މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ސަބަބުން 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު އެ އިދާރާއިން ބާއްވަން ނިންމީ ކޮންގްރެސް ވެސް ވަނީ ފަސްކޮށްފައެވެ.
އެފްއޭއެމުން މިއަހަރުގެ ސީޒަންގެ ބާކީ އޮތްބައި މެދުކަނޑާލަން ނިންމާފައިވުމާއެކު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް މިއަހަރު ދެން ނުބާއްވާނެއެވެ. މި ނިންމުންތައް އެފްއޭއެމުން ނިންމާފައިވަނީ ދިވެހި ސަރުކާރާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެމުންދާ އިރުޝާދާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ހުރިހާ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކުލަބުތަކާއި މަޝްވަރާކުރުމަށްފަހު ކަމަށް އެއިދާރާއިން މައުލޫމާތުދެއެވެ.
ކެންސަލް ކުރިއިރު އެފްއޭ ކަޕުގެ ކުއާޓާފައިނަލް މެޗުތައް ވަނީ ކުޅެ ނިމިފައެވެ. ފުރަތަމަ ޑިވިޝަނުގެ ސީޒަން ކުރިއަށް ނުގެންދަން ނިންމި ނަމަވެސް ޗަޒީރާ ޗެމްޕިއަންޝިޕް އަދި ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އޮންނާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެެވެ.
މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގައި ބޭއްވުނީ ދެ މުބާރާތެވެ. އެއީ ދިރާގު ދިވެހި ޕްރިމިއާ ލީގާއި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތެވެ. ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ހޯދިއިރު ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ކުލަބް ވެލެންސިޔާ އެވެ. ރަނަރަޕް އަކީ ސުޕަ ޔުނައިޓެޑެވެ. މި ދެ ޓީމު ވަނީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައެވެ.
މި ނިންމުމާއެކު އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ހޮވިފައިވަނީ މާޒިޔާ އެވެ. އަދި ޕްރީލިމިނަރީ ބުރުގައި ވާދަކުރާނީ ކުލަބް އީގަލްސް އެވެ. މިއީ އޭއެފްސީ ކަޕުގައި އީގަލްސް ވާދަކުރާ ފުރަތަމަ ފަހަރެވެ.