ޤާނޫނާއި ޚިލާފަށް ނޯޕޭ ލީވް ނަގަން މަޖުބޫރުކުރުވައި މުވައްޒަފުން ގެއަށް ފޮނުވާލާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިޤްތިސޯދީ ކޮމެޓީން ބެލުމަށް މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވައިފި އެވެ.

މެންބަރު ސަލީމް ވިދާޅުވީ އިޤްތިސޯދުން އަރައިގަތުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅުއްވަމުންގެންދަވާއިރު، 38 ރިސޯޓަކުން 11،000 މުވައްޒަފުންގެ ވަޒީފާ މިހާތަނަށް ގެއްލިފައިވާކަމަށް މައުލޫމާތު ލިބޭކަމަށެވެ. އަދި މުޅި ޓްއަރިޒަމް ހުއްޓުމަކަށް އައިސްފިނަމަ މަދުވެގެން 20،000 މީހުންގެ ވަޒީފާ ހަމައެކަނި ރިސޯތްތަކުން ގެއްލޭނެކަން ސަލީމް ފާހަގަކުރެއްވެވި އެވެ. އަދި އެއިން ކޮންމެ މީހަކީ ގާތްގަނޑަކަށް 5 ވަރަކަށް މީހުންގެ ދިރިއުޅުމުގެ ކަންކަން ބަލަހައްޓާނެ މީހެއް ކަމަށާއި، އެހެންކަމުން އެހާލަތުގައި ގާތްގަނޑަކަށް 100،000 ދިވެހިރައްޔިތުންނަށް އޭގެ އަސަރުކުރާނެ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

މީގެ އިތުރަށް ގެސްޓް ހައުސްތަކާއި ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެއާޕޯޓާއި ފަޅުއޮޑިފަހަރު ދުއްވާ މީހުންނާއި ރިސޯޓްތަކަށް މަސައްކަތުދާ މީހުންނާއި ފަރުމަހަށްދާ މީހުން ހިމެނޭގޮތުން އޭގެ ނުސީދާ އަދި ސީދާ އަސަރުކުރާނެ ރައްޔިތުންގެ އަދަދު ގާތްގަނޑަކަށް 10،000 އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެއްވެސް މުސާރައެއްނެތި ނޯޕޭގައި ގެއަށް ފޮނުވާލި މީހުންނަށް ކުރިއަށްއޮތް ރޯދަމަހުގެ އިނާޔަތްވެސް ގެއްލިގެންދިއައީ ކަމަށް މެންބަރު ސަލީމް ވިދާޅުވި އެވެ.

އެހެންކަމުން ގިނަ ރައްޔިތުންނަށް އެފަދަ ބޮޑު ގެއްލުމެއް ލިބިގެންދިއުމަކީ ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭނެ ކަމެއް ކަމަށާއި، އެކަން އިޤްތިސޯދީ ކޮމެޓީން ބެލުމަށް ހުށަހަޅުއްވާ ކަމަށެވެ. އަިދ މައްސަލަ ބަލަމުންދާއިރުވެސް އެފަރާތްތަކަށް އާމްދަނީއެއް ލިބޭނެގޮތް ހަމަޖެހިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެފަދަ ފަރާތްތަކަށް އެހީދެވޭނެ އެއްގޮތަކީ ޕެންޝަން ސްކީމުން އެހީވުން ކަމަށާއި، ރިޓަޔަރމެންޓް ފައިދާގެ އިތުރަށް އެހެން އިނާޔަތެއް ދިނުމަކީ ޕެންޝަން ޤާނޫނު ހުރަސްއަޅާ ކަމެއް ނޫންކަމަށެވެ. އެގޮތުން އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް ބޯޑަށް ފުރުސަތު އޮންނަކަން ސަަލީމް ފާހަގަކުރެއްވި އެވެ.

މެންބަރު ސަލީމް ވިދާޅުވީ ދެވަނަ ކަމަކަށް އިންކަމް ސަޕޯޓް ސްކީމެއް ތަައާރަފު ކުރެވިދާނެ ކަމަށެވެ. އަދި އެ ސްކީމުން ދެވޭ އެހީއަކީ ސީދާ ރައްޔިތު މީހާއަށް ލިބޭ އެހީއަކަށް ވާންވާނެ ކަމަށެވެ.

މީގެ އިތުރަށް ފަތުރުވެރިކަމުގެ ދާއިރާއަށް މިކުރެވުނު ތަޖުރިބާއަށް ބަލައި އެފަދަ ހާލަތްތަކުގައި އެހީވުމަށް، ސަރުކާރުން ބަލަހައްޓާގޮތަށް ޓްރަސްޓް ފަންޑެއް ޤާއިމްކުރުން މުހިންމު ކަމަށްވެސް މެންބަރު ސަލީމް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމަށް ރަށްތައް ދޫކުރާއިރު އެއްބަސްވުންތަކުގައި އެފަދަ ހާލަތްތަކުގައި މުވައްޒަފުންނާއިމެދު އަމަލުކުރަންޖެހޭނެ ގޮތް ބަޔާންކޮށްފައި އޮތުންމުހިންމު ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް ވިދާޅުވީ، މިވަގުތަކީ ޤައުމާމެދު ފުންކޮށް ވިސްނައި ޤައުމީ ތަރައްގީގެ ދުރުރާސްތާ މިސްރާބާއި އިޤްތިސޯދީ ތަރައްގީ މިސްރާބާއިމެދު ވިސްނަންވީ ވަގުތު ކަމަށެވެ. އަދި މިވަގުތަކީ ބިދޭސީންނަށް ބަރޯސާވުން ކުޑަކޮށް ރާއްޖޭގައި ފައިސާ ހިފަހައްޓަން ހިތްވަރުކުރަންވީ ވަގުތު ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު ސަލީމް ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ %80 ސީދާ އަދި ނުސީދާގޮތުން ޓްއަރިޒަމަށް ބަރޯސާވެފައިވާއިރު، މިހާރަށްވުރެ ބޮޑަށް މަސްވެރިކަމާއި ދަނޑުވެރިކަމަށް ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. އަދި ދަނޑުވެރިކަމަށް ބިންތައް ދޫކޮށް ދަނޑުވެރިކަމަށް މީހުން ތަމްރީނުކޮށް މާލީ އެހީތެރިކަންދޭންވީ ވަގުތަކީ މިއިީ ކަމަށްވެސް ވިދާޅުވި އެވެ.

ބައިނަލްއަޤްވާމީ ޓްރާންޝިޕްމަންޓް ބަނދަރެއް މިއަދު ރާއްޖޭގައި އޮތްނަމަ އިޤްތިސޯދުގެ %30 އުނިވިއަސް އެކަމާއި ފިކުރުކުރަން ނުޖެހުނީސް ކަމަށާއި، ޓްރާންސްޝިޕްމަންޓް ބަނދަރުގެ މަސައްކަތް އަވަސްކޮށް، ރާއްޖޭގެ ޝިޕިންލައިން ފުޅާކޮށް ޤައުމީ އެއާލައިން ކުރިއަރުވަން އެންމެ މުހިންމު ދަނޑިވަޅުކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރަށް އިޤްތިސޯދު ހީނަރުވެފައިވާ މިދަނޑިވަޅުގައި އިޤްތިސޯދުގައި ފައިސާ ދައުރުވުން ހުއްޓިގެންދިއަ ނުދިނުމަށް އެންމެ މުހިންމު އެއް ކަމަކީ އަމިއްލަ ފަރާތްތަކުގެ ބިލް ތަކަށް ފައިސާ ލިބޭނެ މަގު އަވަސް ކުރުން ކަމަށްވެސް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި އެވެ.

އެގޮތުން ސަރުކާރުން ތައާރަފުކުރައްވާ 2.5 ބިލިއަން ރުފިޔާގެ އިޤްތިސޯދީ ޕެކޭޖަކީ ވީހާވެސް ބޮޑަށް ދެފުށްފެންނަ ގޮތަކަށް ގިނަ ބަޔަކަށް މަންފާކުރާނެ ފަސޭހަގޮތަކަށް ލިބޭ އެހީއަކަށް ވުމަކީ މުހިންމުކަމެއް ކަމަށާއި، މަޖިލީހުގެ ދައުރެއް އެކަމުގައި ބޭއްވުމަށްވެސް ސަލީމް ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރަށް މިވަގުތަކީ ކޮވިޑް ރިކަވަރީ ފަންޑު އެކުލަވާލައި، ރާއްޖޭގެ ދަރަނިތައް މަޢާފުކޮށްދިނުމަށް ޤައުމުތަކުގައި އެދެންވީ ވަގުތުކަމަށާއި، އަދި މިދަނޑިވަޅުގައި ސަރުކާރު މުޅިން ބަނދުވެފައި އޮތުމަކީ ރަނގަޅުކަމެއް ނޫންކަމަށްވެސް ސަލީމް ވިދާޅުވި އެވެ. އަދި މިވަގުތަކީ ރައްޔިތުންގެ ހުރިހާ އުދާސްތަކަށް އަވަހަށް ޖަވާބުދީ ރައްޔިތުންނަށް ހިތްވަރުދޭންވީ ވަގުތުކަންވެސް ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.