ކޮވިޑް-19 އާއި ގުޅިގެން އަވަށްޓެރި ސްރީލަންކާއިން ނާދެވި ތިބި ދިވެހިންތަކެއް މޯލްޑިވިއަނުން ރާއްޖެއަށް ގެނެސްފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އައިލަންޑް އޭވިއޭޝަންގެ ޕީއާރު މޭނެޖަރ މޫސާ ވަސީމް ވިދާޅުވީ ހޯމަ ދުވަހުގެރޭ 9:45 އެހާކަށް ހާއިރު ކޮލަމްބޯއިން މާލެ އަށް އައި ފްލައިޓުން މުޅިއެކު 100 މީހަކު ގެނެސްފައިވާ ކަމަށެވެ. ލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ ގައުމަކަށް ވުމާއެކު އަދިވެސް ގައުމަށް ނާދެވި ގިނަ ދިވެހިންތަކެއް އެބަތިއްބެވެ. އެމީހުން ގެނައުމުގެ މަސައްކަތްވެސް މޯލްޑިވިއަނުން ކުރަމުންގެންދާ ކަމަށް މޫސާ ވަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮޗިން އިންވެސް ދިވެހިންތަކެއް ގެނައުމުގެ މަސައްކަތް މޯލްޑިވިއަންއިން ދަނީ ކުރަމުންނެވެ. ކޮޗިންގައި ތިބި ދިވެހިން ގޮވައިގެން މިރޭ 19:00 ގައި ކޮޗިން އިން ރާއްޖެ އައުމަށް ފުރާނެ ކަމަށް މޫސާ ވަސީމް ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އެމީހުން ގެންނަ ފްލައިޓަކީ 200 މީހުންގެ ޖާގައިގެ ފްލައިޓެއް ކަމަށެވެ. އެހެންނަމަވެސް މި ފްލައިޓުން އަންނަނީ ސީދާ ކިތައް މީހުން ކަމެއް ވިދާޅެއް ނުވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމަތަކެއް ވަނީ ލޮކްޑައުން ކޮށްފައެވެ. އިންޑިއާ އަދި ލަންކާވެސް މިވަގުތު އޮތީ ލޮކްޑައުންގައެވެ. އެހެންކަމުން މި ދެ ގައުމުން މީހުން ގެނައުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ބޮޑަށް ހާލުގައި ޖެހިފައި ތިބި މީހުން ފުރަތަމަ ގެނައުމަށް ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު އިންޑިއާއި ލަންކާ ނޫން އެހެން ގައުމުތަކުން ވެސް ދިވެހިން ގެނައުމުގެ މަސައްކަތް ގައުމީ އެއާލައިންއާ ގުޅިގެން ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.

އެގޮތުން ކުއަލަލަމްޕޫރާއި ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް ޚާއްސަ ފްލައިޓެއް ބާއްވަން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއަލަލަމްޕޫރާއި ޓްރިވެންޑްރަމްގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ވަރަށް އަވަހަށް ފްލައިޓްތައް ބާއްވާނެކަމުގެ ޔަގީންކަން މޯލްޑިވިއަނުން ދީފައިވާ ކަމަށާ އެކަމުގެ މަޢުލޫމާތު ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށެވެ.

މިއާއެކު މި ތަންތަނުގައި ތިބި ދިވެހިންނަށް ރާއްޖެ އައުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.