ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށާއި އިންތިޚާބާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޚާއްސަ ބިލެއް ފޮނުވައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނީ އިންތިޚާބު ފަސްކުރުމަށާއި އިންތިޚާބާ ގުޅޭ އެނޫންވެސް ޚާއްސަ އުސޫލުތައް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވާފައިވާ ކަމަށެވެ. "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ބިލު 2020" ގެ ނަމުގައި ފޮނުވާފައިވާ މި ބިލުގައި 10 މާއްދާ ހިމެނެއެވެ. ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އިން ހޮވޭ މެމްބަރުން މަގާމާ ހަވާލުވުމުން ގާނޫނު އުވިގެންދާ ގޮތަށެވެ.

ބިލުގައި ހިމެނިފައިވާ މުހިންމު ކަންތައްތައް:

  • ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ބިލު 2020 އަށް އަމަލުކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން 18 އޭޕްރީލް 2020 ގައި ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިޚާބު ފަސްވެގެންދާނެ.

  • އިންތިޚާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން އަލުން ފަށަން ޖެހޭނީ އިންތިޚާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން.
  • ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިޚާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން.
  • ވަކި ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައި ނުވާތީ އިންތިޚާބުވެފައިވާ ކެންޑިޑޭޓުން މަގާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިޚާބު ބޭއްވުމަށްފަހު، އަލަށް އިންތިޚާބުވާ މެމްބަރުންނާ އެކުގައި.

މީގެ އިތުރަށް ބިލަށް އަމަލުކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތްއޮތުން ބާތިލުވާނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ. ސަސްޕެންޝަން ބާތިލުވުމާއެކު އެމީހުން ކުރިން ތިބި މަގާމަށް އަނބުރާ ރުޖޫއަވާނެއެވެ. ނަމަވެސް އެމީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން އަލުން ސަސްޕެންޑް ކުރެވެންދެން އިންތިޚާބާ ގުޅޭގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ހަރަކާތެއް އެމީހުންނަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އިންތިޚާބުން ހޮވޭ ކެންޑިޑޭޓުން މަގާމާ ހަވާލުވާ ހިސާބުން އުވިގެންދާގޮތަށް ފަރުމާކޮށްފައިވާ މި "ސަންސެޓް" ގާނޫނުގެ ބިލުގައި ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރި ނަމަވެސް، ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ 6 ގައި އިންތިޚާބު ބާއްވަން ވަނީ ލާޒިމުކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ތާވަލުކުރީ އޭޕްރީލް މަހުގެ 4 އަށެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރުމުން އޭޕްރީލް 18 އަށް އިންތިޚާބުގެ ތާރީޚު ފަސްކުރިއެވެ.

ސިއްހީ ކުއްލި ހާލަތާ ގުޅިގެން އިންތިޚާބުގެ ކެމްޕޭން ވެސް ހުއްޓި މުޅި އިންތިޚާބަށް ހުރަސްއެޅުމުން އިލެކްޝަންސް ކޮމިޝަނުން ހައްލު ހޯދުމަށް ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. އޭގެ ފަހުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު ރައްޔިތުންގެ މަޖިލީހުން ގާނޫނީ ހައްލެއް ހޯދުމަށްޓަކައި ކޯޓަށް ހުށަހެޅި މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.