ފުލުހުންނަށް ތަމްރީނު ދިނުމަށްޓަކައި އައްޑޫ ސިޓީގައި ގާއިމްކުރާ ބިނާއާއެކު ފުލުހުންގެ ތަމްރީނުތަކަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 87 ވަނަ އަހަރީދުވަހާ ގުޅުވައިގެން ފޮލިސް ކޮމިޝަނަރު ދެއްވި ޚިތާބުގައި ވިދާޅުވީ އައްޑޫ ސިޓީގައި ބިނާކުރާ ފުލުހުންގެ ބިނާއާއެކު ފުލުހުންގެ ތަމްރީނުތަކަށް ބޮޑު އިންގިލާބެއް މިއަހަރު ތެރޭގައި އަންނާނެ ކަމަށެވެ. އަދި އެ ފެސިލިޓީގެ ފާއިދާ އައްޑޫ ސިޓީގެ ރައްޔިތުންނަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. ކޮންމެ މަސައްކަތެއްގެ ފަހަތުގައި ވަނީ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑުކުރުވުން ކަމަށާއި ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބޭ ބަޔަކަށް ފުލުހުން ހެދުން ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

ކޮންމެ މަސައްކަތަކީވެސް އެކަމަކާ ގުޅުން ހުރި ސަރުކާރުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ދޭދޭ ފަރުދުންގެ އެހީތެރިކަމާއެކު އެއްބާރުލުމާއެކު ކުރެވޭ ކަންކަން. އަދި ވޭތުވެދިޔަ އަހަރުތަކުގައި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި މި މަގްސަދު ހާސިލްވަމުން މިދަނީ ކޮންމެ ފުލުހަކު އަދި ކޮންމެ ޕޮލިސް ސްޓާފަކު އެކުރާ މަސައްކަތަކުން ހާސިލްކުރަން ބޭނުންވަނީ މުއައްސަސާގެ ކޮން ލަނޑުދަނޑިއެއްކަން އެނގިގެން މަސައްކަތް ކުރާތީ."
ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު

ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ފުލުހުންގެ ފަރާތުން ފެނިފައިވަނީ ފަޚުރުވެރިވާ ފަދަ ޚިދުމަތެއްކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ މިހާރު ހިނގަމުންދާ ކޮވިޑް-19 އާއި މިދިޔަ އަހަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގާފައިވާ ކަނޑުމަތީގެ ހާދިސާތަކުގައި ފުލުހުންގެ މަސައްކަތުން އެކަން ވަނީ ސާބިތުކޮށްދީފައި ކަމަށެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވުނު މަސައްކަތްތައް ހިއްސާކުރައްވާ ސީޕީ ވިދާޅުވީ އެ މަސައްކަތުންވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެފަދަ އަނިޔާވެރި އަމަލުތައް ރާވާ ހިންގާ ފަރާތްތައް ދެނެގަނެ އަމަލުތައް ހުއްޓުވާ، އެފަދަ މައްސަލަތައް ތަހުގީގުކުރުމުގައިވެސް ކާމިޔާބުތަކެއް ލިބިފައިވާ ކަމަށާއި އެ މަސައްކަތް މި އަހަރުގެ ތެރޭގައިވެސް ކުރިއަށްގެންދެވޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.