ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒްގެ ކާމިޔާބު ފިލްމު "ޓޮޕް ގަން" ގެ ދެވަނަބައި "ޓޮޕް ގަން: މެވެރިން" މިއަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

އަންނަ ޖޫންމަހު ރިލިޒްކުރަން މީގެކުރިން އިޢުލާންކޮށްފައި އޮތް މިފިލްމު ފަސްކުރަން ނިންމީ ކޮވިޑް-19 ގެ ސަބަބުންކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިފިލްމު ފަސްކުރިކަމުގެ ހަބަރު ކްރޫޒް ވަނީ އޭނާގެ ފޭނުންނާ ޓްވިޓަރ މެދުވެރިކޮށް ހިއްސާކޮށްފައެވެ.

"ޓޮޕް ގަން" ފުރަތަމަ ބައި ރިލީޒްކޮށްފައިވަނީ 1986 ވަނަ އަހަރުއެވެ. އެއީ ޖޯސެފް ކޮޒިންސްކީ ޑައިރެކްޓުކުރި ފިލްމެކެވެ.

ކްރޫޒްގެ އިތުރުން އެފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ޖެނިފާ ކޮނެލީ، މިލެޒް ޓެލާ، ގްލެން ޕަވަލް، ވަލް ކިލްމާ، އެޑް ހެރިސް، ޖޮމް ހެމްގެ އިތުރުން ލުވިސް ޕުލްމަންއެވެ.

މިއަހަރު ރިލީޒްކުރާ "ޓޮޕް ގަން: މެރެވިކް" ހަދާފައިވަނީ ޖުމްލަ 152 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

ކޮވިޑް-19 އާ މުޅި ދުނިޔެ ކުރިމަތިލިއިރު ކްރޫޒް ދިޔައީ "މިޝަން އިމްޕޮޒިބަލް" ގެ ހަތްވަނަ ފިލްމު ޝޫޓުކުރަމުންނެވެ. އެހެންނަމަވެސް މިޝޫޓިން މިހާރު ވަނީ މެދުކަނޑާލާފައެވެ. މިއީ އަންނަ އަހަރު އަޅުވަން ތާވަލްކޮށްފައި އޮތް ފިލްމެއް ނަމަވެސް މިތާރީހަށް ބަދަލު ގެންނާނެކަމަށް ބެލެވެއެވެ.

"ޓޮޕް ގަން: މެވެރިކް" ސިނަމާތަކުގައި އަޅުވާނީ މިއަހަރު ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.