ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ސްރީލަންކާގައި ކަރަންޓީނު ފުރިހަމަކުރުމަށްފަހު ހޯމަދުވަހު ރާއްޖެ އައި ޓީސީ ސްޕޯޓްސް ކްލަބު ފުރަވެރި ރިސޯޓުގައި ކަރަންޓީނުކޮށްފިއެވެ.

މިއީ ޓީސީ ޓީމު ކަރަންޓީނުކުރި ދެވަނަ ފަހަރެވެ. ލަންކާގައި ޓީސީ ފުރަތަމަ ކަރަންޓީނު ކުރީ މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ. ޓީސީ ލަންކާގައި ކަރަންޓީނުކުރުމަށް ނިންމާފައިވަނީ އޭއެފްސީ ކަޕުގައި ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް މިދިޔަ މަހުގެ 11 ކުޅުނު މެޗަށްފަހުގައެވެ.

ލަންކާގެ މެރީނޯ ބީޗު ހޮޓަލުގައި 14 ދުވަހަށް ކަރަންޓީނުގައި ބެހެއްޓި ނަމަވެސް މުއްދަތު ހަމަވާން ހަތަރު ދުވަހަށް ވެފައިވަނިކޮށް ސްރީލަންކާގެ ސަރުކާރުން ވަނީ އެ ޤައުމު ލޮކްޑައުންކޮށްފައެވެ. އެއާއެކު ވައިގެ ދަތުރުފަތުރު މެދުކަނޑާލިއެވެ. ޓީސީ ގެނައުމަށް ސަރުކާރުން މަސައްކަތްކުރި ނަމަވެސް އެފަހަރު އެކަން ނުވީ ޝެޑިއުލް ފްލައިޓެއް ނެތުމުންނެވެ.

ޓީސީ ޓީމު އާދީއްތަ ދުވަހުގެރޭ ރާއްޖެ ގެނައީ، ރާއްޖެ ނާދެވިފައި ތިބި ދިވެހިންން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ކުރި ހާއްސަ ދަތުރުގައެވެ. އެ ޓީމު މިވަގުތު ތިބީ ފުރަވެރި ރިސޯޓުގައެވެ. އަދި ކޮންމެ ކުޅުންތެރިއަކަށް ވަނީ ވަކި ކޮޓަރިއެއް ދީފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި މުޅި ދުނިޔެ ކުރިމަތިލަމުންދާއިރު މިކަމުގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅައަށް ވަނީ ގިނަ ލޮޅުންތަކެއް އަރާފައެވެ.

އޭއެފްސީން ވަނީ މާޗު މަހާއި އޭޕްރީލް މަހު އޭއެފްސީ ކަޕްގެ ހުރިހާ ސަރަހައްދެއްގައި ކުޅޭގޮތަށް ނިންމާފައިވާ މެޗުތައް ފަސްކޮށްފައެވެ. އެންމެ ފުރަތަމަ ފަސްކުރީ އޭރު ބަލި އެންމެ ހަލުވި މިނެއްގައި ފެތެރެމުން އައި ސައުތު އީސްޓް އޭޝިއާ ޒޯނުގެ މެޗުތަކެވެ. އެއަށްފަހު އޭއެފްސީގެ ކުއްލި ބައްދަލުވުމެއް ބާއްވާ، ގިނަ ކަންތައްތަކެއް ފަސްކުރިއެވެ.