ސިއްހަތު ސަލާމަތުން ހުރުމަކީ ދިރިހުރުމަށް ކޮންމެ މީހަކަށްމެ ބޭނުންވާނެ އެންމެ މުހިއްމު އެއް ކަންތަކެވެ. ފުރިހަމަ ސިއްޙަތެއްގައި ހުރެވޭނީ ސިއްހީ ގޮތުން ރަގަޅު ޢާދަތަކެއް އަޅުގަނޑުމެންގެ ކިބައިގައި ހުރެގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ ސިއްހީގޮތުން ރަގަޅު ޢާދަތަކެއް ހިފެހެއްޓިގެންނެވެ.

ކާބޯތަކެތީގެ ސާފުތާހިރުކަމަށް ރައްކާތެރި ވުމަކީވެސް ސިއްހީ ރަނގަޅު އާދަތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ. ވަރަށް ގިނަ ބަލިތަކަކީ ފެނާއި ކާތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތަކަށް ވީހިނދު މިއީ ވަރަށް މުހިއްމު ކަމެކެވެ. ފެނާއި ކާތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ބެކްޓީރިއާ، ވައިރަސް، ޕަރަސައިޓް، ފަދަ ޖަރާސީމްތަކުގެ ސަބަބުންޖެހޭ ބަލިތައްވެސް ހިމެނެއެވެ. މިސާލަކަށް ބޭރަށް ހިންގުން، ކޮލެރާ، ޝިގެއްލާ، ހެޕަޓައިޓިސްފަދަ ބަލިތަކަކީ ކާބޯތަކެތީގެ ޒަރީއާއިން ފެތުރިދާނެ ބަލިތަކެވެ.

މިދުވަސްވަރަކީ ނުރައްކާތެރި ކޮވިޑް-19 ފެތުރޭ ދުވަސްވަރަކަށް ވުމާއެކު ކާބޯތަކެތި ވިއްކާ ފަރާތްތަކުން އިހުނަށްވުރެ ޚާއްސަ އިސްކަމެއް ސާފުތާހިރު ކަމަށާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހެއެވެ. ތަރުކާރީއާއި މޭވާ ވިއްކާ ބައެއް މާރުކޭޓުތަކަކީ ބުޅާ އަދި މީދާފަދަ ޖަނަވާރުތަކުން ރައްކާތެރިވެފައި ނުވާ ތަންތަނުގެ ގޮތުގައި ބައެއްފަހަރު ފާހަގަކުރެވެއެވެ. އެފަދަ ކަންކަން އާންމުންގެ ސަމާލުކަމަށް އަންނަނީ ސާފުތާހިރުކަން ކުޑަ، ބުޅަލާއި މީދަލުގެ ހާލިތަކަށް އެފަދަ މާރުކޭޓުތަކުގެ ގޮޅިތަށް ވެފައިވާ ފޮޓޯތަށް މީސްމީޑިއާގައި ދައުރުވާން ފެށުމުންނެވެ.

މިތަންތަނަކީ ދުވާލެއްގެ މައްޗަށް އެތަށް ބަޔަކު ތަކެތި ގަންނަ ތަންތަނަށް ވާއިރު މާރުކޭޓުގެ ގޮޅިތައް ހިންގާ ފަރާތްތަކުގެވެސް ނުހަނު ކަންބޮޑުވާ ކަންތައްތަކެއް މިކަމުގައި އެބަހުއްޓެވެ. އަމީނީ މަގުގައި ހުރި މާރުކޭޓުން ގޮޅިއެއް ނަގައިގެން ވިޔަފާރި ކުރަމުން އަންނަ މީހަކު ވީނިއުސްއާއި ވާހަކަދަމުން ބުނީ މާރުކޭޓެއްގެ ގޮތުގައި ލިބިފައިވާ ތަނަކީ ބުޅާ އަދި މީދާފަދަ ޖަނަވާރުތަކުން ރައްކާތެރި ތަނެއް ނޫންކަމަށެވެ.

"ވަށައިގެން މިއޮތީ ހުސްކޮށް. ހަމައެކަނި މިތަން ހިޔާކޮށްފަ ހުރިކަން އެކަނި. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެބަޖެހޭ މިތަންތަނަށް ބުޅާފަދަ ތަކެއްޗަށް ނުވަދެވޭ ގޮތަށް ބަންދުކޮށްދޭން. އަޅުގަނޑުމެން ކިތަންމެ ވަރަކަށް ސާފުތާހިރުކަމަށް ބަލައިގެން އުޅުނަސް އެކަން އެހެން ވާކަށްނެތް. ވިޔަފާރިތައް ނިންމާފަ ތަން ބަންދުކޮށްފަ ދަމުން ގޮޅީގައި ވިއްކަން ހުންނަ ތަކެތީގެ މަތީގައި ފޮތިކަނޑެއް ނުވަތަ ކަފާފަ ހުންނަ ފޮށިގަނޑު ކަހަލަ އެއްޗެއް މި ބާއްވަނީ ދެކޮޅަށް ބަރެއްކަހަލަ އެއްޗެއް ލާފަ. މިނޫން ގޮތެއް އެބަޖެހޭ ހޯދަން. އަސްލު ހަމަ ވަރަށް ދަތި. އުނދަގޫވެސްވޭ"
ނަން ހާމަނުކުރަން އެދި ވާހަކަދެއްކި މީހާ

ބުޅަލުގެ ނަޖިހާއި އޭގެ ކެހެރިއަކީ އިންތިހާއަށް ނުރައްކާ އެއްޗެކެވެ. ލޮލަށްޖެހޭ ނުރައްކާތެރި ޓޮސްކޯޕްލަސްމާ ކިޔާ ބައްޔެއް ޖެހެނީވެސް ބުޅަލުގެ ނަޖިހުން ނުވަތަ އޭގެ ކެހެރީގެ ސަބަބުންނެވެ. އެއީ ލޮލުގެ ފެނުން ގެއްލުވާލާފަދަ ނުރައްކާތެރި ބައްޔެއްކަމަށް ޑޮކްޓަރުން ވިދާޅުވާއިރު މާރުކޭޓު ހިންގާ ފަރާތްތަކުން ބުނަނީ މީދާ އަދި ބުޅަލުގެ އުނދަގޫ ޖެހެނީ އިއްޔެއަކު މިއަދަކު ނޫން ކަމަށެވެ.

މަޖީދީމަގުގައި ގާއިމްކޮށްފައި ހުރި މާރެކޭޓުގައި ތަރުކާރީއާއި މޭވާ ވިއްކާ ވިޔަފާރިވެރިއަކު ވީނިއުސްއާއި ވާހަކަދައްކަމުން ބުނީ ސަރުކާރުން ގާއިމްކޮށްދީފައި ހުންނަ މާރުކޭޓުތަކަށްވުރެ އަމިއްލަ މީހަކު ޚަރަދުކޮށްގެން ހިންގާ މާރުކޭޓުގެ ފެންވަރުވެސް ބޮޑުތަނުން ރަނގަޅު ކަމަށެވެ.

"ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތައް އަޅުގަނޑުވެސް ދުށިން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް ބޭފުޅަކު ކަންނޭގެ ފޮޓޯ ލާފަވެސް ހުރީ. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ރަނގަޅު ކުރަން ބޭނުންވާ ކަމެއް. އަދި އެކަމަކީ ކުއްލިއަކަށް ވަގުތުން ވަގުތަށް ކުރެވޭނެ ކަމެއްވެސް ނޫން. ނަމަވެސް ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރުވެސް މިދަނީ އަޅަމުން. މީގެ 3 ދުވަސް ކުރިން ހެލްތުންވެސް ބޭފުޅުންތަކެއް ވަޑައިގަތް މިތަނަށް. އެބޭފުޅުން ދެއްވި 10 ދުވަސް ތެރޭގައި ހުރިހާ ކަމެއް އަޅުގަނޑުމެން ފުރިހަމަ ކުރާނަން."

މަޖީދީމަގުގައި ހުންނަ މިމާރުކޭޓަކީ އާންމު ގިނަބަޔަކު ކާބޯތަކެތި ގަންނަ މާރުކޭޓެކެވެ. އެހެންކަމުން ދެވަނަ ފަހަރަކަށް އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީން ކަމާއެކު އެ މާރުކޭޓުގައި މަސައްކަތް ކުރާ ދޭސީންނާއި ބިދޭސީން ބުނަނީ އެތަނުން ވިއްކާ ތަރުކާރީއާއި މޭވާއަކީ މީދަލުން ސަލާމަތް ކުރެވިފައިވާ ތަކެއްޗަށް ހަދައި، ހެލްތު މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް ތަރުކާރީގެ ބާވަތްތަށް ވިއްކާ ބަޔަކަށްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ސިއްހީ ގޮތުން ބަލިމަޑުކަމަކަށް ގޮތުން ގޭގައި ބޭނުންކުރެވޭ ތަރުކާރީއާއި މޭވާގެ ބާވައްތަކަކީވެސް ރައްކާތެރި ގޮތެއްގައި ބަލަހައްޓާ އަދި ވިއްކާ ތަކެއްޗަށްވާން ޖެހެއެވެ. ވިޔަފާރިކުރާ މީހާއަށް އެ ގަންނަ ތަކެތީގެ ޔަގީންކަމާއި ސޫފާސޫފިތަކުން ރައްކާކުރެވިފައިވާ ތަކެއްޗަށް ހެދުމަކީ ވިޔަފާރިވެރިންގެވެސް ޒިންމާއެކެވެ.

އެފަދަ ތަންތަނަކީ އެންމެ ރަނގަޅު މާހައުލަކަށް ނުވާނަމަ އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެކަމަށް ހައްލު ހޯދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. އެހެންނޫނީ ސިއްހީގޮތުން ހީނުކުރާ ފަދަ ކަންކަމާ ކުރިމަތިލާންޖެހުމަކީ ދުރުގައިވާ ކަމެއްނޫނެވެ.