ކޮވިޑް-19 އާއި ގުޅިގެން މެލޭޝިއާއިން ރާއްޖެ އަންނަން ތިބި ދިވެހިންނަށް މިއަދު ހަވީރު 5:00 އިން ފެށިގެން އޮންލައިންކޮށް ޓިކެޓް ދޫކުރަން ފަށާނެ ކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުންކޮށްފައިވާ ގައުމުތަކުގައި ތިބި ދިވެހިން އަނބުރާ ގެނައުމުގެ މަސައްކަތް ސަރުކާރާއި މޯލްޑިވިއަންއާ ގުޅިގެން ގެންދަނީ ކުރަމުންނެވެ. މޯލްޑިވިއަންއިން ކުރަމުންދާ މި މަސައްކަތުގެ ދަށުން މެލެޝިއާގައި ތިބި ދިވެހިން ގެނައުމަށް ނިންމާފައިވާކަމަށް މޯލްޑިވިއައިންއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

އެގޮތުން މިމަހުގެ 8 ވަނަ ދުވަހު މެލެޝިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ޝެޑިއުލް ކޮށްފައިވާ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ. އެގޮތުން 8 ވަނަ ދުވަހުގެ ހެނދުނު 6:00 ގައި މި ފްލައިޓް ރާއްޖެ އައުމަށް ފުރާނެ ކަމަށާއި، އެހެންކަމުން މެލެޝިއާއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިން އޮންލައިންކޮށް ޓިކެޓް ނެގުމަށް މޯލްޑިވިއަންއިން އެދިފައިވެއެވެ.

ގިނަ ގައުމުތަކެއް ލޮކްޑައުންއަށް ގޮސްފައިވުމުގެ ސަބަބުން އަނބުރާ ގައުމަށް ނާދެވިފައި ގިނަ ދިވެހިންނެއް ގައުމުތަކުގައި އެބަތިއްބެވެ. މި ގައުމުތަކުގައި ތިބި ދިވެހިން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ކުރަމުންގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެގޮތުން ފޮރިން މިނިސްޓްރީއާއި މޯލްޑިވިއަންއާ ގުޅިގެން ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

އެގޮތުން މޯލްޑިވިއަންއިން ވަނީ އާދިއްތަ ދުވަހުގެރޭ ސްރީލަންކާގައިތިބި 100 ދިވެހިންނެއް އަނބުރާ ގައުމަށް ގެނެސްފައެވެ. އަދި މިރޭގެ ވަގުތެއްގައި އިންޑިއާގައި ތިބި ދިވެހިންތަކެއް ގެންނާނެ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.