ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޮވިޑް19 އަށް ޓެސްޓު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ނިންމަވައިލެއްވުމާއެ، ޕަބްލިކް ހެލްތުގެ ބޭފުޅުން ވަނީ މަޖިލީހުގެ އިދާރާއަށް ވަޑައިގެން ރައީސް ނަޝީދު ކޮވިޑަށް ޓެސްޓް ކުރެއްވުމަށް ސާމްޕަލް ނަންގަވާފައެވެ. މަޖިލީހުގެ އިދާރާއިން ވަނީ އެ މަންޒަރު އާއްމުންނާއި ހިއްސާ ކުރައްވާފަ އެވެ.

ރައީސް ނަޝީދު ކޮވިޑަށް ޓެސްޓް ކުރެއްވި ނަމަވެސް، އިރާދަފުޅުން ކޮވިޑަށް ޝައްކުވާ ނިޝާނެއް ނެތްކމަށް އެމަނިކުފާނު ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިވަގުތު ކުރިއަށްގެންދަވަނީ އޮންލައިންކޮށެވެ.

ރައީސް ނަޝީދު ކޮވިޑަށް ޓެސްޓް ކުރެއްވުމަށް ސާމްޕަލް ދެއްވާފައި މިވަނީ، ހުސްވި މަރޗް މަހުގެ 14-19 އާއި ދެމެދު އިނގިރޭސި ވިލާތުން ރާއްޖެ އައި އެންމެން ކޮވިޑް-19 އަށް ޓެސްޓްކޮށް، އެ މީހުންނާ ބައްދަލުވި މީހުންނަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ފަށާފައިވާކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވަނިކޮށެވެ.

ރައީސް ނަޝީދު ވަނީ، ޕަބްލިކް ހެލްތުން އެދޭނަމަ ކޮވިޑް-19 އަށް ޓެސްޓް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

މަރޗް މަހުގެ 11 އިން 14 އަށް އެމަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ އައިއިރު އިނގެރޭސިވިލާތުން ރާއްޖެއަންނަ މީހުންނާއިމެދު އަމަލުކުރާނެ ވަކި އުސޫލެއް ހަމަޖެހިފައި ނެތެވެ. އެހެންކަމުން އޭރު ކޮވިޑަށް ޓެސްޓްކުރަން ޕަބްލިކް ހެލްތުން ނިންމަވާފައި ނުވުމުން ކޮވިޑަށް ޓެސްޓް ކުރައްވާފައެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 4 ދިވެއްސަކު ޕޮޒިޓިވްވި އިރު އެ އެންމެންނަކީވެސް އިނގިރޭސި ވިލާތުން އައި މީހުން ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އެންމެ ފަހުން ކޮވިޑަށް މީހަކު ޕޮޒިޓިވްވީ މިއަދު އެވެ.