ކޮވިޑް-19 ބައްޔާ ދެކޮޅަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާނުކުރައްވާފައިވާ "ޕީއެމް ކެއާޒް" ފަންޑަށް ބޮލީވުޑް ފަންނާނުން 500 މިލިއަން ރުޕީޒް އަށްވުރެ ގިނަ ފައިސާ ހަދިޔާކޮށްފިއެވެ.

މޯދީ އިއުލާނުކުރެއްވި މި ފަންޑަށް އިންޑިޔާގެ ވިޔަފާރިވެރިންވެސް އަންނަނީ ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާކުރަމުންނެވެ. މީގެ އިތުރުން މާލީގޮތުން ތަނަވަސް ގިނަ ފަންނާނުންވެސް އަންނަނީ މިފަންޑަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިންޑިޔާގެ މީޑިއާ ބުނާގޮތުން މިހާތަނަށް އައިއިރު ބޮލީވުޑްގެ ފަންނާނުންގެ ތެރޭގައި ހިމެނޭ ހެމާ މާލިނީ، ސަނީ ޑިއޯލް، އަކްޝޭ ކުމާރު، ވަރުން ދަވަން، ކަޕިލް ޝަރުމާ، ރަންދީޕް ހޫޑާ، އާލިއާ ބަޓް، ކާރްތިކް އާރްޔާން، ބޫޝަން ކުމާރް، ޕަވަން ކަލިއާން، މަހޭޝް ބާބޫ، ރަޖްނިކާންތު، ޕްރަޕާޒް، ކަރަން ޖޯހަރް، ރާމް ޗަރަންގެ އިތުރުން ރިތިކް ރޯޝަންވެސް ވަނީ ޕީއެމް ކެއާޒްއަށް މާލީ އެހީ ދީފައެވެ.

މީގެ އިތުރުންވެސް އިންޑިޔާގެ ޓީވީ ސީރީޒްތަކުގައި މަސައްކަތްކުރާ ފަންނާނުންވެސް އަންނަނީ މިފަންޑަށް އެކިވަރުގެ އެހީތައް ފޯރުކޮށްދެމުންނެވެ.

ކޮވިޑް-19 ބަލި ޖެހިގެން އިންޑިޔާއިން 1251 މީހަކު މިހާތަނަށް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 32 މީހަކު ވަނީ މަރުވެފައެވެ. އިންޑިޔާ މިހާރު އޮތީ 21 ދުވަހުގެ ފުލް ލޮކްޑައުންއެއްގައެވެ.

ކޮންޓްރޯލްނުވާވަރަށް އިންޑިޔާގައި ކޮވިޑް-19 ފެތުރިއްޖެނަމަ އެގައުމަކީ އެންމެ ނުރައްކާތެރި އެއްގައުމުގެ ގޮތުގައި ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ. އެއީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަނީ އިންޑިޔާގައި ކަމަށްވެފައި، އިންޑިޔާގެ ބައެއް ސްޓޭޓުތަކަކީ ސިއްހީގޮތުން މާފެންވަރު ރަނގަޅު ހިދުމަތްތަކެއް ލިބެން ހުންނަ ތަންތަނަށް ނުވުމުންނެވެ.