކާތްތެރިވެފައިވެއެވެ. އޭގެ ތެރޭގައި "މޮޒާޓް އިން ދަ ޖަންގަލް"، "ކެޕިޓަލް ނިއުސް" އަދި "ސްވީޓް ސަރަންޑާ" ހިމެނެއެވެ.

މަރުވިއިރު މާކްގެ އުމުރަކީ 69 އަހަރެވެ.