އަހަންނަށް ހޭލެވުނީ ނަވާލް ދޮރު ހުޅުވާލި އަޑަށެވެ. މުޅި ދުވަހު ގޭތެރޭގެ މަސައްކަތުގައި މަސްޢޫލުވެ އުޅުމަށްފަހު ހަވީރު ޓީވީ ބަލަން ސޯފާގައި އޮށޯންނަނީ އަރާމު ކޮށްލާށެވެ. ގިނަ ދުވަސް ދުވަހު ޓީވީން އަންނަ އެއްޗެއްގެ ފެންނަނީ ކުޑަ ތަންކޮޅެކެވެ. ވެފައި ހުންނަ ވަރުބަލިކަމެއްގެ ބޮޑުކަމުން ނިދެނީއެވެ. މިއީ ސްކޫލު ބަންދު ދުވަސްވަރުކަމުން ކޮންމެ ދުވަހަކު މެންދުރު ކައިގެން ކުޑަމީހާ ދަނީ އަހަރެންގެ މަންމަ ގެއަށެވެ.

ނަވާލްވެސް އޮފީސް ނިންމާފައި ގެއަށް އަންނައިރު ހުންނަނީ ވަރުބަލި ވެފައެވެ. އެހެންވެ އަހަރެން ކިތަންމެ ވަރުބަލިވެފައި ހުއްޓަސް އެގަޑީގައި ބަލަނީ ނަވާލްގެ ކަންކަން ކުރެވޭތޯއެވެ. ނަވާލް ސޯފާގައި އިށީންނަމުން ބޮލުގައި އަތް އަޅާލިއެވެ. ހަރަކާތްތަކުން ނަވާލް މިއަދުވެސް އުޅެނީ ބޮލުގައި ރިއްސާތީކަން އަހަންނަށް އެނގިއްޖެއެވެ. އެހެންވެ ކިހިނެއްވީތޯ އަހަންނެއް ނާހަމެވެ. ބަދަލުގައި މިއަދުވެސް ބޮލުގައި ރިއްސަނީތޯ ސުވާލުކޮށްލީމެވެ. އާނ އެކޭ ބުނަމުން ނަވާލް ބޯ ޖަހާލިއެވެ. އަހަރެން ސޯފާއިން ތެދުވެގެން ބަދިގެ ފަރާތަށް ދިޔައީ ފެންތައްޓެއް ބަލައެވެ.

ނަވާލް ބޮލެއްގައި ރިއްސާތީ އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިހާރަކަށް އައިސް އެއްވެސް އެއްޗެއް ނަވާލްއަކަށް ނުކެވެއެވެ. ކިތަންމެ މީރު އެއްޗެއް ހެދިޔަސް އުޅެނީ ރަހަ ނުބައިވެގެންނެވެ. ބައެއް ދުވަސްދުވަހު އެކި ވައްތަރުން ރިހަ ތައްޔާރު ކުރަމެވެ. ކޮންމެވެސް އެކައްޗެއް ކަމުދާނެކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކުވެސް މިމަސައްކަތް ވަނީ ބޭކާރެވެ. އަހަރެން އަތުން ކައްކާ އެއްޗެހި ނަވާލްއަށް މިހާރު މީރު ނޫނީއޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ. އެހެންވެ ދެދުވަހަކު މަންމަ ކައްކާ އެއްޗެހިވެސް ގެއަށް ގެނެސްފީމެވެ. އެވެސް ނަވާލްއަކަށް ކަމުނުދިޔައެވެ.

ކައިވެންޏަށް މިހާރު ނުވަ އަހަރު ވީއެވެ. އަހަރުމެން ދެމީހުންގެ އަންހެން ކުއްޖަކު ހުރެއެވެ. 7 އަހަރު ފުރި 8 އަހަރަށްދާ ނާއިޝާދެކެ ނަވާލް އިންތިހާއަށް ލޯބިވެއެވެ. އެކަމަކު މިހާރު ނާއިއާއެކުވެސް ނަވާލް ވަގުތު ހޭދަކުރަނީ ވަރަށް މަދުންނެވެ. ނާއި ގޭގައި އުޅުނަސް ނަވާލް އުޅޭނީ އޭނާއާ ދުރުދުރުންނެވެ. ނާއި ވާހަކަދައްކަން ކިތަންމެ މަސައްކަތެއް ކުރިޔަސް ނަވާލް މާބޮޑު ސަމާލުކަމެއް ނުދޭނެއެވެ. އަހަންނާވެސް ނަވާލް ވާހަކަ ދައްކަނީ ވަރަށް މަދުންނެވެ.

-------------------------

މަޑުމަޑުން ދޮރު ލައްޕާގައި އެއްވެސް އަޑެއް ނީވޭނެހެން ދޮރު ތަޅުލެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ނަވާލްއާ ކުޑަ މީހާ އޮތީ ނިދާފައިކަމުން އުނދަގޫކުރަން އަހަރެން ބޭނުން ނުވީއެވެ. ގެއިން ނިކުމެގެން އަހަރެން ހިނގާފައި ދިޔައީ އަވަސް ފިޔަވަޅުތަކެއްގައެވެ. ގަޑިން 10 ޖެހީއެވެ. މިއީ އެހެން ނޫނިއްޔާ އަހަރެން ބޭރަށް ނިކުންނަ ގަޑިއެއް ނޫނެވެ. އެހެންވެ ހިނގަމުން ދިޔައިރު ހިތަށް ބިރުވެރިކަން ވެރިވަމުން ދިޔައެވެ. މަގުމަތީގެ އެކި ހިސާބުތަކުގައި މީހުން ހުއްޓިލައިގެން ވާހަކަ ދައްކަން ތިއްބެވެ. ހޭއަޑުވެސް އިވެއެވެ. މިރަށަކީ ދުއްވާ އެއްޗެހި މާގިނައިން ހުންނަ ރަށެއް ނޫންކަމުން ހިނގާ މަދު މީހަކު ފިޔަވައި މަގު ފެންނަނީ ހުސްކޮށެވެ.

ފަސްވަރަކަށް މިނެޓު ހިނގުމަށްފަހު އަހަރެން ދާން ބޭނުންވި މަންޒިލަށް އާދެވިއްޖެއެވެ. ޖަންބުގޭ ވަށާފާރު ފަސްދީ އަހަރެން ވަދެގެން ދިޔައީ ބޯ ގަސްތަކެއްގެ ތެރެއިންނެވެ. މިގޭ ބޭރުން އަބަދުވެސް އަހަރެން ހިނގަމެވެ. އެއިން ކޮންމެ ފަހަރަކުވެސް އަހަންނަށް އިހުސާސްކުރެވެނީ ބިރުވެރިކަމެވެ. ނާމާންކަމެވެ. މިގެއަށް އަހަރެން ވަންނަ މިއީ ފުރަތަމަ ފަހަރެވެ. އަހަރެންގެ ހިތް ތެޅޭއަޑު އަމިއްލަ ކަންފަތަށް އިވޭހާވެއެވެ. ހުރީ އެހާވެސް ބިރުގަނެފައެވެ. ބޯކޮށް ގަސް ހައްދާފައި އޮތް ގޯތި ތެރެއިން ގޭގެ ދޮރާ ހަމައަށް އާދެވިއްޖެއެވެ. ގެއަކީ މާ ތަނަވަސްކޮށް ޒަމާނީ ފެންވަރަށް ހަދާފައި ހުރި ގެއެއް ނޫނެވެ. އެހެންނަމަވެސް މިއީ ކުރީގެ ދުވަސްވީ ގެއެކޭވެސް ނުބުނެވޭނެއެވެ.

ދޮރުގައި ދެތިން ފަހަރު ޓަކި ޖެހީމެވެ. އިރުކޮޅެއް ފަހުން އެތެރެއިން ލަސް ފިޔަވަޅެއްގެ އަޑު އިވުނެވެ. އަހަރެންގެ ހިތް އެއަށްވުރެއް ބާރަށް ތެޅިގަތެވެ. ފިޔަވަޅު ފަހަތަށް އަޅަންވެސް ހިތަށް އެރިއެވެ. އެކަމަކު، ކަމުގެ މުހިންމުކަމުން ސިކުނޑި އެކަމާ ދެކޮޅު ހެދީއެވެ. ދޮރު ހުޅުވިއެވެ. އަހަރެން ސަލާން ގޮވާލީމެވެ. ކުރިމަތީގައި ހުރީ 70 އަހަރުން މައްޗަށް ގޮސްފައިވާ ޔޫސުއްބެއެވެ. ރުޅިއައިސްގެން ހުރެ އަހަންނާ ދިމާއަށް ބަލާލިއެވެ. އަދި މިގެއަށް ވަންނައިރު ސަލާން ގޮވަން ނުޖެހޭނެކަމަށް ބުންޏެވެ.

އަހަންނަށް ހުރި ފިޔަވަޅުމަތީގައި ހުރެވުނީ ބުނާނެ އެއްޗެެއް ނޭނގިފައެވެ. ޔޫސުއްބެ ސަލާން ބަލައެއް ނުގަނެއެވެ. އަދި ގެއަށް ވަންނަށް އިޝާރާތުން ބުންޏެވެ. އެތެރެއަށް ވަދެގެން ދިޔައިރު ތަނުގައި ހިފާފައިހުރި ހުދު ކާފޫރު ވަސް އަހަންނަށް ދުވިއެވެ. ހުސްކޮށް އޮތް ބޮޑު ސިޓިން ރޫމުގެ އެއްފަރާތުގައި މޭޒަކާ ހަތަރު ގޮނޑި ބަހައްޓާފައި ހުއްޓެވެ. އެތަނުން އެއް ގޮނޑީގައި ޔޫސުއްބެ އިށީނެވެ. އޭނާއާ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އަހަރެންވެސް އިށީނީމެވެ.

ޔޫސުއްބެ ވާހަކަ ދައްކަން ފެށިއެވެ. ފުރަތަމަވެސް އަހަންނާ ކުރީ ސުވާލެކެވެ. "މިހާރު ހޮޑުލާތަ؟" ސުވާލަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގުނެވެ. ސުވާލު ކުރީ ކީއްވެކަމެއް އަހަންނަކަށް ނުވިސްނުނެވެ. ޖަވާބުގައި އަހަންނަށްވެސް ކުރެވުނީ ސުވާލެކެވެ. އެބުނި އެއްޗެއް އޮޅުންފިލުވައިދިނުމަށް އަހަރެން އެދުނީމެވެ. އެއްމިޔަކަނުން ހިނިތުންވެލަމުން ވެގެން އުޅޭގޮތް އެނގޭކަމަށާއި އެކަހަލަ ކަންކަން ސިއްރު ނުވާނެކަމަށް ޔޫސުއްބެ ބުންޏެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ރޮވުނެވެ. ދިރިއުޅުމުގައި އަހަންނަށް ކުރެވުނު އެންމެ ބޮޑު ކުށެވެ. މިލަދާ ކޮންމެވެސް ދުވަހަކުން ކުރިމަތިލާންޖެހިދާނެކަމުގެ ބިރު އަބަދުވެސް ހިތުތެރޭގައި އޮވެއެވެ. ވޭތުވެދިޔަ 9 އަހަރު އެކަމާ ހިތް ބިރުނުގަންނަ ހަމަ އެންމެ ދުވަހެއްވެސް ނުދެއެވެ.

-------------------------

އެގެއިން ނިކުމެގެން އަހަރެން ދިޔައީ މާޔޫސް ހިތަކާ އެކުގައެވެ. ދެލޯ ކަރުނައިން ތެތް ކޮށްގެންނެވެ. އެކަމަކު ދެން އިތުރަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތުމުން ހިތް މަރާލައިގެންނެވެ. ގެއަށް ދިޔަ މަގުމަތީގައި އެޅި ކޮންމެ ފިޔަވަޅެއް އަހަރެންގެ މިހިތާމައަށް ހެކިވާނެއެވެ. މުޅި ދުނިޔެއަށް އަހަރެން ގިނަވެއްޖެކަމުގެ އިހުސާސް ކުރެވުނެވެ. ނަވާލްއާ އަހަރެން ކުރިމަތިލާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ވީގޮތް މިކިޔާދެނީއެވެ.

އެއީ މީގެ 9 އަހަރު ކުރިއެވެ. އަހަރެންގެ ޒުވާން ދުވަސްވަރު ހޭދަކުރީ އުފަލާ މަޖަލުގައެވެ. ފެނުނު ކޮންމެ ފިރިހެނަކާއެކު އެނދުމަތިން އަރާމު ހޯދަމުން ދިޔައީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. އަހަންނާ ނަވާލް ދިމާވީ ރައްޓެއްސަކު ބޭއްވި ޕާޓީއެއްގެ ތެރެއިންނެވެ. ނަވާލް ފުރަތަމަ ފެނުމުންވެސް އަހަރެންގެ ހިތަށް ފިނިވިއެވެ. އެރޭ އަހަރެންގެ މަޅީގައި ނަވާލް ޖެއްސުމަށް ނިންމީމެވެ. ކަންވީވެސް އެހެންނެވެ. ނަވާލްގެ ފަރާތުން ހިތް ފުރެންދެން އަރާމު ލިބިގަތީމެވެ. އަހަރެން ހީކުރީ އެހެން ހުރިހާ ފިރިހެނުންނެކޭވެސް އެއްގޮތަށް މިއީވެސް ހަމަ އެއްރެއިން ފުދޭނެ މީހެއްކަމަށެވެ. ވީ އެހެންނެއް ނޫނެވެ. އަހަރެން ނަވާލްއަށް ބޭނުންވީ މުޅި އުމުރަށެވެ.

ނަވާލްއާ ގާތް ވެވޭތޯ އެތައް ގޮތަކުން އަހަރެން މަސައްކަތް ކުރީމެވެ. އެހެނަސް ނަވާލްގެ އަންހެނުން ދެކެ އޭނާ މާ ލޯބިވެއެވެ. އަހަންނާއެކު ހޭދަކުރި ރެއަކީ އޭނާއަށް ކުރެވުނު އެންމެ ބޮޑު ކުށްކަމުގައި އޭނާ ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ނަވާލް މަތިން ހަނދާން ނައްތާލަން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. އެހެން ފިރިހެނުންގެ ފަރާތުން އުފާ ލިބިގަތުމަށް މަސައްކަތް ކުރީމެވެ. އެކަމަކު ކުރި ކޮންމެ މަސައްކަތެއް ވީ ބޭކާރެވެ. ދެމަސްދުވަސް ފަހުން އަހަރެން ނިންމީ ކޮންމެ ގޮތެއް ހަދާފައިވެސް ނަވާލް ކާމިޔާބު ކުރުމަށެވެ. އެހެނަސް އަހަރެން ކަހަލަ، އެކެއްގެ އެނދުމަތިން އަނެކެއްގެ އެނދުމަތިން ދުވާ މީހަކަށް ނަވާލް އެހާ ފަސޭހައިން ކާމިޔާބު ނުކުރެވޭނެކަންވެސް އެނގެއެވެ.

އަހަރެން ނިންމީ އެއަށްވުރެ ފަސޭހައިން އެކަން ކުރާށެވެ. ރަށުގައި ހުރި އެންމެ މޮޅު ސިހުރު ހަދާ މީހާއާ އަހަރެން ބައްދަލު ކުރީމެވެ. އަދި އެކަން ކޮށްދިނުމަށް އެދުނީމެވެ. ނަވާލްގެ ކައިވެނި އަހަރެން ރޫޅާލީމެވެ. އެގޮތް މިގޮތުން ނަވާލް ކާމިޔާބުވެސް ކުރީމެވެ. އޭރުވެސް ސިހުރު ހަދައިދިން މީހާ އަހަރެން ކައިރީ ތަކުރާރުކޮށް އެއް ވާހަކައެއް ބުނަމުން ދިޔައެވެ. ނަވާލް އަހަންނާއެކު އުޅޭނީ އޭނާ އުޅެން ބޭނުންވެގެން ނޫންކަމުގައެވެ. ނަވާލްއަށް އަހަރެން ބޭނުންވާނީ ރޫހާނީ ބާރަކުން އެކަމަށް އެދުމުން ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން އެކަން ބަދަލުވެދާނެކަމަށްވެސް ބުންޏެވެ. ނަވާލްއަށް އަހަރެން ބޭނުންވެފައި ހުރިވަރުން މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުދެމެވެ. ނަވާލް އަހަންނަށް ކާމިޔާބުވީ މީގެ ބަރާބަރު ދިހަ އަހަރު ކުރިންނެވެ. ނަވާލްއާ އަހަރެން ކައިވެނިކުރީ އެކީގައި 8 މަސްދުވަހު އުޅުމަށްފަހުއެވެ.

ޔޫސުއްބެ ކައިރިއަށް މިރޭ އަހަރެން ދިޔައީ އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް އޮތްތޯ އޮޅުންފިލުވާށެވެ. ކުރެވޭނެ ކަމެއް ނެތީއެއް ނޫނެވެ. އެހެނަސް ކުރަން ބޭނުން ނުވީއެވެ. އިތުރު އެއްވެސް ކަމެއް ކުރަން އުޅެފިނަމަ ނަވާލްގެ ފުރާނަ ހިނގައިދާނެކަމުގެ އިންޒާރު ޔޫސުއްބެ ދިނީމައެވެ. ފަހަރުގައި ކާމިޔާބުވެސް ވެދާނެއެވެ. އެކަމަކު "ފަހަރުގައި" އަށްވުރެ އަހަރެން ނަވާލް ދެކެ ލޯބިވެއެވެ.

މިއަދު އަހަރެން ނަވާލްގެ ކައިރިއަށް މިދަނީ ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދޭން ނިޔަތްގަނެގެންނެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެން ބޭނުންވަނީ ނަވާލްގެ ފުރާނަ ސަލާމަތް ކުރާށެވެ. މުޅި އުމުރުދުވަހު މިހިތްދަތިކަމުގައި އަހަރެން ހޭދަކޮށްފާނަމެވެ. އެކަމަކު ދެނެއް ނަވާލް އެވޭނުގައި އުޅޭތަން ބަލާކަށް ކެތެއް ނުވާނެއެވެ.

ގެއަށް ވަންނަން ދޮރު ހުޅުވާލީމެވެ. ކުރިމަތީގައި އޮތީ އަހަރެންގެ ލޯބިވާ ފިރިމީހާއެވެ. ވެއްޓިފައި އޮވެ އެހީއަކަށް އާދޭސް ކުރަނީއެވެ. މީހާ ވަނީ ލެއިން ތަތްތެޅިފައެވެ. މޫނުގެ އެއްފަޅި އޮތީ އަނދާފައެވެ. ހުރެވުނު ފިޔަވަޅުވެސް އަހަންނަށް ނޭނގުނެވެ. ދުވެފައި ގޮސް ނަވާލްގެ ގައިގާ އަހަރެން ބައްދައިގަތީމެވެ. އަޑުގެ ނެތްކޮޅަށް އަހަރެން ރޯން ފެށީމެވެ. މީހެއްގެ އެހީ ލިބޭތޯއެވެ. އަހަރެން ލޮލަށް ނަވާލް ބަލާލިއެވެ. އަދި އަހަންނަށް ގޮވާލިއެވެ. ނަވާލްގެ ބަސްތަކުން އަހަންނަށް ލިބުނީ ސިހުމެކެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި އަހަރެއް ގަނޑުވީއެވެ. ކަރުނަވެސް ހުއްޓުނީއެވެ.

ނަވާލް އަހަރެން ކާމިޔާބުކުރީ ސިހުރު ހަދައިގެންކަން އޭނާއަށް އިނގެއެވެ. ފަސް އަހަރު ވީއިރު އެކަމާ އެއްވެސް އެއްޗެއް ނުބުނެ ހުރީ އަހަރެންދެކެ ނަވާލް ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ކޮންމެ ފަދަ ވޭނެއްގައި މަރުވާން ޖެހުނަސް އެންމެ ރަނގަޅުކަމަށެވެ. އަހަރެންގެ އަތްމަތީގައި އޮވެ ނަވާލް ފަހުނޭވާ ލިއެވެ. ވަރަށް ލޯބިވާކަމަށް ބުނަމުންނެވެ. އަދި ކުޑަކުޑަ ނާއިޝާއަށް ބައްޕަ ވާ ލޯބި އަބަދުވެސް ބުނެދިނުމަށް އެދެމުންނެވެ.

އަހަރެންގެ ހިތުގައި އެތުރިލީ އެތައް ސުވާލެކެވެ. 5 އަހަރު ކުރިން އެކަން އެނގުމުންވެސް ނަވާލް އަހަންނާ ދުރުނުވީ ކީއްވެ ހެއްޔެވެ؟ ސިހުރުން ސަލާމަތްވާން މަސައްކަތް ނުކުރީ ކީއްވެ ހެއްޔެވެ؟ ވަގުތު ފާއިތުވަންދެން ހުރީ ކީއްވެ ހެއްޔެވެ؟ އަހަރެން ގާތުގައި އެވާހަކަ ނުބުނީ ކީއްވެ ހެއްޔެވެ؟ ސިހުރު ބާތިލްކުރަން އެތައް ފަހަރަކު އަހަރެންވެސް ހިތައް އެރިއެވެ. އެކަމަކު އަހަންނަށް އެކަން ކޮށްދިން މީހާ ދުނިޔޭގައި ނެތުމުން އިތުރު މީހަކަށް އެވާހަކަ ހިއްސާ ކުރަން އަހަރެން ލަދުގަތީއެވެ. މިއަދު އަހަރެން ހިތަށް އަރައެވެ. އެދުވަހު ނަވާލް ކާމިޔާބު ކުރަން ބޮޑު ފާފައެއް އަހަންނަށް ނުކުރެވުނުނަމަ އަހަރެންގެ މުޅި އުމުރު މިހިތާމައިގައި ހުސްކޮށްލާކަށް ނުޖެހުނީހެވެ.

ނިމުނީ