ކޮވިޑް-19 ގެ ނުރައްކަލުން ކޮންމެ ގައުމެއްވެސް ސަލާމަތްކުރުމަށް ރެއާއި ދުވާލު މެދުކެނޑުމެއްނެތި ޖާނާއި މާލުން ގުރުބާންވާ އެއް ބަޔަކީ ޑޮކްޓަރުންނާއި ނަރުހުންނެވެ. އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކޮށް އެބޭފުޅުން އެވަނީ މަތިވެރި ގުރުބާނީއެކެވެ. އެބޭފުޅުން އޮހޮރުވާ ދަލާއި ހޭދަކުރާ އަގުހުރި ވަގުތުތަކަކީ ގައުމީ ޚިދުމަތަށްޓަކައި ހޭދަކުރާ ވަގުތުތަކެކެވެ.

ބަލިމީހާގެ ފުރަނާ އަތްމައްޗަށް ލައިގެން އެމީހާއަށް ހޭހަންކޮށްދޭން އަބަދުވެސް ތިބެނީ ނަރުހުންނާއި ޑޮކްޓަރުންނެވެ. ބަލިމީހާ ބަލިވާ ހިސާބުން ފެށިގެން އެމީހާ ސާފުކުރުމާ އަދި ބައެއް ހާލަތްތަކުގައި ކާންދިނުމުގެ ބުރައާއި ޒަޚަމްވެގެންދާ މީހާ ސާފުކުރުމުގައި ހިނިތުންވުމާއެކު ވަރުބަލިކަމެއްނެތި މަސައްކަތް ކުރަނީ ނަރުހުންނެވެ. ބަލިމީހާއާ އެންމެ ގާތުގައި ހިތްވަރު ދިނުމުގައިވެސް ތިބެނީ ހަމަ ލޮބުވެތި ނަރުހުންނެވެ. ނިދިން މަހުރޫމްވެ އާއިލާ ދޫކޮށްލުމަށް ފަހު ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ނަރުހުންނާއި ސިއްހީ އެހީތެރިން ކޮވިޑް-19 އިން ރައްކާތެރިވުމަށް މަސައްކަތް ކުރާއިރު، އެބޭފުޅުންގެ އާދޭހަކީ އެންމެންވެސް މިދުވަސްވަރު ގޭގައި އެބޭފުޅުންނަށްޓަކައި މަޑުކޮށްދިނުމެވެ. ދުނިޔޭގެ ސިއްހަތުގެ ދުވަސް މިފަހަރު ބައްދަލުމިކުރީ މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19ގެ ރޯގާ ފެތުރެމުންދާ ހިތްދަތި ދުވަސްވަރެއްގައެވެ.

ނަމަވެސް މިހިތްދަތި ދުވަސްވަރުގައިވެސް ނަރުހުންގެ ފަރާތުން ފެނިގެންދަނީ ހިތްވަރުގަދަކަމާއި ޖެހިލުންކުޑަ، އިންސާނިއްޔަތުގެ ލާމަސީލު މިސާލެކެވެ. މުޅި ދުނިޔެއަށް ބެލިކަމުގައިވީނަމަވެސް މިކަން ހިނގަނީ މިހެންނެވެ. ކޮވިޑް-19 ބަލީގައި ދުނިޔޭގެ އެކިކަންކޮޅުތަކުން އެތަކެއް ނަރުހުންނަކާއި ޑޮކްޓަރުންނެއް މި ދުނިޔެ ދޫކޮށް ގޮސްފިއެވެ. ބަލީގެ ޝިކާރައަށްވީ މީހުންނަށް ފަރުވާކޮށްދިނުމުގައި ރެއާއި ދުވާލު މަސައްކަތްކުރި އެ ނަރުހުންނާއި ޑޮކްޓަރުންގެ މިންނެތް މަސައްކަތުގެ ހަނދާންތައް އެބަޔަކަށް ޚާއްސަ ދުވަހެއްގައި އާކުރަންޖެހެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިއަހަރު ދުނިޔޭގެ ސިއްހަތު ދުވަސް ޚާއްސަކޮށްފައި ވަނީ ނަރުހުންނާއި ފޫޅުމައިންނަށެވެ. ފޫޅުމައިންގެ ގޮތުގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިއްހީ އެހީތެރިންނާއި، މިނޫންވެސް މީހުން ވިއްސުމުގެ ހުއްދަ ދީފައިވާ މީހުން މީގެ ތެރޭގައި ހިމެނެއެވެ.

ކޮވިޑް-19 ރާއްޖޭގައިވެސް އޮތްއިރު މިބަލި ޖެހޭ މީހުނަށް ހޭހަންކުރުމަށްޓަކައި ނަރުހުންނާއި ޑޮކްޓަރުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ ބުރަ މަސައްކަތްތަކެއް ކުރާއިރު ދިމާވެދާނެ ކޮންމެފަދަ ހާލަތަކަށް ތާއްޔާރަށް ތިއްބެވި ނަރުހުންވެސް މަދެއްނޫނެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލުގައި ޖެނެރަލް ނާސިން ހެޑްގެ ގޮތުގައި ހީވާގިކަމާއެކު މަސައްކަތްކުރައްވާ މަރިޔަމް ޝަޒިއްޔާ ވީނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ކޮވިޑް-19 އާއެކު ދުނިޔެއަށް އަންނަ ބަދަލުތަކަށް ޖެހިލުމެއްނެތި ގިނަ ތައްޔާރީތަކެއް ވަމުން އަންނަ ކަމަށެވެ. އަދި މިފަދަ ވަގުތުތަކުގައި ބިރުން ފަހަތަށްޖެހި ދާއިރާ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ޝަޒިއްޔާ ވިދާޅުވިއެވެ.

ކޮންމެ ކަމަކާ ދިމާވިޔަސް ކުރިމަތިލާން ތައްޔާރަށް މިހާރު މިތިބީ. ޑޮކްޓަރުންނާއި ނަރުހުން ދުނިޔެ ދޫކޮށްދާ ވާހަކަ ވަރަށް ގިނައިން އަޑުއިވޭ. އެކަމަކުވެސް އަޅުގަނޑުމެންގެ އަޒުމަކީ ހަމަ ކަމެއްދިމާވެއްޖެ ހާލަތެއްގައި ފަހަތަށްނުޖެހި ކުރިއަށްދިޔުން. މިވަގުތަކީ އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔައިގެން އެއްވާނެއްގައި މަސައްކަތްކުރަންވީ ވަގުތު.
ޖެނެރަލް ނާސިން ހެޑް މަރިޔަމް ޝަޒިއްޔާ

"ވީ ސްޓޭ ހިއާ ފޯ ޔޫ. ޕްލީޒް ސްޓޭ ހޯމް ފޯ އަސް" މި ޝިއާރާއެކު މިއަދު ގިނަ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ އެހީތެރިން އެދިގޮވަނީ އާންމު ރައްޔިތުން ފަރުދީޒިންމާ އަދާކުރުމަށެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި ސިއްހީ ބޭފުުޅުން މެދުކެނޑުމެއް ނެތި މިއާދޭސް ދަންނަވަމުންދާއިރު އަދިވެސް އިޖުތިމާއީ ގައިދުރުކަން ކުޑަކަމާއި މަގުމަތީގައި އުޅޭ މީހުންގެ ނިސްބަތް ގިނަ ކަމަށް ސިއްހީ ދާއިރާގައި އުޅުއްވާ ގިނަ ބޭފުޅުން ފާހަގަކުރައްވައެވެ.

ސިއްހީ ދާއިރާގައި ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅުންގެ އަގުވަޒަންކުރުމަކީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލަނބާ ގިނަ މީހުން ކުރަން ބޭނުންކަމެއްކަން ސޯޝަލް މީޑިއާއިން ފެނިގެންދެއެވެ. ދުނިޔޭގެ ސިއްހަތު ދުވާހާ ގުޅިގެން ނަރުހުންނަށާއި ޑޮކްޓަރުން އަދި ސިއްހީ އެހީތެރިންނަށް ޝުކުރު އަދާކުރާ މަންޒަރުވެސް އަންނަނީ ފެންނަމުންނެވެ.

ކޮވިޑް-19 އާއެކު ރާއްޖޭގައި ކަންކުރަންވާ ގޮތުގެ އިރުޝާދުތައް ދެއްވުމުގައި އެންމެ އިސް ބޭފުޅަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރެވެ. ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މައިމޫނާ ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ ޝިއާރާ އެއްގޮތަށް ރާއްޖޭގައިވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިންނާއި ނަރުހުންނާއި، ޑޮކްޓަރުންގެ ބުރަ މަސައްކަތް ބަލައިގަންނަނީ ވަރަށް ޝުކުރުވެރިކަމާއެކުގައި ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް އަޅުގަނޑުމެންނާ ކުރިމަތިލީއިރު ދުނިޔޭގައި މިވަނީ ވަރަށް ނުރައްކާތެރި ބައްޔެއް ފެތުރިފައި. އެތަކެއް ބައެއް މިވަނީ މި ބަލީގައި ދުނިޔެ ދޫކޮށްގޮސްފަ. އެހުރިހާ ބޭފުޅުންނަށް ތައުޒިޔާ ރައްދުކުރަން. މި ނުރައްކާ ހާލަތުގައިވެސް އެންމެ އިސްސަފުގައި ބަލިމީހުނާއި އެންމެ ގާތުން ޚިދުމަތް ދިނުމުގައި ތިބީ ސިއްހީ ޚިދުމަތްތެރިން.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު

ސިއްހީ ޚިދުމަތްތެރިން މަސައްކަތް ކުރައްވަނީ ވަރަށް ބޮޑު ރިސްކެއް ނަންގަވައިގެންކަން ފާހަގަކުރައްވާ މައިމޫނާ ވިދާޅުވީ މި މަސައްކަތަކީ އެ ބޭފުޅުންނަށް ގޮންޖެހުންތަކެއް ހުރި މަސައްކަތެއް ކަމަށާއި އެހެންކަމުން އެހުރިހާ ބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމަށެވެ.

އެބޭފުޅުން އެ ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އަޅުގަނޑު މިއަދު ސެލިއުޓްދެން.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު

އަދި ރާއްޖެއަށް މިބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށާއި ބަލި ފެތުރިއްޖެ ހާލަތެއްގައި ދެއްވާނެ ލަފައާއި އރުޝާދުތައް ދިނުމުގައިވެސް އިސްސަފުގައި ހަރަކާތްތެރިވަނީ ސިއްހީ ދާއިރާގެ ބޭފުޅުންކަން ފާހަގަކުރައްވާ މައިމޫނާ ވިދާޅުވީ ކޮންމެފަދަ ހާލަތެއް މެދުވެރިވީނަމަވެސް ބަލިމީހުނަށް އަޅާލާ އެހީތެރިވެދޭން ސިއްހީ ދާއިރާގެ ބޭފުޅުން ތިއްބެވީ ތައްޔާރަށް ކަމަށެވެ.

ސިއްހީ ދާއިރާގެ ބޭފުޅުން ކުރައްވާ މަސައްކަތަކީ ބޭކާރު މަސައްކަތަކަށް ނުހަދައި ފަރުދީ ޒިންމާ އަދާކުރެއްވުމަށް ގޮވާލައްވައި މައިމޫނާ ވިދާޅުވީ ސިއްހީ އެހީތެރިން އިރުޝާދުތައް ދެއްވަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކާ ކަމަށެވެ. ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖޭގައި ފެތުރިގެން ނުދަނީ ސިއްހީ ދާއިރާގެ ބޭފުޅުންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި މިގޮތުގައި ކުރިއަށްދިޔުމުގެ އަޒުމުގައި ހުރިހާ ރައްޔިތުން ތިބުމަށްވެސް މައިމޫނާ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެހެންކަމުން ބޭރަށް ނިކުމެ އުޅުން މަދުކޮށް އިޖުތިމާއީ ގައިދުރުކަމަށް ނުވަތަ ސޯޝަލް ޑިސްޓެންސިންއަށް ސިއްހީ މާހިރުން ބާރުއަޅަމުން އަންނައިރު އެކަމަށް ރައްޔިތުންވެސް ކަމޭހިތަން އެބަޖެހެއެވެ. އަމިއްލައަށް ގޮތް ނިންމުމުގެ ބަދަލުގައި ސިއްހީ މާހިރުންގެ ބަސް ކަނުލައި އަޑުއަހައި އެއާ އެއްގޮތަށް އަމަލުތައް ބަހައްޓައި ފަރުދީ ޒިންމާ ނަގަންވީ ވަގުތަކީ މިއީ އެވެ.