ފުއްދުންތެރިންގެ އަތުން ދައުލަތަށް އެއްޗެއް ދޭންވީ ވަގުތަކީ މިއީ ކަމަށާއި، މިއީ އިންކަމް ޓެކްސް ނަގަންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހެއްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވީޑިއޯ މެދުވެރިކޮށް މިއަދު ބޭއްވި ޖަލްސާގައި ކުރިއަށްގެންދިއައީ، ކޮވިޑް-19 ފެތުރުން ހުއްޓުވަން ސަރުކާރުން އެޅި ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައިގެ ބަހުސެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު އީވާ އަބުދުﷲ ވިދާޅުވީ ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީގެ އެންމެބޮޑު ބޭނުމަކަށް ވާންވާނީ މުވައްޒަފުންނަށް މުސާރަދޭންކަން ކަށަވަރުކޮށް އެެކަމަށް ފާރަވެރިވުން މުހިންމު ކަމަށެވެ.

އީވާ ވިދާޅުވީ ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިއުމުން، ދިމާވާނެ އިޖުތިމާޢީ މައްސަލަތަކަށްވެސް ވިސްނަންޖެހޭ ކަމަށާއި، އެހެންކަމުން އެފަދަ ގެއްލުންތައްވެސް ކުޑަކުރުމަށް، ފުދުންތެރިންގެ ކިބައިން އިންކަމްޓެކްސް ނަގަންވީ މުހިންމު ވަގުތަކީ މިއީ ކަމަށެވެ.

މީގެ އިތުރަށް މެންބަރު އީވާ ވިދާޅުވީ ދުނިޔެ އިގުތިސޯދީ ބޮޑު ބަދަލަކަށްދާއިރު ލާމަރުކަޒުކޮށް ދެމެހެއްޓެނިވި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކުރިއަށްގެންދަންޖެހޭކަމަށެވެ. އަދި މިއީ ތާއަބަދު ޓްއަރިޒަމަށް ބަރޯސާވެގެން ތތިބުމުގައި ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީކުރުމަށް ދިރާސާއެއްކޮށް އެކަމަށް އެހީވާންވީ ވަގުތު ކަން ވެސް އީވާ ފާހަގަކުރެއްވެވި އެވެ.

މެންބަރު ހިސާން

އީވާގެ ވާހަކަ އަށް ތާއީދު ކުރައްވައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވެސް ވިދާޅުވީ ބޮޑު އާމްދަނީއެއް ލިބޭ މީހާ ދައުލަތަށް އެހީތެރިވާންވީ ވަގުތަކީ މިއީ ކަމަށާއި، މިވަގުތު އިންކަމް ޓެކްސް ނަގަން ތާއީދުުކުރައްވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާގައި ބަހުސްކުރެއްވި މައްސަލަ ހުށަހަޅުއްވައި ބަހުސްކުރައްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ކޮވިޑް19ގެ ފެތުރުނަ ނުދިނުމަށް ސަރުކާރުންނާއި އަދި ޓާސްކް ފޯސްތަކުން ކުރައްވަމުންގެންދަވާ މަސައްކަތަށް ޝުކުރު ދަންނަވާކަމަށެވެ.

އާޒިމް ވިދާޅުވީ އެކަމަށްޓަކައި ރައީސުލްޖުމްުހޫރިއްޔާއަށް ޝުކުރު ދަންނަވާކަމަށާއި، އަދި ވޮލެންޓިއަރކޮށް މަސައްކަތްކުރައްވާ ބޭފުޅުންނަށާއި، ސިފައިންނާއި ފުލުހުން އަދި ސިއްޙީ ބޭފުޅުން ޝުކުރު ދަންނަވާކަމަށާއި އަދި މިވަގު އެބޭފުޅުންގެ އިރުޝާދު އަޑުއަހައި ރައްޔިތުން ގޭގައި ތިއްބެވުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

މެންބަރު އަލީ އާޒިމް ވިދާޅުވީ މި ރޯގާއިން އަރައިގަތުމަށްފަހު ރާއްޖެ އޮންނާނެ ގޮތުގެ ތަސައްވުރެއް ގެންގުޅެންވާނެ ކަމަށާއި، ރޯގާ ދިގުދެމިގެން ހިނގައިދާނެ ކަމަށް ބަލައި އެހެން ގައުމުތަކަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތެއް މިހާރުއްސުރެ ވިސްނުން މުހިންމު ކަމަށެވެ.

އެގޮތުން މަސްވެރިކަމާއި ދަނޑުވެރިން އަދި ބޮޑުކަންނެލީގެ މަސްވެރިކަން ތަރައްގީކުރަން ރައީސް ހުށަހަޅުއްވާފައިވާ ހާއްސަ ޕެކޭޖުތަކަކީ، މުހިންމު ޕެކޭޖުތަކެއްކަން ފާހަގަކުރެއްވި އެވެ. އޭގެ އިތުރަށް ވަކި ފަރުދުންގެ އާއްދަނީ އިތުރުކުރުމަށް ގޭދޮށު މަސް ފެކްޓްރީތައް ކުރިއަރުވަން އެހީވެދޭނެ މަގެއް ފަހިކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް މެންބަރު އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ފުރަތަމަ އޮންލައިން ޖަލްސާ

މި މައްސަލައަށް ބަހުސްކުރައްވަމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ މިހާލަތުން އަރައިގަނެވުމުން ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަމަށް އިތުރު ހަރުފަތަކަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މަސްވެރިންނަށް ދަތިކަމަކާއިނުލައި ބާނާ މަހަށް ފައިސާ އާއި، މަސްކިރުވާނެ ބޯޓުފަހަރުތައްވެސް މިވަގުތު ކޮންމެހެން މުހިންމުކަން ފާގަކުރެއްވި އެވެ.

ބާރަށުދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިގޮތަށްވެސް މަޖިލިސް ކުރިއަށްގެންދުމަކީ މުހިންމު ކަމެއް ކަމަށާއި، މިހާއްސަ ހާލަތުން އަރައިގަތުމަށް މަސައްކަތްކުރައްވަންޖެހޭ ކަމަށެވެ.

މެންބަރު އަހުމަދު އަބުދުﷲ ވިދާޅުވީ މިވަގުތު ގިނަބައެއްގެ ވަޒީފާ ގެއްލި، އަދި ފައިސާ ނުލިބޭގޮތަށް ގެއަށްދާން ޖެހުމާއި ކުލި ދެއްކުމަށް ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ޕެންޝަން ފައިސާ ދޫކުރެވޭނެ ގޮތެއް ފަހިވެގެން ދިއުމަކީ މުހިންމު ކަމެއެްކަމުގައި މެންބަރު ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ބައެއް މެންބަރުން

މީގެ އިތުރަށްވެސް މަޖިލީހުގައި ބަހުސްކުރެއްވި ހުރިހާ މެންބަރުންވެސް ވަނީ، މި ދަނޑިވަޅަކީ ދިވެހިންގެ ލޭނާރަކީ އަލުން އަނބުރާ މަސްވެރިކަމަށް ހަދައި މަސްވެރިކަން ކުރިއަރުވަންވީ ވަގުތު ކަމަށެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމަށް ހާއްސަ ޕްލޭންތަކެއް އިތުރަށް ރާވައި ރައްޔިތުންނަށް އެ މަސައްކަތްތަކުން ރަނގަޅު އާމްދަނީއެއް ލިބި އިގުތިސޯދު ހިންގެދެމިލެވޭނެ ގޮތެއް ވެގެންދިއުމަކީ މުހިންމު ކަމެއް ކަމަށްވެސް ގިނަ މެންބަރުން ފާހަގަކުރެއްވެވި އެވެ.