ސްރީލަންކާގައި ހިންގާފައިވާ ކާފިއުގެ އަމުރާއި ގުޅިގެން، ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާއި އެމީހުންގެ އާއިލާތައް ވަނީ އިންތިހާ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ކާފިއު އިއުލާންކޮށްފައިވުމާއި ގުޅިގެން އެއް ތަނުން އަނެއް ތަނަށް ދިޔުން ދަތިވެ ކާބޯތަކެތި ލިބުން ދަތިވެފައިވާކަން ލަންކާގައި އުޅެމުންދާ ދިވެހިން އަންނަނީ ބުނަމުންނެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ އެމީހުންގެ އާއިލާތަކުން ކެއަރ ޕެކޭޖްތައް ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

އެމްޕީއެލް ބަސް ޓާމިނަލްގެ ތެރޭގައި މީހުންނަށް އިޖުތިމާއީ ގައިދުރުކަމަށް ސަމާލުވެގެން ތިބެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް ލަންކާއަށް ތަކެތި ފޮނުވަންދިއަ މީހުންގެ އަދަދު ގިނަކަމުން ޓާމިނަލް ފުރި އެތައް ބަޔަކު ތިބީ މަގުމަތީގައިވެސް ކިޔުހަދައިގެންނެވެ.

ނަމަވެސް މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރު 01:00 އާއި ހަމައަށް ކެއަރ ޕެކޭޖްތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވާއިރު، މިކަމުގެ އިންތިޒާމްތައް އެންމެ ފުރިހަމަ ނޫންކަމަށް ބުނެ ބައެއް އާންމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ހެނދުނު 9 ޖަހާއިރު އެޚިދުމަތް ދޭން ފަށާފައި ވާއިރު، ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ކުރިން އެސަރަހައްދުގައި އާންމުން ވަނީ ކިޔޫ ހަދާފައެވެ. ކެއަރ ޕެކޭޖް ފޮނުވުމަށް ފޮރިން މިނިސްޓްރީއަށް ފޯމެއް ހުށައަޅާފައި ވާއިރު، ކެއާ ޕެކޭޖް ފޮނުވުމަށް އެތަނަށް ދިޔަ އެންމެންނަކީ އެމީހުންގެ ފޯމް އެޕްރޫވްކޮށް، އެތަނަށް ދިޔުމަށް މެއިލް މެދުވެރިކޮށް އަންގާފައިވާ މީހުން ކަމަށް އެމީހުން ބުނެއެވެ.

ނަމަވެސް އެމީހުން ކަންބޮޑުވުމަކީ އެސަރަހައްދުގައި ގިނަ އިރުތަކެއް ވަންދެން މަގުމަތީގައި އަވީގައި ކިއުގައި ތިބެންޖެހުމެވެ.

ވީނިއުސްއާއި ވާހަކަދެއްކި މީހުން ބުނީ ކެއާ ޕެކޭޖްތައް ހިފައިގެން އަންނަ މީހުންނަކީ، ފޯމްތައް އެޕްރޫވްކޮށް މިނިސްޓްރީގެ ހުއްދަ ލިބިގެން އަންނަ މީހުންކަމަށެވެ. އެހެންވީމާ ތަނުގެ އިންތިޒާމްތައް މިއަށްވުރެ ރަނގަޅުވާން ޖެހޭނެ ކަމަށެވެ.

ފޮރިން މިނިސްޓްރީއަށް ފޯމެއް ލައިގެން މިއަންނަނީ މިތަނަށް. އެހެންވީމާ މިތަނަށް އަންނަނީ ކިތައް މީހުންކަމާއި، ކިތައް ފޮށިގަނޑުކަން ދުރާލައި އެބަ އިނގޭ. މިހާ އަވިގަދަ، ހޫނު ވަގުތެއްގައި، ތާރު އަޅާފައި އޮތް މަގެއްގައި ކިޔޫގައި ތިބުން ނޫން ގޮތެއް އޮންނަންވާނެ. ބިދޭސީންގެ ކަންކަން ކުރަމުންދިޔައިރު، އެމީހުން ތިބީ ފުޓްބޯޅަ ދަނޑުގައި ސިޑިބަރީގައި ބައިތިއްބާފައި. އަޅުގަނޑުމެން ދިވެހިން މިތިބީ ކޮޅަށް ބައިތިއްބާފައި.
އާންމު ރައްޔިތެއް

ކެއަރ ޕެކޭޖްތައް ހަވާލުކުރުމަސް ކަނޑައަޅާފައިވާ ސަރަހައްދުގައި ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުން ވަނީ ހަރަކާތްތެރިވެފައެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އައިލަންޑް އޭވިއޭޝަންގެ ޕީއާރު މޭނެޖަރ މޫސާ ވަސީމް ވިދާޅުވީ، މިމަސައްކަތަކީ އައިލަންޑް އޭވިއޭޝަންގެ އިތުރަށް ބައެއް އެހެން ސަރުކާރު ކުންފުނިތަކުންނާއި، ވުޒާރާތައް ގުޅިގެން ކުރަމުންދާ ކަމެއް ކަމަށެވެ. ކަނޑައެޅިފައިވާ އިންތިޒާމްތަކުގެ ތެރެއިން ބަލައިގެނެވޭ ހުރިހާ ކެއަރ ޕެކޭޖްތައް އޭގެ ހައްގުވެރިންނަށް ރައްދުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މި ދިމާވި ކަންތަކަށް ހުރިހާ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުންޏެއްގެ ހައިސިއްޔަތުން އެކަން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ރާއްޖެއިން ބެރަށް ދަތުރުކުރާ މޯލްޑިވިއަންގެ ކާގޯ ފްލައިޓްތަކުން އެ ފްލައިޓްތައް ދަތުރުކުރާ ގައުމުތަކުގައި ތިބި ދިވެހި އާއިލާތަކަށް ބޭނުންވާ ބައެއް އެއްޗެހި ފޮނުވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފައި ވާކަމަށް ނެޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައި ވަނީ މިހަފްތާގެ ތެރޭގައެވެ.

ސްރީލަންކާއަށް ކެއަރ ޕެކޭޖް ފޮނުވުމަށް ނިންމައި އެކަމާ ބެހޭ މައުލޫމާތު ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވަނީ ހުސްވި މާޗް މަހުގެ 31 ވަނަ ދުވަހުއެވެ. ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގައި ވަނީ ބޭރަށް ތަކެތި ފޮނުވުމުގައި އަމަލުކުރަންވީ އުސޫލުތައް ބަޔާންކޮށްފައެވެ.