ރައްޔިތުންގެ ވަކީލުން ރައްޔިތުންނާއި އެންމެ ގާތުގައި ތިއްބަވަންވީ މުހިންމު ވަގުތަކީ މިއީ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހެއްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ބޭއްވި ޖަލްސާއަށް މިއަދަށް ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މިއީ ހުރިހާ ދިވެހިންނަށްވެސް ދަތި އަދި ހަމައެހެންމެ ކަންބޮޑުވާނެ ވަގުތެއް ކަމަށެވެ.

ނަމަވެސް ދިވެހިންނަކީ އަބަދުވެސް ދަތި އުނދަގޫތަކުން އަރައިގަންނަ ބައެއް ކަމަށާއި މީގެ ކުރިންވެސް ތަފާތު ހާދިސާ ތަކާއި ބޮޑެތި ކާރިސާތަކުން ދިވެހިން އަރައިގެންފައިވާކަން ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ސުނާމީ ކާރިސާ އަށްފަހު އެކުލަވާލެވުނު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީވެސް އޮތީ ދަތިތަކުން އަރައިގަނެ އެމަގުން ކުރިއަށްދިއުމަށް ވަރަށްބޮޑައް ބައްޓަންކޮށްފައި ކަމަށާއި، ޚާއްސަ ގޮތެއްގައި ސިއްޙީ ކާރިސާތަކުން އަދި އެހެންވެސް ބޮޑެތި ކާރިސާތަކުން އަރައިގަތުމުގައި އަމަލުކުރަންވީގޮތާއި އެފަދަ ހާލަތެއްގައިވެސް ޤައުމު ހިންގަންވީގޮތް އެ ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ބައްދަލުވުމަކީ މިވަގުތު ވަރަށްމުހިންމު ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ވަކީލުންގެ ގޮތުގައި ތިއްބެވި މެންބަރުން ތިއްބަވަންވާނީ ރައްޔިތުންނަށް ކަންބޮޑުވުމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެންމެ ގާތުގައި ކަމަށާއި އަދި ތިއްބަވަން ބޭނުންވާނީ ރައްޔިތުން ގުޅަންބޭނުން ކޮންމެ ވަގުތަކު ގުޅޭގޮތަށް އަބަދުވެސް ރައްޔިތުންގެ ޝަކުވާ އަޑުއެއްސެވޭ ގޮތަށް ކަމަށެވެ.

މިވަގުތު ރައްޔިތުންގެ ޝަކުވާތަކުގެ ހުރިހާ ޖަވާބެއް ނުދެވިދާނެ ކަމަށާއި، ހިތްހަމަޖެހޭ ކަންކަންވެސް މެންބަރުން އެދޭ މިންވަރަށް އަދި ރައްޔިތުން އެދޭ މިންވަރަށްވެސް ނުކޮށްދެވިދާނެ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. އެކަމަކު މިއީ ރައްޔިތުންގެ ގާތުގައި ރައްޔިތުންގެ ވަކީލުން ތިއްބަވަންވީ ވަގުތު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޭނުންޖެހޭ ގަޑީގަ ހުރި ރަހުމަތްތެރިޔާ އެއީ ހަގީގީ ރަހުމަތްތެރިން. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ ހަގީގީ ރަހުމަތްތެރިންނަށް ތިޔަ އިއްޒަތްތެރި މެންބަރުން ވުމަކީ އަޅުގަނޑުދެކޭގޮތުގަ ކޮންމެހެން މުހިންމު ކަމެއް.
މަޖިލީހުގެ ރައީސް

މަޖިލީހުގެ ރައީސް ވިދާޅުވީ މިއީ ކަންބޮޑުވާނެ ދަނޑިވަޅެއް ކަމަށާއި، ހުދު އެމަނިކުފާނުވެސް ކަންބޮޑުވެވަޑައިގެން ފިކުރު ކުރެއްވޭ ކަމަށާއި، ނަމަވެސް މިވަގުތަކީ ދިވެހިރައްޔިތުން ކެއްތެރިކަމާއި ބުއްދުވެރިކަމާއި ވިސްނުންތެރިކަމާއެކު ބޭނުންކުރުން މުހިންމު ވަގުތުކޮޅެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިވަގުތަކީ ދިވެހި ސަރުކާރު ޤާނޫނީ ދައުލަތެއްގެ ގޮތުގައި ހިނގަންޖެހޭ އެންމެ މުހިންމު ވަގުތު ކަމަށާއި، ސަރުކާރުގެ ވަޒީރުންވެސް ޖަވާބުދާރީވެވަޑައިގެން ތިއްބަވަންޖެހޭ މުހިންމު ވަގުތު ކަމަށެވެ. އަދި އެކަން ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ ހިތުގެ އަޑިން ގަބޫލުކުރައްވާކަން ޔަގީންކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަންގަވާގޮތަށް ވަޒީރުން ކަންކަން ކުރައްވަމުންގެންދަވާތޯ ނުވަތަ ނޫންތޯ ބެލުމަކީ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެ ދުވަހު އަޅުގަނޑު ކޮންމެ ރެއަކު އެބަހިތަށްއަރާ ދެންވާނެ ގޮތަކާމެދު. އެހެންނަމަވެސް ދަންނަވަންތޯ އިއްޒަތްތެރި ރައްޔިތުން. ލޮބިވެތި ރައްޔިތުން. އަޅުގަނޑުމެން އެންމެން އެކީގަތިބެ އަޅުގަނޑުމެނަށް އަޅުގަނޑުމެންގެ ރާއްޖެ މިއޮތް ހާލަތުން ނެއްޓި އަދި އަޅުގަނޑުމެން އެންމެނަށް ތަނަވަސް ދިރިއުޅުމެއް ހޯދޭނެ. އެއީ އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ ހޯދޭނެ އެއީ އެއްވެސް އިރެއްގަ އަޅުގަނޑުގެ ހިތުގަ ޝައްކު ހިނގާކަމެއް ނޫން.
މަޖިލީހުގެ ރައީސް، ރައީސް ނަޝީދު

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ މިދަނޑިވަޅުގައިރައީސުލްޖުމްހޫރިއްޔާ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުންނާއި ޑޮކްޓަރުންނާއި ސިއްޙީ ޚިދުމަތްތެރިންނާއި ސިޔާސީ ލީޑަރުންނާއި ޖުމްލަކޮށް ހުރިހާ ބޭފުޅުންނަށްވެސް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ވަނީ މިވަގުތު ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑަކަށް މިބަލި ނުދާކަން ސިއްޙީ މާހިރުން ވިދާޅުވާކަމަށާއި، އަދި އެކަން އެހެންދިމާނުވުމުގެ އެންމެ މުހިންމު ފިޔަވަޅަކީ ވައިރަސް ޖެހުނު މީހުންނާއި ދިމާވި މީހުން ބެލުމަށް ހިންގޭ ޓްރޭސިންގެ ހަރަކާތް ވަރުގަދަވުމުން ކަމަށް ޑޮކްޓަރުން މައުލޫމާތުދެއްވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންވެސް ސިއްޙީ އެހީތެރިންނަށް އެންމެ ބޮޑަށް އެހީތެރިވެދެއްވޭނީ އަމިއްލަފުޅަށް ޓްރޭސިން ހެއްދެވުމުން ކަމަށާއި، އެއްވެސް ކަމެއް ސިއްރު ނުކޮށް ދިމާވި މީހުންގެ މައުލޫމާތުގެ ހިމެނޭގޮތުން އިއުތިރާފު ބަޔާން ދެއްވުން މުހިންމު ކަމަށެވެ. އަދި ޕަބްލިކް ހެލްތުންދޭ ހުރިހާ އިރުޝާދުތައް ބަލައިގަނެ ސިއްޙީ ޚިދުމަތްތެރިންގެ ބަސް އެހުން މުހިންމު ކަމަށާއި، ނޫންނަމަ އޭގެ ގެއްލުން ކުރިމަތިވާނީ މުޅި ދިވެހިރައްޔިތުންނަށް ކަމަށްވެސް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.