ޕަބްލިކް ހެލްތުން އެދޭނަމަ ކޮވިޑް-19 އަށް ޓެސްޓް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހުސްވި މަރޗް މަހުގެ 14-19 އާއި ދެމެދު އިނގިރޭސި ވިލާތުން ރާއްޖެ އައި އެންމެން ކޮވިޑް-19 އަށް ޓެސްޓްކޮށް، އެ މީހުންނާ ބައްދަލުވި މީހުންނަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ވަނީ ހާމަކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުން އޮންލައިންކޮށް ކުރިއަށްގެންދާ ޖަލްސާގައި މިއަދު މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ މަރޗް މަހުގެ 11 އިން 14 އަށް އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ އައިއިރު އިނގެރޭސިވިލާތުން ރާއްޖެއަންނަ މީހުންނާއިމެދު އަމަލުކުރާނެ ވަކި އުސޫލެއް ހަމަޖެހިފައި ނެތްކަމަށެވެ.

ރައީސް، ނަޝީދު ވިދާޅުވީ އޭރު އިނގެރޭވިލާތުން އައި މީހުންނާއިމެދުގައި ވަކި އުސޫލެއް ނެތުމާއި، އަދި ކޮވިޑަށް ޓެސްޓްކުރަން ޕަބްލިކް ހެލްތުން އޭރު ނިންމާފައި އޮތީ އެބަލީގެ ނިޝާންތައް ފެންނަ މީހުން ކަމަށްވުމުން،. އެމަނިކުފާނު މާލެ އައިސް ކޮވިޑަށް ޓެސްޓް ނުކުރައްވާ ކަމަށެވެ. އައި އިރާދަފުޅުން އެމަނިކުފާނު އެ ނިޝާނެއް ނެތް ކަމަށެވެ.

ނަމަވެސް މިހާރު ޕަބްލިކް ހެލްތުން އަންގަވާފައިވާ އެންގުމާއި އެއްގޮތަށް، އަދި ޓެސްޓްކުރަން އެދޭނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.

ޕަބްލިކް ހެލްތުން އެދޭނަމަ އަޅުގަނޑު މިހުރީ ވަރަށްބޮޑަށް ޓެސްޓްކުރަން ތައްޔާރަށް. އަޅުގަނޑު ޓެސްޓްކުރަން ތައްޔާރަށް ހުރިިއިރުވެސް ޕަބްލިކް ހެލްތުގެ އަދި ޑޮކްޓަރުންގެ ކައިރީގަ އަޅުގަނޑު އަހާލަން ބޭނުންވާނެ 14 ވަނަ ދުވަހުގެ ތާރީހަށް ތިބޭފުޅުން ތިޔަ ނިންމެވީ ކޮން ސައިންޓިފިކް ރެޝަނަލެއްގެ މައްޗަށް ބިނާކޮށްފަތޯ؟
ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނެވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިވަޑާއިގަންނަވާ ގޮތަކަށް އަމަލު ކުރެއްވުމަށް ތައްޔާރަށް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއި މީގެ ކުރިން ވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން ދިވެހިންނަކީވެސް އިނގިރޭސި ވިލާތުން އައި މީހުން ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވައި ވައިގެ މަގުން ރާއްޖެ އަންނަ ހުރިހާ ފަރާތްތަކެއް 14 ދުވަހު ކަރަންޓީގައި ސަރުކާރުން ކަނޑައަޅާ ތަނެއްގައި ބޭތިއްބުމަށް އެޗްޕީއޭއިން ނިންމީ ހުސްވި މާރޗް މަހުގެ 22 ވަނަ ދުވަހު އެވެ. ރައީސް ނަޝީދު މާލެ ވަޑައިގެންފައި ވަނީ އެ ތާރީހުގެ ކުރިން 14 ވަނަ ދުވަހު ކަމަށް މައުލޫމާތުލިބެއެވެ.