ރާއްޖޭގެ އެކި ރިޒޯޓުތަކުގައި އައިސޮލޭޝަން ފެސިލިޓީސްތައް ގާއިމްކޮށްފައިވާއިރު، މިފެސިލިޓީތަކުގައި ވަރަށް ގިނަ އަދަދެއްގެ ދިވެހިންވެސް އެބަތިއްބެވެ. މިގޮތަށް ތިބި ދިވެހިންގެ ތެރެއިން ދިވެއްސެއްގެ ތަޖުރިބާ ވަނީ ވީނިއުސް އާއި ހިއްސާކޮށްފައެވެ.

ޑރ. އައިމިނަތު އިހުސާނާ އަކީ ނޭޕާލުގައި ސްޕެޝަލައިޒްވަމުން ކިޔަވަމުން އަންނަ ދިވެހި ދަރިވަރެކެވެ. ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަހާ ގުޅިގެން، އިހުސާނާގެ ފައިނަލް އިމްތިހާން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށް، ޓިކެޓު ލިބުމުގައި ދަތިތަކެއް އުޅޭތީ، ދެން އެންމެ ރަނގަޅު ގޮތަކީ އެނބުރި އާއިލާ މީހުން ކައިރިއަށް ދިޔުން ކަމަށް އިހުސާނާ އަށް ގަބޫލުކުރެވުނެވެ.

އިހުސާނާ ބުނީ، އެނބުރި ރާއްޖެ އައުމަށް ނިންމިއިރު، އެއްވެސް ވަރަކަށް ކަރަންޓީނަށް ދާން ޖެހޭކަން އެނގިފައި ނެތް ކަމަށެވެ. އެހެންނަމަވެސް، ފުރަން އޮތް ދުވަހު ރާއްޖެ އަންނަ އެންމެން ކަރަންޓީނު ކުރުމަށް ނިންމާފައިވާކަން އެނގުނު ކަމަށާއި އެވަގުތު ކޮންމެވެސް ވަރަކަށް ނުތަނަވަސްކަމެއް އުފެދުނުކަމަށް އިހުސާނާ ކިޔައިދިނެވެ.

އިހުސާނާއާއި އެކު މަސްކަޓުން ރާއްޖެއަށް ދަތުރު ކުރި ފްލައިޓުގައި ތިބި އެހެން ކުދިން. މި ފްލައިޓުން ފަތުރު ކުރި ހަމައެކަނި ބަޔަކީ މިއީ ކަމަށް އިހުސާނާ ކިޔައިދިން.

ނޭޕާލްގެ ކަތަމަންޑޫއިން ރާއްޖޭގެ ހޮލިޑޭ އައިލަންޑް ރިޒޯތަށް އާދެވުމާއި ހަމައަށް، އަދި އެއަށްފަހު މިހާރު އެތަނުގައި ދުވަސްތައް ހޭދަކުރަމުންދާ ގޮތުގެ ތަޖުރިބާތައް އިހުސާނާ ވީނިއުސް އާއި ހިއްސާކުރިއެވެ. އިހުސާނާ ކިޔައިދިން ގޮތުގައި، ރާއްޖެ އަންނަން ފުރިއިރު ނޭޕާލުން ފެނިފައިވަނީ ކޮވިޑް-19ގެ އެންމެ ކޭސްއެކެވެ.

އެހެންނަމަވެސް، ކަމުގެ ހުރި ސީރިއަސްކަމާއި ނުރައްކާތެރިކަން ވިސްނި އަމިއްލައަށް އެޅެންހުރި ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ދަތުރު ފެށީއެވެ.

ރާއްޖެ އައުމަށްފަހު ޓާމިނަލް ތެރޭގައި މާގިނައިރު ތިބެން ނުޖެހުނަސް، ކަތަަމަންޑޫއިން މަސްކަޓަށް ދިޔުމަށްފަހު ފްލައިޓް ޑިލޭވުމާއި ގުޅިގެން، މަސްކަޓްގެ އެއާޕޯޓުގައި ފުދޭވަރަކަށް ގިނައިރު ތިބެން ޖެހުނުކަން ފާހަގަކުރިއެވެ.

ނޭޕާލްއިން މިކޮޅަށް އައިއިރު، އެކޮޅުގައި އެއްވެސް ވަރަކަށް ސަލާމަތީ ފިޔަވަޅުތަކެއް ނާޅާ. އަޅުގަނޑުމެން ތިބީ އެކަމަކު މާސްކްއާއި އެއްޗެހި އަޅައިގެން. ކަތަމަންޑޫއިން މަސްކަޓަށް ދިޔައިރު ފްލައިޓުގައި ޔޫރަޕްގެ ފަތުރުވެރިންވެސް ތިބި. ކީއްވެހޭ މާސްކް ކަހަލަ އެއްޗެހި ބޭނުންނުކުރަނީ އެހީމަ، ބުނި މިތާ އަދި ނެތެއްނޫންހޭ އެހާ ބޮޑަށް ވައިރަހުގެ އަސަރެއް. އެހެންވީމަ ތިމަންނައަކަށް ނުފެނެޔޭ އެކަހަލަ ކަންކަން ކުރާކަށް އަދި
ޑރ. އައިމިނަތު އިހުސާނާ

އާއިލާއާ ދުރުގައި، އެކަހެރިކޮށް ހޭދަކުރަމުންދާ ދުވަސްތަކުގެ ތަޖުރިބާ ކިޔައިދެމުން އިހުސާނާ ބުނީ މިއީ ވަރަށް ހިތްދަތި ގުރުބާނީއެއް ކަމަށެވެ. އެހެންނަމަވެސް، އައިސޮލޭޝަންގައި 14 ދުވަސް ހޭދަކުރުމަށްފަހު، ވައިރަހުގެ އެއްވެސް އަސަރެއް ނެތްކަމުގެ ޔަގީންކަމާއެކު މުޖުތަމައަށް ނުކުންނައިރު، ލިބޭނެ ހިތްހަމަޖެހުން މާ ބޮޑުވާނެ ކަމަށާއި، އެދުވަހަކަށް އިންތިޒާރުކުރެވޭ ކަމަށެވެ.

ދަރިފުޅަށްވެސް ކިޔައިދެން މިހުރީ ރާއްޖޭގައިކަން. ދަރިފުޅު މަތިން ވަރަށް ހަނދާންވޭ.އަދި މިއަދު މިއީ ދަރިފުޅުގެ ފަސްވަނަ އުފަންދުވަސް. ދެން އޭނަވެސް ކިޔާނެ މަންމަ ކަރަންޓީނުގައޭ. މަންމަ އައިމައޭ އުފަންދުވަސް ފާހަގަކުރާނީ
ޑޜ. އައިމިނަތު އިހުސާނާ
އިހުސާނާ އާއި ދަރިފުޅު

ހޮލިޑޭ އައިލަންޑް ރިޒޯޓުގައި އައިސޮލޭޝަން ފެސިލިޓީގައި ހުރި އިހުސާނާ ބުނީ ޚިދުމަތުގެ ފެންވަރު ވަރަށް ރަނގަޅުކަމަށެވެ. ބޭނުންވާ އެކި އެހީތައް ފޯރުކޮށްދިނުމުގައި އެންމެ ކައިރިން ފެންނަނީ އެމްއެންޑީއެފް މީހުން ކަމަށާއި، ރަށް ޕެޓްރޯލް ކުރުމުގައި އަބަދުމެ ފުލުހުން ހަރަކާތްތެރިވާކަމަށެވެ.

މީގެ އިތުރަށް ކަރަންޓީނުގައި ހުންނައިރުވެސް ސިއްހަތަށް ރަނގަޅު ކާނާ ލިބޭކަން އިހުސާނާ ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.

އިހުސާނާ ވަނީ ކާން ލިބޭ ތަކެތީގެ ބައެއް ފޮޓޯތައް ހިއްސާކޮށްފަ

އައިސޮލޭޝަން ފެސިލިޓީތަކުގައި މިފަދަ ކިތަންމެ ބަޔަކު ތިބޭނެއެވެ. އަމިއްލަ ވަޒަނަށް އެނބުރި އައުމަށްފަހު، އެހެނަސް އާއިލާ އާއި އެއްވެސް އެކުވެރިޔަކު އަދި އެހެން މީހެއްވެސް ނުފެނި 14 ދުވަސް ހޭދަކުރުމަކީ ގައިމުވެސް ފަސޭހަކަމަކަށް ނުވާނެއެވެ.

މިފެސިލިޓީސްތަކުގައި ތިބޭ މީހުންނަށް ބޭނުންވާނެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެޗްޕީއޭ، އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ރިޒޯޓުތަކާއި ރަށްތަކުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުން ކުރައްވާ މަސައްކަތްތަކަކީ ޝުކުރު ހައްގު މަސައްކަތެކެވެ.