ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ މި ދަތި ދަނޑިވަޅުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް މަސައްކަތްކުރާ ސަފާރީތަކާއި ބޯޓުތަކުގެ ކްރޫއިންނާއި އޯނަރުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެންބީއޭއެމް) އިން ގޮވާލައިފިއެވެ.

އެންބީއޭއެމްއިން ބުނީ ރިސޯޓް މުވައްޒަފުންނަށާއި، ސަފާރީ އަދި ބޯޓުތަކުގެ ކްރޫއިންނަށް ބޯޓުން ނުފައިބައި ތިބުމަށް އެޗްޕީއޭއިން އަންގާފައިވީ ނަމަވެސް މި އެންގުމާމެދު ހިތްހަމަނުޖެހިގެން ސަފާރީ އިންޑަސްޓްރީގެ ބައެއް ކްރޫ މެމްބަރުންނާއި، ރިސޯޓުތަކުގެ ބައެއް ޑައިވަރުން އިސްނަގައިގެން މުޒާހަރާ ކުރާކަމުގެ މައުލުމާތު އެ އެސޯސިއޭޝަނަށް ލިބިފައިވާ ކަމަށެވެ.

އެންބީއޭއެމްއިން ބުނީ 14 ދުވަސް ވަންދެން ސަފަރީތަކުގައި ތިބި މިހުން ފޭބުން މަނާކޮށްފައިވަނީ މި ވައިރަސް އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމަށް ބަލާފައި ކަމަށެވެ. އެހެންކަމުން އެޗްޕީއޭގެ އެންގުމާ ހިލާފުވާ މީހުންނާމެދު ފިޔަަވަޅު އެޅުމަށް އެންބީއޭއެމްއިން ގޮވާލާފައިވެއެވެ. 14 ދުވަސް ހަމަވުމުން އެޗްޕީއޭއަށް މައުލޫމާތު ހިއްސާކޮށް، އެޗްޕީއޭގެ ހުއްދަ ލިބުމުން ސަފާރީ އިން ފޭބޭނެ ކަމަށްވެސް އެންބީއޭއެމްއިން ބުނެއެވެ.

މީގެ އިތުރުން މިވަގުތަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ދަތި ދަނޑިވަޅެއްކަން ފާހަގަކޮށް އެންބީއޭއެމްއިން ބުނީ ސަފާރީތަކުގައި ތިބޭ މީހުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލޭ މީހުން އިކޮނޮމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް އަންގާފައިވާކަން ވެސް އެންބީއޭއެމްއިން ފާހަގަކޮށްފައިވެއެވެ.

އެންބީއޭއެމް ވަނީ މިފަދަ ދަތި ވަގުތުތަކުގައި ސަރުކާރުގެ އިދާރާތަކާއި، ސިއްހީ އިދާރާތަކުން ދެމުންދާ އިރުޝާދުތަަކަށް ތަބާވެ، މި ދަތި ދަނޑިވަޅުން އަރއިގަތުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލާފައެވެ.