• ރާއްޖޭގައި ތަޖުރިބާކޮށްލުމަށް ހަނޑޫ ހެއްދީ މީގެ 50 ވަރަކަށް އަހަރު ކުރިން
  • އޭރު އެ މަސައްކަތްކުރީ ސަރުކާރުން ރާއްޖެ ގެނައި ބުޓާނީ ކިޔާ މިކަމުގެ މާހިރެއް
  • މަސައްކަތްކޮށްފިނަމަ ހަނޑޫ ހެއްދިދާނެކަމަށް ގިނަބަޔަކު ބުނޭ
  • އެކަން ވައިކަރަދޫގެ ޒުވާނަކު މިވަނީ ސާބިތުކޮށްދީފައި

ތާރީޚީ ލިޔުންތަކަށް ބަލާއިރު ދިވެހިންނަކީ އެބަޔަކު ދިރިއުޅުނު މާހައުލުގައި ކޮންމެވެސް ބާވަތެއްގެ ދަނޑުވެރިކަމެއް ކޮށްގެން އެއިން ލިބުނު އެއްޗަކާއި، ދިވެހި ރުކުން ލިބޭ ތަކެއްޗާއި، ކަނޑުން ލިބޭ ރޯދިން ކައިބޮއި އުޅުނު ބައެކެވެ.

ހަނޑުލަކީ ވަރަށް ކުރިއްސުރެ ރާއްޖެއަށް މަދުމަދުން އެތެރެކުރި ބާވްތަކެއްކަމަށްވިޔަސް ފަހުން އެއީ ރާއްޖޭގެ މައިގަނޑު ކާނާކަމުގައި ވިއެވެ.

އެހެންކަމުން ކެއުމުގައި މައިގަނޑުގޮތެއްގައި ބޭނުންކުރަމުން އައި މި ބާވަތް ހެއްދޭތޯ ރާއްޖޭގެ ބައެއް ހިސާބުތަކުގައި މަސައްކަތް ކުރިއެވެ.

1969 ގައި ނުވަތަ 1970ގައި ރާއްޖޭގައި ހަނޑޫ ހެއްދުމުގެ މަސައްކަތް، އޭރުގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ކުރިކަމަށް އެކަން ދެކެފައިވާ މީހުން ބުނެއެވެ.

ވައިކަރަދޫގައި އަޝްރަފް އިންދި ހަނޑޫ/ ފޮޓޯ: އަޝްރަފް

މީގެ 50 ވަރަކަށް އަހަރުކުރިން މި މަސައްކަތް ހދ. ވައިކަރަދޫގައި ކުރި އިރު އެތަން ދުށް އެރަށުގެ އިސް ރައްވެއްސަކު ކިޔައިދިން ގޮތުގައި އެ މަސައްކަތް ކޮށްފައިވަނީ އެކަމަށްޓަކާ އެރަށަށް ސަރުކާރުން ގެންދިޔަ ބުޓާނީ ކިޔާ އިންޑިއާ މީހެކެވެ. ހަނޑޫ ހެއްދީ، އެ މަސައްކަތަކީ ރާއްޖޭގައި ކުރެވޭނެ ކަމެއްތޯ ބެލުމުގެ ގޮތުންނެވެ.

އެމީހުން ހުންނަނީ ބެޑުތަކެއް ހަދާފަ. ބޭސް ޖަހައިގެން އެކަހަލަ ގޮތް ގޮތް ހަދައިގެން އެ މަސައްކަތް ކުރީ. އެ ކަމުގެ މައުލޫމާތު ލިބިގެން ބޭހާ އެެއްޗެހި ލިބިއްޖެއްޔާ އެއީ ނުކުރެވޭނެކަމެއް ނޫން.
ވައިކަރަދޫގެ އިސްރަށްވެއްސެއް

މި މަސައްކަތް މިހާރުވެސް ކުރެވިދާނެކަން އެ ރަށުގެ މީހުންވެސް ގަބޫލުކުރެއެވެ.

އޭގެ ހެއްކަކީ ވައިކަރަދޫ، ޒުވާނެއްކަމުގައިވާ އިބްރާހިމް އަޝްރަފުގެ ގޭގައި މިއަދު އިންސާފުކުރި މެންދުރުގެ ކެއުމެވެ. އަމިއްލައަށް ހައްދައިގެން، ފޯދުމުން، ކެނޑި ހަނޑުލުން މިއަދު އަޝްރަފްގެ އާއިލާއިން ބަތްކައްކައިގެން ކެއި އިރު އޭގައި ވަކި ތަފާތު ރަހައެއް ނުދޭކަން އަޝްރަފް ފާހަގަކުރިއެވެ.

ވައިކަރަދޫގައި އަޝްރަފް އިންދި ހަނޑުލުން ބަތް ކައްކާފައި/ ފޮޓޯ: އަޝްރަފް

ތައުލީމީ ދާއިރާގައި 6 ވަނަ އަހަރު ގުނަމުންދާ އަޝްރަފް މި މަސައްކަތް ފެށީ 2018 ވަަނައަހަރުގެ މެދުތެރޭގައެވެ.

އިންޑިއާގެ ޓީޗަރެއްގެ އެހީގައި ވީ ހަނޑޫކޮޅެއް ގެނެސްގެން ގޭގައި އެކަމަށް ޚާއްސަ ތަންކޮޅެއް ހަދައިގެން އެމަސައްކަތް ފެށީ މީގެ ކުރިންވެސް އެ މަސައްކަތްކޮށްފައިވާތީ ތަޖުރިބާކުރަންވެގެންނެވެ.

ހަނޑޫ ހެއްދީ ބިން ޗަކަކޮށްފަ، ފެން ނުހިނދޭ ގޮތަށް ތަންކޮޅެއް ހަދާފަ، އެ ޓެސްޓްކޮށްލީ. އަދިވެސްވޭ ހަމަ ބިމުގައި ހަނޑޫ ހެއްދޭތޯ ތަޖުރިބާކޮށްލާ ހިތް.
އަޝްރަފް

އަޝްރަފްގެ ފުރަތަމަ ތަޖުރިބާވެސް ވަރަށް ކާމިޔާބެވެ. 6 ފޫޓު 4 ފޫޓުގެ ބިންކޮޅުގައި އިންދި ހަނޑޫ ފޯދިގެން، ހަތަރުވަރަކަށް މަސްފަހުން ކެނޑިއިރު ގާތްގަނޑަކަށް ދެ ކިލޯ ހަނޑޫ ލިބުނެވެ.

ވައިކަރަދޫގައި އަޝްރަފް އިންދި ހަނޑޫ ފޯދިފައި/ ފޮޓޯ: އަޝްރަފް

އަޝްރަފްވެސް ގަބޫލުކުރަނީ މިހާރުގެ ޓެކްނޮލޮޖީގެ އަލީގައި މި މަސައްކަތް ކުރެވޭނެކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެބަހުރި ޗަކަ ބިން ހުރި ބޮޑެތި ރަށްތައް. އެ ރަށްރަށުގައި ހަނޑޫ ހެއްދޭތޯ ބަލާ، އެކަން ތަޖުރިބާ ކޮށްލުން އެއީ ރަގަޅުކަމެއް.
އަޝްރަފް

މީގެ ކުރީގައި މާލޭ ސަރަހައްދުން ހުޅުލޭގައާއި ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް ހަނޑޫ ހެއްދިކަން އިސްރަށްވެހިން ކިޔައިދީފައިވެއެވެ.

މި މަސައްކަތް ރަގަޅަށް ކުރެވިއްޖެނަމަ އާންމުކޮށް ދިވެހިންގެ ކެއުމަށް ބޭނުންކުރާ ހަނޑޫ ކޮންމެވެސްވަރަކަށް ލިބި، ކުރިއަށް އޮތް ބަނަ ދުވަސްތަކުން އަރައިގަނެވިދާނެއެވެ.