• ކައުންސިލަރުންގެ ދައުރު އިތުުރު ކުރުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު
  • ސުވާލަކީ މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެތޯ؟
  • މިކަމުގައި މަޖިލީހުގެ މެންބަރުންގެ ޚިޔާލުވެސް ތަފާތު
  • ޤާނޫނުއަސާސީއަށް ބަދަލު ނުގެނެސް މައްސަލަ ހައްލުވެދާނެ: މެންބަރުން

ލޯކަލް ކައުންސިލްތަކުގެ މުއްދަތު އިތުރުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި އިސްލާހާއި ގުޅޭގޮތުން، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެތޯ ނުވަތަ ނޫންތޯ މަޖިލީހުގެ މެންބަރުން ބަހުސް ކުރައްވައިފި އެވެ.

ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް އެވެ.

ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމަށް ހުށަހެޅި ސަބަބު:

މި ބިލް ހުށަހަޅުއްވާފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33ވަނަ މާއްދާގެދަށުން ދިވެހިރާއްޖޭގައި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުނު ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް ހިމެނޭތީ 18 އޭޕްރީލްގައި ބާންވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އެ ތާހީޚުގައި ބޭއްވޭނެ ކަމަށް ނުފެންނާތީ އެވެ.

ބިލްގައި ވަނީ އިންތިޚާބު ބޭއްވޭނެ ރައްކާތެރި މާހައުލެއް ފެންނަންދެން އިންތިޚާބު ބޭއްވުން ފަސްކުރުމަށް މަގުފަހިކުރުމަށް އިންތިޚާބު ބާއްވައި އައު މެންބަރުން އިންތިޚާބުވަންދެން މިހާރު އިންތިޚާބުފައި ތިބި އަތޮޅު އަދި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން މަޤާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމަށް ހުށަހެޅި އިސްލާހެއް ކަމަށެވެ.

އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން، ހެލްތު މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރާއެކު ހުސްވި މަރޗްމަހުގެ 12 ން ފެށިގެން 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.

7/2012 "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު"ގެ ދަށުން އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވަނީ ބާރުތަކެއް ލިބިދީފައެވެ.

ސުވާލަކީ މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެތޯ؟

މި އިސްލާހު މަޖިލީހަށް ބަލައިގަނެ ބަހުސް ކުރައްވަން ފެއްޓެވުމުގެ ކުރިން، މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތެއް އޮތްތޯ އަދި މިވަގުތު ކުއްލި ނުރައްކަލުގެ ހާލަތާއިގުޅޭގޮތުން ޤާނޫނުއަސާސީއަށް އިސްލާހު ގެނެވިދާނެ ހާލަތެއްތޯ އައްސަވަިއ މެންބަރުންގެ ޚިޔާލު ހޯއްދަވާފައެވެ.

ރިޔާސަތުން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނުއަސާސީ އިސްލާހުކޮށްގެން ނުވާނެ ކަމަށް ބުނާ ކަމަށާއި އެހެންކަމުން އެކަމުގައި ވިސްނާލުން ބުއްދިވެރިކަމަށެވެ.

ޤާނޫނުއަސާސީން އެބަސާފުވޭ ކުއްލި ނުރައްކަލީ ހާލަތެއްކަން. އެއީ މީހަކު ބަޔާންކުރިއަސް ނުކުރިއަސް ގުދުރަތީ ރޭވުމެއްކަން ނުވަތަ ދިމާވެފައޮތް ކަމެއްކަން. މިސާލަކަށް ވައިގެތެއްކަން. ނުވަތަ މުށިމަސްއައިނެއް ވަދެފަ އޮތުން. އެއީ ހާލަތެއް އެ ހާލަތް އެއޮތީ ދިމާއަށް ފެންނަން. ދެންް އެހާލަތް އޮތްކަމަށް ނުވަތަ ނެތްކަމަށް ބުނާ ބުނުމެއް ނޫން ކުއްލި ނުރައްކަލުގެ ހާލަތެއް އޮތްކަމަށް ނުވަތަ ނެތްކަމަށް މި ނިންމެނީކީ. ހާލަތެއް އޮތިއްޔާ އެ ހާލަތެއް އެ އޮތީ.
މަޖިލީހުގެ ރައީސް، ރައީސް ނަޝީދު

ރިޔާސަތުން ރައީސް ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އެފަދަ ބާރުތަކެއް ނެންގެވުމާއި ގުޅޭގޮތުން، ޤާނޫނުއަސާސީގައި މުތުލަގަށް ރައީސަށް އެބާރުތައް ނެންގުވުމަށް ބާރުދެއްވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ އެ ބާރުތައް ނަންގަވަން އެދިވަޑައިގަންނަވާނަމަ ބާރުތައް ރައީސަށް އެރުވުމަށް ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެބާރުތައް ނުނަންގަވާ ކަމަށް ރިޔާސަތުން ވިދާޅުވިއެވެ. އެކަމަކު ޤާނޫނުއަސާސީގައި އެހާލަތު ބަޔާންކުރާ ހާލަތާއި ހަވާލާދެވެނީ ޤާނޫނު ނަންބަރު 7/2012 ކަމަށް ބަލެވިދާނެ ކަމަށް މަޖިލީހުގެރައީސް ވިދާޅުވި އެވެ.

އެހެންކަމުން އެކަމުގައި މެންބަރުންގެ ޚިޔާލު ހުރިނެތްގޮތް ބަލާލައި އޮޅުންފިލުއްވަން ބޭނުންފުޅުވާތީ ރިޔާސަތުން ވަނީ އެކަމަށް ހުޅުވާލައްވާފައެވެ.

ޤާނޫނީ މެންބަރުންގެ ޚިޔާލުވެސް ތަފާތު:

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެ ކަމާ މެދު ރައްޔިތުންގެ މެންބަރުންގެ ޚިޔާލު ތަފާތެވެ. އަދި މަޖިލީހުގައި ތިއްބެވި ޤާނޫނީ މެންބަރުންގެ ޚިޔާލުވެސް ތަފާތެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒު ފަހުމީ ވިދާޅުވީ، ޤާނޫނު އަސާސީގެ 267ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ވަގުތުގައި ޤާނޫނުއަސާސީއަށް އެއްވެސް އިސްލާހެއް ގެނެސްގެން ނުވާނެކަމަށް ބުނެފައިވާކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތަކަށް މިހާލަތުވާނަމަ ޤާނޫނުއަސާސީއަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.

އިންތި ވިދާޅުވީ ޤާނޫނުއަސާސީގައި އެ ހާލަތަކީ ކޮންމެހެން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވަން ޖެހޭ ހާލަތަކަށް ވާން ނުޖެހޭ ކަމަށާއި، އެހެންކަމުން

ސިއްހީ ޤާނޫނުގެ ދަށުން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި، ޤާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭކަމަށެވެ.

"ހެލްތު ޤާނޫނުގެދަށުން މިހާރު އިއުލާންކޮށްފައި މިވާ ކުއްލި ނުރައްކަލުގެ ހާލަތު ޤާނޫނުއަސާސީގެ 267ވަނަ މާއްދާގަ އެބުނާ ކުއްލި ހާލަތަށް ނުވާންވީ ސަބަބެއް ނުވިސްނޭ ކަމަށް. ނަތީޖާއަކީވެސް އެކައްޗެއް. މީހުންވެސް އެބަ ހައްޔަރުކުރެވޭ. ކާފިއު އެބަ ހިންގޭ. މީހުން ޖޫރިމަނާ އެބަކުރެވޭ. ފިހާރަތައް ލެއްޕުމަށް އެބަ އަމުރު ކުރެވޭ. އެހެންވީމަ މިހެން ނަތީޖާތައް އަންނައިރު އަދި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުކަމަށް ބަޔާންކުރާހާހިނދަކު އަޅުގަނޑަށް ފެންނަނީ މިއީ ހަމަ ކުއެްލި ނުރައްކަލުގެހާލަތެއް ކަމަށް.
މެންބަރު އިމްތިޔާޒު

ތުޅާދޫ ދާއިރާގެ މެންބަރު އަލްއުސްތާޛާ ހިސާން ހުސެން ވިދާޅުވީ ޤާނޫނުއަސާސީގެ 267ވަނަ މައްދާގައި ޤާނޫނުއަސާސީ އިސްލާ ނުކުރެވޭގޮތަށް އޮންނަ މާއްދާ ހަވާލާދެނީ ޤާނޫނުއަސާސީގެ 253ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށެވެ.

އެހެންކަމުން ޤާނޫނުއަސާސީގެ 267ވަނަ މައްދާގައި ހަވާލާދެނީ އެނޫން ގޮތަކަށް އިއުލާންކޮށްފައި އޮންނަ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ދެކެން ދަތިކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ޤާނޫނުއަސާސީގެ 253ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާއިރު، އަމަލުކުރަންޖެހޭ ކަންކަން އެބަހުރިކަމަށާއި އޭގެތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާކަމާއި އެ އިއުލާންކުރާއިރު ފުރިހަމަކުރަންޖެހޭ ކަންކަން އެބަހުރިކަމަށެވެ.

ނަމަވެސް މިއަދު އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33ވަނަ މާއްދާގެދަށުން އިއުލާންކޮށްފައިވާ ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އޮތްއިރު، މިހާލަތަކީ ޤާނޫނުއަސާސީއާ ތަޢާރުޒުވާނެ ހާލަތެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށާއި، މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހު ކޮށްފައިވާ އިއުލާނެއްކަމުން، މިހާލަތުގައި ޤާނޫނުއަސާސީ އިސްލާހުކުރަން ހުރަހެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ހިސާން ވިދާޅުވިއެވެ.

މިކަމުގައި މެންބަރުންގެ ޚިޔާލުވެސް ތަފާތު:

މި މައްސަލައިގަ ދެކެވަޑައިގަންނަވާގޮތް ހާމަކުރައްވައި، މަޖިލީހުގެ ނައިބު ރައީސް އަދި އީވާ އަބުދުﷲ ވިދާޅުވީ ކުރެވޭ ސުވާލަކީ ސިއްޙީ ކުއްލި ނުރައްކަލެއްގެ ހާލަތުގައިވެސް ޤާނޫނުއަސާސީ އިސްލާހު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލު ކަމަށެވެ.

އީވާ ވިދާޅުވީ ހާލަތު ތަންދޭގޮތުން އިންތިޚާބު ފަސްކުރަން ރައްޔިތުންގެ ވިސްނުން ހުރިގޮތް ފެނިގެންދިއަ ކަމަށާއި، ސިއްޙީ ގޮތުން ބަލާއިރު އިންތިޚާބު ލަސްކުރަންޖެހޭ ހާލަތަކަށް ގޮސްފައިވާއިރު އެހާލަތުގައި ޤާނޫނަށް ބަދަލުގެންނަން ޤާނޫނުއަސާސީވެސް އިސްލާހުކުރަން ޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް ސިއްހީ ޤާނޫނެއް ނޫނީ ޤާނޫނުއަސާސީގެ ދަށުން ރައީސް އިއުލާންކުރައްވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައިވިއަސް، މިހާލަތުގައި މިތިބީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން މިއީ ޤާނޫނުއަސާސީގައިވެސް ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތު ނޫންކަމަށް ގަބޫލުކުރައްވަން ފަސޭހަ ނޫންކަމަށެވެ. އަދި މިދަނޑިވަޅުގައި ކުއްލިކުއްލިއަށް ހާލަތާއި އެއްގޮތަށް ޤާނޫނުތަކަށް ބަދަލުގެނައުމަކީ ފަސޭހަކަމެއްނޫންކަމަށްވެސް މެންބަރު އީވާ ވިދާޅުވިއެވެ.

މީގެ އިތުރަށް މެންބަރު ހިސާން ހުސައިންގެ ވާހަކައަށް ތާއީދުކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މިހާލަތުގައި ޤާނޫނަށް އިސްލާހުގެނައުމަށް ހުރަހެއް އޮތްކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ލޯކަލް ކައުންސިލްގެ އިންތިޚާބާއި ގުޅިގެން މިހާލަތުގައި ގެންނަންޖެހޭ އިސްލާހުތަކެއްކަމުން، އެޗްޕީއޭ އިން އިއުލާންކޮށްފައިވާ ކުއްލި ހާލަތަކީ ޤާނޫނަށް ބަދަލު ނުގެނެވޭނެ ހާލަތެއް ކަމަށް ޤަބޫލު ނުކުރައްވާކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، ޤާނޫނޫއަސާސީގެ 253ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރާހާ ހިނދަކު، ޤާނޫނޫއަސާސީ އިސްލާހު ކުރެވޭނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ ޤާނޫނޫއަސާސީގެ 253ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރާ ކަމަށާއި، އެހެންކަމުން މިއަދު ރާއްޖޭގައި އިއުލާންްކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފޮނުވާފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. އެހެންކަމުން އޮތް ގޮތަކީ 253ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުން ކަމަށެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ، މިހާލަތުގައި ޤާނޫނުއަސާސީއަށް ބަދަލުގެނެވޭނެ ހާލަތެއް ކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.

މެންބަރު ހުސައިން ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ގެނެވިފައިވާ ކަމަށާއި، މިހާލަތުގައި ވަކި ފަރާތަކަށް ބާރުތަކެއް ދެވިފައިވާ ކަމަށެވެ. އަދި މިހާލަތުގައި ޤާނޫނުއަސާސީއަށް ބަދަލުގެނެވިދާނެ ކަމަށް ނިންމޭނީ ސުޕްރީމްކޯޓަށް ކަމަށާއި، މަޖިލީހަށް މިދަނޑިވަޅުގައި ޤާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ ކޯޓުން އެގޮތެއް ނިންމުމުން ކަމަށް ވިދާޅުވިއެވެ.

މެދުހެންވޭރު މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް ވިދާޅުވީ، މިއީ ޤާނޫނުއަސާސީ އިސްލާހު ކުރެވޭނެ ހާލަތެއް ކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ. އާޒިމް ވިދާޅުވީ މިހާލަތަކީ އެޗްޕީއޭގެ ޑިރެކްޓަރ ޖެނަރަލަށް ބާރުތަކެއް ހިނގާ ހާލަތެއް ކަމަށާއި، އެގޮތުން މީހުން ހައްޔަރުކުރުމާއި، ކޯޓު އަމުރަކާއި ނުލައި ކަންކަން ކުރުމުގެ ބާރުތަކެއް ލިބިދެވޭކަމަށެވެ.

އެހެންކަމުން މިއީ ޤާނޫނުއަސާސީގައި އަތްލައި ބަދަލުތައް ގެނައުމަށް އެންމެ ރަނގަޅު އަދި ބުއްދިވެރި ހާލަތެއް ނޫންކަމަށާއި، މިހާރު މިއޮތީ އާއްމު ހާލަތެއްގައި ނޫންކަމަށާއި، އަދި ދިވެހިންގެ ދިރިއުޅުން އާއްމު ހާލަތަށް އައުމުން ނޫނީ ޤާނޫނުއަސާސީއަށް ބަދަލުގެނެވިގެންވާނެ ކަމަށް ދެކެވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ނިންމުމަކަށް ވާންވީ މިކަހަލަ ހާލަތްތަކުގައިވެސް އަޅުގަނޑުމެން ނުވާނޭ ޤާނޫނުއަސާސީގަ އަތްލާކަށް. އެއީ ޤާނޫނުއަސާސީގަ އަތްލައިފިކަމަށް (އިސްލާހުގެނައުން) ވަނީނަމަ ހުދުމުހުތާރު ނުބައި ވެރިއަކު ހުންނަ ވަގުތެއްގައި ނަމަ ޤާނޫނުއަސާސީން އެ ވެރިކަމެއްގެ ބާރުތަކާއި ރައްޔިތުންގެ މަޖިލިސް އުވާލުންފަދަ ބާރުތަކެއް ދަމައިގަތުމުގެ ފުރުސަތުފަހިވެގެން ހިނގައިދާނެ ކަމަށް. އެހެންކަމުން މިވަގުތަކީ ޤާނޫނުއަސާސީގަ އަތްތަލަން ބުއްދިވެރި ހާލަތެއް ނޫންކަމަށް.
މެންބަރު އާޒިމް

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ ވިދާޅުވީ، މިއީ މުޅި ދުނިޔެއަށް ދިމާވެފައިވާ ހާލަތެއް ކަމަށާއި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށްފައިވަނީ ސިއްޙީ ޤާނޫނުން ކަމަށެވެ. އަހުމަދު އަބުދުﷲ ވިދާޅުވީ ޤާނޫނުއަސާސީގެ 253ވަނަ މާއްދާގެ ދަށުން ރައިސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރެއްވި ނަމަވެސް، ރާއްޖޭގައި ސިއްހީ ޤާނޫނުގެދަށުން ސިއްޙީ ކުއްލި ނުރައްކަލުގެހާލަތު އިއުލާންކުރައްވާފައިވާ ކަމަށެވެ.

އެހެންކަމުން މިދަނޑިވަޅުގައި ހާލަތު ބަދަލުވެގެންވެސް ހިނގައިދާނެ ކަމަށާއި، މިހާލަތުގައި ޤާނޫނުއަސާސީއަށް ބަދަލުގެންނަން މަސައްކަތް ކޮށްފިނަމަ، ނަހަމަގޮތުގައި ކަންކަން ކުރުމަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން މިވަގުތަކީ ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އޮތްކަމަށް ނިންމައި، އެހާލަތުގައި ކަންކުރާ އުސޫލުން ކަންކުރަމުންދާ ދަނޑިވަޅު ކަމަށެވެ.

އެހެންކަމުން މިވަގުތަކީ ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތެއް އޮތްވަގުތެއްކަމުން، މިވަގުތަކީ ޤާނޫނުއަސާސީއަށް ބަދަލުގެންނަން އެންމެ ރަނގަޅު ވަގުތުކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

މެންބަރު އަހުމަދު އަބުދުﷲ ވިދާޅުވީ، މެންބަރު ހިސާން ހުސައިން ދެއްކެވި ވާހަކައަށްވެސް ތާއީދުކުރައްވާ ކަމަށާއި، ނަމަވެސް މިވަގުތަކީ ޤާނޫނުއަސާސީއަށް ބަދަލުގެންނަން އެންމެ ރަނގަޅު ވަގުތުކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.

ޤާނޫނުއަސާސީއަށް ބަދަލު ނުގެނެސް މައްސަލަ ހައްލުވެދާނެ:

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެއިން މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދި މެންބަރުންގެ ޚިޔާލު ތަފާތުވެގެންދިއައިރު، މިކަމަށް އެހެން ހައްލެއްވެސް އެބައޮތްކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލުކުރައްވާ އަލްއުސްތާޛް މޫސާ ސިރާޖު ވިދާޅުވީ، ޤާނޫނުއަސާސީއަށް އިސްލާހު ގެނެވިދާނެތޯ ނުވަތަ ނޫންތޯ އުފައްދާ ސުވާލުގެ ބަދަލުގައި މި މައްސަލައަކީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމަލުކުރާނެ ގޮތަކާއި މެދުކަމަށެވެ. އަދި މިހާރު ރާއްޖޭގެ ހާލަތު އޮތްގޮތުން އިންތިޚާބު ލަސްކުރަން ޖެހޭއިރު، ރައީސުލްޖުމްހޫރިއްޔާ ބަޔަކު އައްޔަންކުރައްވާނީ ނުވަތަ މިހާރުއޮތް ކައުންސިލްތަކުގެ މުއްދަތު އިންތިޚާބެއް ބޭއްވެންދެން އިތުރުކުރާނީތޯ ސުވާލު އުފެދޭ ކަމަށެވެ.

ސިރާޖު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބަޔަކު އައްޔަންކުރާގޮތަށް ވެއްޖެ ނަމަ މުޅި ލޯކަލް ކައުންސިލްތަކުގެ ނިޒާމަށް ބުރޫއަރާނެ ކަމަށާއި، އެހެންކަމުން ކައުންސިލްތަކުގެ މުއްދަތުވެސް އިތުރު ކުރެވިދާނެ ކަމަށެވެ.

މީގެ އިތުރަށް ސިރާޖު ވިދާޅުވީ ޤާނޫނުއަސާސީއަށް ދޭތެދޭތެރެއިން ބަދަލު ގެނައުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި، ޤާނޫނުއަސާސީއަށް ބަދަލުނުގެނެސް ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް ބަދަލުގެނެވިދާނެ ކަމަށާއި، އެބަދަލު ގެންނައިރު މިހާރުއޮތް ކައުންސިލާމެދު އަމަލުކުރެވިދާނެ ގޮތެއް ނިންމިދާނެ ކަމަށެވެ. އަދި ޤާނޫނުއަސާސީގެ 5ވަނަ އިސްލާހު މިހާރުއޮތްގޮތަށް ބާއްވައިގެން ލޯކަލް ކައުންސިލްގެ ޤާނޫނަށް ބަދަލުގެނެވިގެން މި މައްސަލައަށް ފަރުވާއެއް ހޯދިދާނެ ކަމަށެވެ.

ކެނދިކޮޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަވެސް ވިދާޅުވީ ޤާނޫނުއަސާސީގައި އެއްވެސް ގޮތެއް ނެތިގެން ނޫނީ އަތްލުމަކީ ރުހޭކަމެއް ނޫންކަމަށެވެ. އީސަ ވިދާޅުވީ ކައުންސިލްތަކުގެ ދައުރަށް ގޮތެއް ނިންމުމަށް، އެކަމަށް ހާއްސަ ޤާނޫނެއް ހަދައިގެން އެފުރުސަތު ހޯދިދާނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް މެންބަރު އީސަވެސް ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، މިބަހުސް އަށް ބަލާއިރު، މިހާރުއޮތް ހާލަތުން ޤާނޫނުއަސާސީއަށް އިސްލާހު ނުގެނެސްވެސް މި މައްސަލަ ހައްލުކުރެވިދާނެ ކަމަށެވެ.

އެގޮތުން އައު ކައުންސިލަރުން އިންތިޚާބުކޮށް ނިމެންދެން، ޖޫން މަހުގެ 3 ގެ ފަހުން އަމަލުކުރެވޭނެ ގޮތަކާއި ގުޅޭގޮތުން ހައްލެއް ގެނެވިދާނެ ކަމަށެވެ. އަދި ޖޫން 3 ގެ ފަހުން ކައުންސިލްތަކުގެ ދައުރުތައް ނިމޭގޮތަށް ހަދައި، މިހާލަތުގައި އިންތިޚާބު ބޭއްވުން ފަސްކުރެވިފައިވީނަމަވެސް އައު ކައުންސިލަރުން އިންތިޚާބުވަންދެން ހުވާ ކުރައްވަންދެން އަލަށް ގެންނަ ޤާނޫނުގެދަށުން މިހާރު ތިއްބެވި ކައުންސިލަރުން އިންތިޚާބު ކުރެވިދާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވައި އައު ކައުންސިލް އިންތިޚާބެ ހުވާކުރުމުން ޤާނޫނު އުވި ކުރީގެ މެންބަރުންގެ ދައުރު އުވޭގޮތަށް ބިލެއް ފަރުމާކޮށް ޤާނޫނެއް ވުޖޫދު ކުރެވިދާނެ ކަމަށެވެ.

މިމައްސަލައިގައި ވާހަކަދެއްކެވި މަޖިލީހުގެ ބައެއް މެންބަރުން ވަނީ މިވަގުތަކީ ޤާނޫނުއަސާސީއަށް ބަދަލު ގެންނަން މުހިންމު ވަގުތެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި ބައެއް މެންބަރުން ވަނީ މިދަނޑިވަޅަކީ ޤާނޫނުއަސާސީއަށް ބަދަލުގެނެވޭނެ ހާލަތެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ.

މިއީ ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ހާލަތެއް ނޫން: ބަންޑާރަ ނައިބު

މި މައްސަލައި މަޖިލީހުން ބަލައިގަތުމުގެ ކުރިން މެންބަރުންގެ ވިސްނުން ހުރިގޮތް ސާފުކުރެއްވި އިރު، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތްނަމަވެސް، މިވަގުތު ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަން ހުރަހެއް ނެތް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށް، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ސަރުކާރުން ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހާއި ގުޅިގެން ބަންޑާރަ ނައިބު ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްތަކުގެ ޢުމުރު އޮތީ ކަނޑައެޅިފައި ކަމަށެވެ. އަދި 3 ޖޫންގެ ފަހުން ކައުންސިލްތައް ދެމިއޮންނާނީ ޤާނޫނުއަސާސީ އިޞްލާހުކޮށްގެން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިޢުލާނު ނުކުރައްވަވާ ކަމަށެވ.

ނަމަވެސް މިކަމުގައި މަޖިލީހުގެ ރައީސްގެ ޚިޔާލުވެސްތަފާތެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނުއަސާސީ އިސްލާހު ނުކުރަން ބުނެފައި ވަނީ ރައްޔިތުންގެ އަސާސީ ހައްގުތައް އެފަދަ ހާލަތެއްގައި ހަނިކުރެވިފައި އޮންނާތީ ކަމަށެވެ.

އެހެންކަމުން 7/2012 ގެ ދަށުން ރައްޔިތުންގެ ހައްގުތަކެއް ގެއްލޭތޯ ނުވަތަ ނޫންތޯ ސާފުކުރުން މުހިންމު ކަމަށާއި، ނަމަވެސް މެންބަރުން ބަހުސްކުރައްވަމުން ގެންދަވަނީ ޕަބްލިކް ހެލްތުގެ ޑައިރެކްޓަރ ޖެނެރަލަށް ގޮންޖައްސަވައި ސަރުކާރުގެ ނިންމުންތަކަށް ފާޑުކިއުއްވަން ހިންގާ ބަހުސެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މެންބަރުން ކުރައްވަމުން ގެންދަވަނީ ޢިލްމީ ބަހުސެއް ކަމަށާއި، އެފަދަ ކަންކަމާއި މެންބަރުން ބަހުސް ނުކޮށް އެކަންކުރާނެ އިތުރު ބަޔަކު ނާންނާނެކަމަށެވެ. އަދި މެންބަރުންނަށް އެއްބަސްވެވޭ އެންމެ ރަނގަޅުގޮތަކީ މަޝްވަރާކުރުމަށްފަހު ކަންކަން ކުރުން ކަމަށާއި، އެހެންކަމުން މި މައްސަލައިގައި ބަހުސްކުރައްވަން ބޭނުންފުޅުވާ ހުރިހާ މެންބަރުންނަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

އަދި މި މައްސަލައިގައި ގޮތެއް ނިންމަވާނީ ވޯޓަކުންތޯ ނުވަތަ ނޫންތޯވެސް، ކަނޑައަޅުއްވާނީ މަޝްވަރާއަށްފަހު ކަމަށެވެ. އަދި ކައުންސިލްތަކުގެ މެންބަރުންގެ މުައްދަތު ޖޫން 3 ކަށް ހަމަވުމުގެ ކުރިން ކައުންސިލްތައް ހިންގާނީ ކޮންގޮތަކަށްތޯ، އަދި އެ މުއްދަތަށް އިންތިޚާނުބުކުރެވޭ އައު ކައުންސިލެއް ނެތްނަމަ ހެދޭނެ ގޮތެއް ބަލަންޖެހޭ ކަމަށެވެ.