ދިވެހި ސިނަމާގެ ތާރީޚުގައި އުފައްދާ އެންމެ ފުރަތަމަ ޕީރިއެޑް ޑްރާމާއަށް ޑާކްރެއިން އެންޓަޓެއިންމެންޓުން މިވަނީ މަސައްކަތް ފަށާފައެވެ. ރާއްޖޭގެ ހަމައެކަނި ރަނިކަން ކުރެއްވި ކަމަނާ، ރެހެންދި ހަދީޖާގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނައިރު، ފިލްމުގެ ޓައިޓަލް ޕޯސްޓަރު ފިޔަވާ ފިލްމުގެ މާބޮޑު ތަފްސީލެއް ޑާކްރެއިން އިން މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.

ރެހެންދި ހަދީޖާ ޓައިޓަލް ޕޯސްޓަރު

އައިޝަތު ފުއާދުގެ އިތުރުން އަހުމަދު ތޮލާލް ސްކްރީން ޕްލޭ ތައްޔާރުކުރާ މިފިލްމު ޑައިރެކްޓު ކުރަން ހަމަޖެހިފައިވަނީ ކުޅަދާނަ ޑައިރެކްޓަރު އަހުމަދު ޝިނާން އެވެ. ތާރީހީ ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާއިރު އެންމެ ބޮޑު ސުވާލަކީ "ރެހެންދި ހަދީޖާ" ގެ ޓައިޓަލް ރޯލު ކުޅޭނީ ކޮން ބަތަލާއެއްތޯ އެވެ. ޝައްކެއްވެސް ނެތް ގޮތުގައި ދިވެހި ސިނަމާގައި މިހާރު މިފަދަ ރޯލެއް ކުޅެވޭނެ ފަދަ ކުޅަދާނަ ބަތަލާއިން އެބަތިއްބެވެ. މި ލިޔުމުގައި ހިމަނާލާނީ މިރޯލު ކުޅޭނެކަމަށް ބެލެވޭ ތަރިންނަށެވެ.

އައިޝަތު ރިޝްމީ

ދިވެހި ފިލްމު އެވޯޑް 9 ގެ ތެރެއިން

2017 ވަނަ އަހަރު ދިވެހި ސިނަމާ ސިއްސުވާލި މޮޅު ފިލްމު "ވިޝްކާ" އަކީ އެތައް ގޮތަކުން ފާހަގަކޮށްލެވުނު ފިލްމެކެވެ. ފިލްމުގައި ވިޝްކާގެ ރޯލު އަދާކުރި ރިޝްމީ ވަނީ ސަރަޙައްދީ އެންމެ ފަޚުރުވެރި އެއް ފެސްޓިވަލް، ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑު އުފުލާލާފައެވެ. އަދި އެއަހަރުގެ ދިވެހި ފިލްމު އެވޯޑުންވެސް އެންމެ މޮޅު ބަތަލާގެ އެވޯޑު ރިޝްމީ އުފުލާލީ މިރޯލުންނެވެ. "ވިޝްކާ" ވެގެން ދިޔައީ އަންހެން ފަންނާނަކު ފަހުގެ ތާރީހުގައި މިފަދަ ވަރުގަދަ ރޯލަކުން ފެނި ބެލުންތެރިން ސިއްސުވާލި ފިލްމަކަށެވެ. މީގެ އިތުރުންވެސް "މިކޮއި ބައްޕަ ބައެ ބައެ"، "ފަނާ" ފަދަ ފިލްމުތަކަކީ ރިޝްމީގެ މޮޅެތި ރޯލުތަކެއް ފެނިގެންދިޔަ ފިލްމުތަކެވެ. ރެހެންދި ހަދީޖާ ފަދަ ނުފޫޒުގަދަ ވަރުގަދަ ރޯލަކަށް ރިޝްމީއަކީ އެންމެ ރަނގަޅު އެއް ޗޮއިސްއޭ ބުނެވެނީ މިސަބަބަށްޓަކައެވެ.

ރިޝްމީގެ ނަން ލިސްޓުގެ ކުރިއަށް ލުމުގައި އެހެން ސަބަބެއްވެސް އެބައޮތެވެ. "ރެހެންދި ހަދީޖާ" ދިވެހި ސިނަމާއަށް ގެނައުމަށް މީގެކުރިން ޑައިރެކްޓަރު ފައްތާހުވެސް މަސައްކަތް ކުރިއެވެ. ރަސްމީކޮށް އެއްވެސް ފަރާތަކުން އެފިލްމުގެ ބަތަލާގެ ރޯލު ކުޅޭނެ ފަންނާނަކު އޭރު ކަށަވަރުކޮށްދީފައި ނުވިނަމަވެސް މީޑިއާތަކުގައި ވާހަކަ ދެކެވުނު ގޮތުންނަމަ ރެހެންދި ހަދީޖާގެ ރޯލު ރިޝްމީ ކުޅުމުގެ ފުރުސަތު ބޮޑެވެ.

މަރިޔަމް މަޖުދާ

ދިވެހި ފިލްމު އެވޯޑު 9 ގެ ތެރެއިން

ޝައްކެއްވެސް ނެތް ގޮތުގައި ޑާކްރެއިންގެ ފޭވަރިޓަކީ މަޖޫއެވެ. މަޖޫ ވަނީ މިހާތަނަށް އައިއިރު ދިވެހި ސިނަމާގައި ތަފާތު ކެރެކްޓަރތަކުން ފެނިގެން ގޮސްފައެވެ. އޭނާގެ އެންމެ ފުރަތަމަ ފިލްމު "ހުޅުދާން" ގައި އޭނާ ދައްކުވައިދިން ރޯލަކީ އެގޮތުން ފާހަގަކޮށްލެވުނު އެންމެ ތަފާތު އެއް ރޯލެވެ. ރެހެންދި ހަދީޖާގެ ރޯލަށް މަޖޫ ނަގައިފިނަމަ އޭނާއަށް އެރޯލު އެންމެ ފުރިހަމައަށް އަދާކުރެވިދާނެކަމާމެދު ޝައްކެއްވެސް ނެތެވެ. އެންމެ މޮޅު ބަތަލާގެ އެވޯޑުވެސް ހާސިލްކޮށްފައިހުރި މަޖޫ، ރެހެންދި ހަދީޖާގެ ގޮތުގައި ފެނުން ގާތެވެ.

މަރިޔަމް އައްޒަ

އައްޒަ

ރާއްޖޭގެ އެންމެ ނުފޫޒު ގަދަ އެއް ބަތަލާއަކީ އެފަދަ ދެވަނައެއް ނެތް މަރިޔަމް އައްޒަ އެވެ. ފޭން ބޭސްގެ ގޮތުން ބެލިއަސް އައްޒައަކީ ފާހަގަކޮށްލެވޭ ފަންނާނެކެވެ. އައްޒަގެ އެންމެ ފުރަތަމަ ފިލްމަކީ ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ދެވަނަ ފިލްމު "4426" އިން ބެލުންތެރިންގެ ހިތް އޭނާ ދަމައިގަތެވެ. ފާތިމަތު ނަހުލާ ފަދަ ކުޅަދާނަ ޑައިރެކްޓަރުންގެ ތަޢުރީފު އައްޒައަށް ލިބުނެވެ.

އޭގެ ފަހުން "ހައްދު"، "ބޮސް" ފަދަ ދިވެހި ސިނަމާގައި އެޅުވި ހުރިހާ މޮޅު ފިލްމުތަކެއްގައިހެން އައްޒަ ލީޑް ރޯލުން ފެނިގެންދިޔައެވެ. ޑާކްރެއިންގެ ދެ ފިލްމަކުންވެސް އައްޒަ ފެނިގެން ގޮސްފައިވެއެވެ. "މީލޯތްބަކީ" އަދި "މާމުއި" ގައި އައްޒަ އަދާކުރި ރޯލަށްވެސް ބެލުންތެރިންގެ ސަޕޯޓު ލިބުނެވެ. ރެހެންދި ހަދީޖާގެ ތާޖު އެންމެ ހެޔޮވަރު އެއް ބަތަލާއަކީ އައްޒައޭ ދެންނެވުން ކުށަކަށް ނުވާނެއެވެ. އަދި މިރޯލުން އައްޒަ ފެނިގެން ދިޔުންވެސް ވަރަށް ގާތެވެ.

ނުޒުހަތު ޝުއައިބް

ނުޒޫ

ނުޒޫއަކީ މިފަހުން ދިވެހި ސިނަމާގައި އުފެދުނު އެންމެ ވާސެޓައިލް އެއް ބަތަލާ އެވެ. ނުޒޫ އެންމެ ފާޙަގަކޮށްލެވެނީ ނިމިދިޔަ 2019 ވަނަ އަހަރު ރިލީޒްވި ފިލްމު "ބަވަތި" ގައި އޭނާ އަދާކުރި ވަރުގަދަ ރޯލަށެވެ. މީގެ އިތުރުންވެސް "މަލިކާ"، "ވަކިން ލޯބިން" ފަދަ ފިލްމުތަކުގައި ނުޒޫގެ އެކްޓިން ފާހަގަކޮށްލެވެއެވެ. މިއިން ކޮންމެ ފިލްމެއްގައިވެސް ނުޒޫ އަރާފައިވަނީ ތަފާތު ކެރެކްޓަރއެއްގެ ފައިވާނަށެވެ. ވަރަށް މަދު އެކްޓަރަކަށްނޫނީ މިހުރިހާ ރޯލުތައް އެންމެ ފުރިހަމައަށް އަދާ ނުކުރެވޭނެއެވެ. އަނެއްކޮޅުން ޑާކްރެއިންގެ ފަހުގެ ގިނަ ފިލްމުތަކެއްގައި ނުޒޫ ފެނިގެން ގޮސްފައިވެއެވެ. ރެހެންދި ހަދީޖާގެ ރޯލުން ނުޒޫ ފެނިގެން ދިޔުމުގެ ފުރުސަތުވެސް އެބައޮތެވެ.

މިފާހަގަކޮށްލި ތަރިންގެ އިތުރުންވެސް ދިވެހި ސިނަމާއަށް އާ ފަންނާނުންވެސް މިދަނީ ތަޢާރަފުވަމުންނެވެ. މިހާރު ޕްރޮޑަކްޝަން މަރުހަލާގައި އޮތް ގިނަ ފިލްމުތަކުން އާ ބަތަލާއިންގެ ހުނަރު ފެނިގެންދާނެއެވެ. ފަހަރުގައި ރެހެންދި ހަދީޖާގެ ތާޖު މިއިން ފަންނާނަކު އެޅުންވެސް އެކަށީގެންވެއެވެ. އޭރުން ފަހަރުގައި އާ މޫނެއް، އާ ހުނަރެއް ބަލާލަންވެސް ލިބިދާނެތާއެވެ. ބަލަން ތިބެމާ ހިނގާށެވެ. ތާޖު އަޅާނެ ބަތަލާއަކު ޑާކްރެއިން އިން ލަސްތަކެއް ނުވެ އިޢުލާންކޮށްފާނެއެވެ.