ފޭސްބުކް
އޭނާގެ ނަމަކީ އިމްރާންއެވެ. އޭނާއަކީ އަހަރެން ކުޑައިރު އަހަންނާއި އެކީ އެއް ކްލާހެއްގައި ކިޔެވި ކުއްޖެކެވެ. އޭނާ އަހަރެމެން ރަށަށް އައުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ކިޔެވުމެވެ.
އަހަންނާއި އިމްރާން އެންމެ ފުރަތަމަ ދިމާވީ އަހަރެންގެ ގެ ކައިރިން އޭނާ ހިނގާލާފައި ދަނިކޮށްނެވެ. އޭނާ އަހަންނަށް ރީތިވީ އޭނާގެ އިސްކޮޅާއި، އާންމުކޮށް ނުފެންނަ ކަހަލަ އޮޅަލި ކުލައެއްގައި އޭނާ ހުންނާތީއެވެ. އެ ހިނގުމުގައިވެސް ތަފާތުކަމެއް ހުރިހެން ހީވެއެވެ.
އެއީ ރާއްޖޭގެ ނިސްބަތުން ރީތި މީހުން އުޅޭ ރަށެއްގެ ކުއްޖެކެވެ. ރީތި އަންހެން ކުދިންނާއި އެހާމެ ރީތި ފިރިހެން ކުދިން އެރަށުގައި ފާހަގަކޮށްލެވޭ ވަރަށް ތިބެއެވެ. އެރަށުގައި އާންމުކޮށް ތިބެނީ ވަރަށް ދޮން ކުދިންނަށް ވިޔަސް އިމްރާންއަކީ އެއާއި ދިމާ އިދިކޮޅު ކުއްޖެކެވެ.
އަހަރެމެން ރަށަކީވެސް ވަރަށް ހޫނުގަދަ ރަށެކެވެ. ރާއްޖޭގެ އެހެން ރަށްތަކާއި އަޅާބަލާއިރު އެންމެ ހޫނުރަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ފަހަރުގައި އިމްރާން ގައިގައި އެހުރި ކުލައަކީ ހޫނު ގަދަވުމުގެ ސަބަބުން އައިސްފައިހުރި ކުލައެއްކަމަށްވެސް ވެދާނެއެވެ.
ކޮންމެ ބަންދު ދުވަހަކު ފަތިހާ ހޭލައިގެން އަހަރެން ދޮރާށިމަތީ ހުންނަނީ އިމްރާން ޖެޓީއަށް ދާތަން ބަލާށެވެ. އިމްރާން އެގަޑީގައި އެދަނީ މަސްބާނާށެވެ. މަސްބޭނުނަސް ނުބޭނުނަސް އިރުގެ ހޫނު ދުނިޔެއަށް ފާއްދާލުމުގެ ކުރިން އިމްރާން ގެއަށް އާދެއެވެ. ކޮންމެ ދުވަހަކުވެސް އަންނާނީ ހަމަ އަހަރެމެންގޭ މަގުންނެވެ. އޭނާ އުޅޭ ގެ ވެސް ހުންނަނީ އަހަރެމެންގެއާއި ވަރަށް ކައިރީ، އެއް މަގަކަށް ވާގޮތަށް ކަމަށްވާތީއެވެ.
ބައެއް ދުވަސް ދުވަހު ވަރަށް ކުޑަ މަހެއް ނޫނީ ދެވަރަކަށް މަސް އިމްރާން ގެނެއެވެ. އެކަމަކު މިއަދު އޭނާއައީ ހުސްއަތާ، ހަމަ އެކަނި ކަންވާރު ހިފައިގެންނެވެ. އެހެން ދުވަހެކޭވެސް އެއްގޮތަށް އިސްޖަހައިގެން ހުރެ އަންނަތަން މަގުގެ އެއްކޮޅުން ފެނުނެވެ. އެއީ އޭނާގެ ގޮތެވެ. އިސްއުފުލާ ބެލުން އެއީ އޭނާކުރާނެ ކަމެއް ނޫނެވެ. ގޭ ދޮރާށިމަތީ ހުރެފައި އޭނާ ވިހިވަރަކަށް ފޫޓަށް ގާތަށް އައުމުން އަހަރެން ގޭތެރެއަށް ބާރަކަށް ދުވެފައި ވަންނަނީ އޭނާއަށް ނުފެންނަން ވެގެންނެވެ. ނަމަވެސް ގެއަށްވަދެ، ކުޑަ ދޮރުން ވަގަށް ބަލާއިރުވެސް އޭނާ ދާނީ އިސްޖަހައިގެން ހުރެއެވެ.
އެހެންކަމުން އެދުވަހު އަހަރެން ނިންމީ ގޭތެރެއަށް ނުވަދެ ދޮރާށި މަތީ ހުންނާށެވެ. ނަމަވެސް ވިހިވަރަކަށް ފޫޓާއި ގާތަށް އައުމާއިއެކު ތެޅި ތެޅި އޮތް އަހަރެންގެ ހިތް ކިޔަމަންނުވެގެން އަހަންނަށް ޖެހުނީ އަނެއްކާވެސް ގޭތެރެއަށް ދުއްވައިގަންނާށެވެ. ކެތް ކުރެވޭތޯ ބެލީމެވެ. ނަމަވެސް އިމްރާނަށް އަހަރެން ހުރިކަން އެނގޭނެހާ ގާތަށް އައުމާއި އެކު ދުއްވައިގަނެވުނީއެވެ. އިޚްތިޔާރަކާ ނުލައެވެ.
އޭގެ ފަހުން އެހާގިނައިން އެމަގުން އިމްރާން ހިނގާތަން އަހަންނަކަށް ނުފެނެއެވެ. ވަރަށް ދެރަވިއެވެ. ހީވަނީ އޭނާއަށް އަހަރެން ފާރަލާކަން އެނގުނީހެންނެވެ.
އަހަރެމެންގެ ގޭގެ ބޭރު ފާރު ރާނާފައި ހުންނަނީ ހަތަރުވަރަކަށް ފޫޓަށެވެ. އަހަރެން ގޯތިތެރޭގައި މަޑުކޮށްލައިގެން ހުންނަ އިރުވެސް މަގުމަތިން ހިނގާމީހުން ފެނެއެވެ. އެހެންވިޔަސް ދޮރާށި މައްޗަށް ނުކުންނަނީ ވަކި މަޤްސަދެއްގައި ކަމަށްވާތީ އެކަން އެގޮތަށް ކުރަމުން ދިޔައީމެވެ. އިންތިޒާރު ކުރެވޭނީވެސް ވަކިވަރަކަށެވެ. އިމްރާން ވަކި ހިސާބަކުން ގެއްލުނީއެވެ.
އެއީ ޗުއްޓީ ދުވަސްވަރެވެ. އެ ދުވަސްވަރަކީ އާންމުކޮށް ރަށްރަށުގައި ތިބޭ ކުދިން އެކުދިންގެ ރަށަށް އަނބުރާ ދާ ދުވަސްވަރެވެ. ބޮޑަށް ހީވަނީ އިމްރާންވެސް ދިޔައީ ރަށަށްހެންނެވެ. ކަންދިމާކުރި ގޮތުން އަހަންނަށްވެސް ކައިރި ރަށަކަށް ދިޔުމަށް ފުރުސަތު ލިބުނެވެ. ދަތުރުކުރި ފެރީގައި އިމްރާން އިންތޯ ވަރަށް ހޯދުނެވެ. ނުފެނުނެވެ. އެވައްތަރުގެ ކުއްޖަކުވެސް ނުފެންނަނީއެވެ. މާޔޫސްވީ ދެނެވެ. އިމްރާން ދެން ނުފެންނާނެކަމަށް ނިންމީމެވެ.
ބޮޑު ޗުއްޓީ ނިމުމަށްފަހު ސްކޫލުތަށް ހުޅުވޭތީ ފޮތާއި ޔުނިފޯމް ތައްޔާރުކުރުމުގެ މަސައްކަތުގައި ކޮއްކޮމެންނާއި ދައްތަމެންނާއިއެކީ އުޅުނީ ވަރަށް އަވަދިނެތިއެވެ. ކުރިން ނުކުންނަހެން ދޮރާށި ދޮށަށް ނުކުތުން ހުއްޓާލީމެވެ. އަހަރެން ބަދަލުވީ ގްރޭޑް ފަހަކަށެވެ. އެހެންކަމުން ހިތްވަރާއި އެކު މަސައްކަތްކުރަން އަހަރެން ބޭނުންވިއެވެ.
ހަގަޑި ސާޅިސް ފަހަކަށް ސްކޫލަށް ހުރިހާ ކުދިން ދިޔައިރު އަހަރެންވެސް ހުރީ މަންމައާއި އެކީ ސްކޫލު ދޮށުގައެވެ. އަހަންނާއި އެއް ކްލާހެއްގެ ކުއްޖެއް ހުރިތޯ ނޯޓިސްބޯޑު ބެލިއިރު ދަންނަ އެއްވެސް ނަމެއް ނުފެނުނެވެ. ލަދުން، ބިރުން ހުރެ ކްލާސްތެރެއަށް ވަދެ އިށީނީމެވެ. ކްލާސް ހުރީ ގްރޫޕްތަކަކަށް ބަހާފައެވެ. ކޮންމެ ގްރޫޕެއްގައި ހަތް ކުދިން ތިބި އިރު ހަތަރު އަންހެން ކުދިންނާއި ތިން ފިރިހެން ކުދިން އަހަރެން އިން ގްރޫޕްގައި ތިއްބެވެ. ޖެހިގެން ހުރި ގްރޫޕަކީ މުޅި ސްކޫލުންވެސް ފާހަގަކުރެވޭ، މޮޅު ދެތިން ކުއްޖަކުވެސް ހިމެނޭ ގްރޫޕެކެވެ. މި ގްރޫޕްގައިވެސް ހަތްވަރަކަށް ކުދިން ތިބި އިރު ގިނައީ އަންހެން ކުދިންނެވެ. ވަގުވަގަށް އަހަރެންނަށް ކްލާސްތެރެއަށް ނަޒަރު ހިންގާލެވުނީ އެހާވަރަށެވެ. ޓީޗަރު ކްލާހަށް އައީމައެވެ.
އެހިސާބުން ކޮންމެ ކުއްޖަކުވެސް ޖެހުނީ އަމިއްލައަށް ތަޢާރަފްވާށެވެ. އަހަރެންނާއި ޖެހުމުން ކޮޅަށް ތެދުވި އިރު ދެފައިން ވާގި ދޫވާހެން ހީވިއެވެ. އަހަންނަކީ އެހާވެސް ބިރުގަންނަ، ލަދުގަންނަ ކުއްޖަކަށްވާތީއެވެ. އަހަރެންގެ ނަން ހަތަރު ފަހަރު ބުނި އިރުވެސް ޓީޗަރަށް އިވޭވަރަކަށް ނުބުނެވެއެވެ. އެންމެ ފަހުން އަހަރެން ގެންދިޔައީ ޓީޗަރު ހުރި މޭޒު ކައިރިއަށެވެ. ގަނެފައިވާ ބިރާއި، ލަދުން، އަހަރެންގެ މޫނު ހުރީ ރަތްވެފައެވެ. ދުވަހަކުވެސް ހިނގަން ނުދަންނަ މީހެއް ފަދައިން އަހަރެން ހިނގާލާފައި ދިޔައިރު ކުދިން ހޭއަޑުވެސް އަހަންނަށް އިވުނެވެ.
އެތާ ހުންނަ އިރު މުޅި ކްލާސްތެރެ ފެނެއެވެ. ހުރިހާ ކުދިންތިބީ އަހަންނަށް ބަލާށެވެ. ކުއްލިއަކަށް އަހަންނަށް ފެނުނީ އިމްރާންއެވެ. އިމްރާން އަހަރެންނާއި އެއް ކްލާހެއްކަން އަހަންނަށް ނޭނގުނީ އޭނާގެ ނަން އޭރު އަހަންނަށް ނޭނގި އޮތީމައެވެ. އެހިސާބުން ދެންވީގޮތެއް ނޭންގުނެވެ. ހޭލެވުނު އިރު އަހަރެން އޮތީ ގޭގައެވެ. އެހިސާބުން ސްކޫލަށް ދިޔުން ހުއްޓާލީމެވެ. މަންމަ ނަސޭހަތް ދީ ދީ ވެސް އަޑެއް ނޭހީމެވެ. މަންމައަށް ނޭންގުނަސް އިމްރާން އެތާއިންނަ އިރު އަހަންނަށްވާ އުނދަގޫ އެނގޭނީ އަހަންނަކަށް ނޫންހެއްޔެވެ. އެވާހަކަ އަހަރެން މަންމަކައިރީ ކިޔާދޭނީވެސް ވަކި ކިހިނެއް ހެއްޔެވެ. އުމުރުން އޭރު އެންމެ ތޭރަ އަހަރެވެ.
އެންމެ ފަހުން އަހަރެން މާލެ ގެނައެވެ. ކިވައިދޭށެވެ. ނަސީބަކުން މިހިސާބުންވެސް އިމްރާން އަހަންނަކަށް ނުފެނުނެވެ. ކިޔެވީމެވެ. ކިޔެވެން އޮތް އެންމެ މަތީ ދަރަޖައަށެވެ. މިއަދު އަހަރެން މި އިނީ އޮފީހުގެ މޭޒު ދޮށުގައެވެ. ފޭސްބުކުން އަހަންނަށް އިމްރާން ފެނުމާއިއެކު އޭނާއާއި ވާހަކަދެއްކުމުގެ ޝައުޤުގައެވެ. ނަމަވެސް ''ހައި'' ޖެހުމުންވެސް އޭނާގެ ޚަބަރެއް ނުވުމުން މިކަން ނުވާނެކަމަށް ނިންމީމެވެ. އަހަރެންގެ ބޭނުމަކީ އިމްރާންއާއި ގުޅުމެއް ބޭއްވުމެއް ނޫނެވެ. އަހަރެންގެ ބޭނުމަކީ އިމްރާންއަށް އަހަރެންގެ ހިތުން ދެވުނު ޖާގަ އާއި އޭރު ދިމާވި މޮޔަކަންތައް އޭނައަށް ކިޔާދޭށެވެ. އެކަމަކު އިމްރާން އަހަންނަށް އެ ފުރުސަތެއް ނުދިނެވެ.
ފޯނަށް މެސެޖެއް އައުމުން އަހަރެން ބަލާލީމެވެ. އަހަރެން ހުރީ މަގުމަތީގައެވެ. ބަލާލިއިރު އިމްރާން ''ހައި'' ޖެހީއެވެ. އުފަލުން ވާހަކަ ދައްކަން ފެށީމެވެ. އިމްރާން ކުރާވެސް ކަމަކީ ''ސީން'' އަރުވާފައި ބަހައްޓަނީއެވެ. ދެރަވިއެވެ. އެވާހަކަ ފަށާނެ ގޮތެއް ނޭނގުނީމައެވެ. އެހިސާބަށް އާދެވުމުން ދެން ފަސް އެނބުރި ދާން އަހަރެންގެ ހިތް ނުރުހުނެވެ. އެހެންކަމުން އަހަރެން ކުޑައިރުގެ ބައެއް ވާހަކަތައް ކިޔައިދިނީމެވެ. އެވާހަކަތަކަށް ދެތިން ބަހެއް ބުނެލީތީ، ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔާދޭން ހިތައް އެރިއެވެ. ނަމަވެސް އަހަރެން ފޮނުވާ މެސެޖްތައް ބަލާލުމަށްފަހު ރިޕްލައި އަންނަލެއް ލަސްކަމުން އެވާހަކަތައް ކިޔައިދޭން ނުކެރިފައި އިނީމެވެ. ޖެހިގެން އައި ދުވަހުވެސް ކުޑައިރުގެ ހަނދާންތަކުން މަދު ބައެއް ކިޔާދިނީމެވެ.
ދެން ޖެހިގެން އައި ދުވަހުވެސް އެފަދައިން ކަންތައް ކުރީމެވެ. އެންމެ ފަހުން އެހުރިހާ ވާހަކަތަކެއް މެސެންޖަރ މެދުވެރިކޮށް ކިޔާދިނީމެވެ. އިމްރާންގެ މާބޮޑު ޝައުޤެއްނެތެވެ. ބަލާލާފައި އެހެންހޭ އަހާލުން ފިޔަވައެވެ.
އަދިވެސް އަހަރެން މިއިނީ ފޭސްބުކްއިން އިމްރާންގެ ޕްރޮފައިލް ބަލާށެވެ. ރިކުއެސްޓްކުރާނީ ހެއްޔެވެ. ނޫނީ އަޅާ ނުލާނީ ހެއްޔެވެ. އަހަންނާ ހެދި އޭނާއަށް އުނދަގޫވެދާނެ ހެއްޔެވެ. އޭނައަށް އަހަރެން އެނގޭބާއެވެ. ނޫނީ ނޭނގޭތީ އަޅާނުލަނީ ހެއްޔެވެ. އެހެން ނޫނީ ހަމަ އަސްލުވެސް އޭނަ އަހަރެންނާއި މެދު އެއްވެސް ގޮތަކަށް ނުވިސްނަނީ ހެއްޔެވެ. މިހުރިހާ ސުވާލެއްގެ ޖަވާބު އަހަރެންނަށް ހޯދެން އޮތީ ހަމަ އެކަނި ފޭސްބުކުންނެވެ. އެކަމަކުވެސް މިކަން އަހަރެން ކުރަންވީހޭ ހިތް އެބަ އަހައެވެ.
- ނިމުނީ -
މީ ހާދަ ލަދު ގަންނަ ކުއްޖެކޭ ދޯ. ވަރަށް ހަގީގީ ވާހަކައަކާ ވައްތަރު ސިފަތަކެއް ހުރި ވާހަކައެއް. ރީތިވަރަށް
ކިޔަމުން ގޮސް ނިމުނު އިރުގަ ހީވީ އަދި އިތުރު ބައިތަށް އަންނާނެ ގޮތަކަށް. އަންނަ ހަފްތާގަވެސް އަންނާނެތަ؟
ޒަމްއަތު، އަޅުގަނޑަށް ވިސްނޭ ގޮތުގަ މިވާހަކަ އަދި މި ފެށުނީއެވެ.ނިމުނީ އޮތުމުން ކަމަކު ނުދޭ. އެތާ އޮންނަންވީ ނުނިމޭ.. ވީމާ ކޮންޓިނިއު ކުރެއްވުން ވަރަށް ރަނގަޅު. ސީރީޒެއް ގޮތަށް ކޮންމެ ހަފްތާއަކު ލިއުންވުން ރަނގަޅު. މިވާހަކަ ވަރަށް ޝައުގުވެރި ވާގޮތަށް ދިގުކޮށް ކުރިއަށް ގެންދެވުން ވަރަށް ފެނޭ. ވާހަކަ ސަޅިކޮށްލެވޭނެ އަދިވެސް އިތުރަށް.
ސަޅި ވާހަކައެއް.