ރާއްޖެއިން ބެރަށް ދަތުރުކުރާ މޯލްޑިވިއަންގެ ކާގޯ ފްލައިޓްތަކުން އެ ފްލައިޓްތައް ދަތުރުކުރާ ގައުމުތަކުގައި ތިބި ދިވެހި އާއިލާތަކަށް ބޭނުންވާ ބައެއް އެއްޗެހި ފޮނުވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފައި ވާކަމަށް ނެޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ބައެއް އާއިލާތަކުން ބޭރު ގައުމުތަކުގެ ތިބޭ އާއިލާގެ މެމްބަރުންނަށް ތަކެތި ފޮނުވަން ބޭނުންވާތީ ސަރުކާރުގެ ފަރާތުން އެކަން ހަމަަޖައްސައިދީފައިވާ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެދަށުން ފޮރިން މިނިސްޓްރީގެ އިސްނެގުމުގަ ޕޮލިހާއި ކަސްޓަމްސްއާއި އަދި މޯލްޑިވިއަންއިން މިކަން ވާނެ މަގުފަހިކޮށްދީފައިވާކަން މަބްރޫކް ވިދާޅުވިއެވެ.

ލަންކާއަށް މިއަންނަ އާދިއްތަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި އާއިލާއަށް ފޮނުވަންޖެހޭ ތަކެތި ފޮނުވޭނެ އިންތިޒާމުތައް ރާވަމުންދާ ކަަމާއި، މިކަން ރޭވިފައިވާ ގޮތް އަންގާރަ ދުވަހު ފޮރިން މިނިސްޓްރީން ހާމަކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ގިނަ ގައުމުތައް ލޮކްޑައުންއަކަށްގޮސް، ބައެއް ކަންކަން ކުރުމުގައި ދަތިތައް އުޅޭކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ ފޮނުވާ ތަކެތި ދުވަހުން ދުވަހަށް އެމީހުންނަށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށާއި، އެހެންނަމަވެސް އެމީހުންނަށް އެތަކެތި ފޯރުކޮށްދެވޭނެ ގޮތްތައް ރާވަމުން ގެންދަވާކަމަށެވެ.

ބައެއް ދިވެހި އައިލާތައް އެހެން ގައުމުތަކުގައި ދިރިއުޅެމުންދާއިރު އަނބުރާ ގައުމަށް އަންނަން ބޭނުންވި ނަމަވެސް ބައެއް ގައުމުތައް ލޮކްޑައުންއަކަށްގޮސް، އަނބުރާ އާދެވޭނެ އިންތިޒާމެއް ހަމަޖެހިފައެއް ނެތެވެ. އަދި ރާއްޖެއިންވެސް އެހެން ގައުމުތަކަށް ކުރާ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

މިހެންވުމުގެ ސަބަބުން އެހެން ގައުމުތަކުގައި އެކި ބެނުންތަކަށް ގޮސްތިބި ދިވެހިންނަށް އަނބުރާ ގައުމަށް އައުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހިފައި ވެއެވެ.