މޯލްޑިވިއަން އިން މިއަހަރުގެ ރޯދަމަހު ބާއްވަން ހަމަޖެއްސި ގުރުއާން މުބާރާތް ފަސްކޮށްފިއެވެ.

މޯލްޑިވިއަންއިން ބާއްވަން ނިންމާފައިވާ ގުރުއާން މުބާރާތް ކޮވިޑް-19 ރޯގާއާ ގުޅިގެން ފަސްކޮށްފައި މިވަނީ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 މާޗް 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:30 ގައި އެ ކުންފުނިން ބުނެފައިވާ ވަގުތެއްގައެވެ.

މުބާރާތް ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.

މޯޑިވިއަން އިން ވަނީ މިދަތި ދަނޑިވަޅުގައި ހުރިހާ އެންމެންވެސް ސިއްހީ ކަންކަމަށް ސަމާލުކަންދީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފައެވެ.

އައިލެންޑް އޭވިއޭޝަނުން އިސްނަގައިގެން ތުއްތު ކުދިންނަށް ގުރުއާން މުބާރާތް ބާއްވަމުން ގެންދަތާ މިއީ އަށްވަނަ އަހަރެވެ.

ގުރުއާން މުބާރާތެއްގެ މައިގަނޑު މަގްސަދަކީ ތުއްތު ކުދިންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖެއްސުމާއި ރޯދަމަހަކީ ގުރުއާން ގިނަގިނައިން ކިޔަވަންޖެހޭ މަހަކަށް ވުމާއެކު އެމަހުގެ ދަރުމައާއި ސަވާބު ހޯދުމުގެ މުހިންމުކަން ކުދިންގެ ހިތްތަކުގައި އަށަގެންނެވުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި މިމުބާރާތަކީ 8 އަހަރުން ދަށުގެ އުމުރުފުރައިގެ ކުދިންނަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ.