ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިއަދާ ހަމައަށް 1800 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވީ މި ބަލީގެ ނުރައްކާތެރިކަން މުޅި ދުނިޔެއިންވެސް މިހާރު ތަޖުރިބާކުރެވެމުންދާއިރު ރާއްޖެއިން މިހާރު މި ބައްޔަށް އެތައް ބަޔަކު ޓެސްޓުކުރެވިފައިވާކަމަށެވެ.

މި ބައްޔާއިގުޅިގެން މިހާތަނަށް 1700 އަށްވުރެ ގިނަ މީހުން އެކަހެރިކޮށް، ކަރަންޓީނުގައި އާއި އައިސޮލޭޝަންގައި ވަގުތު ހޭދަކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބަލި ދުނިޔެއިން ފެނުމާއި އެކު މި ބަލިން ރައްކާތެރިވުމަށް ރާއްޖެއިން ދުރާލާ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު މިހާތަނަށް އެތައް އިމާރާތަކާއި އެތައް އުޅަނދެއް ކަރަންޓީނު ކުރެވިފައިވާކަން މިނިސްޓަރ އަމީންގެ ހިތާބުގައިވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއިއެކު މިކަމާގުޅޭ ގޮތުން 30 އަށްވުރެ ގިނަ އަމުރުނެރެ، ބައްޔާ ގުޅިގެން، އާންމުން ހޭލުންތެރިކުރުމަށާއި، ބައްޔާގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެތައް ސަކޭތަ މެސެޖެއް އާންމުންނާއި ހަމައަށް ފޯރުކޮށްދެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.

މި ބައްޔާއި ގުޅިގެން ދުނިޔޭގެ ހިންގުމަށް އެތައް ބަދަލެއް އައިސްފައިވާއިރު މިކަމުގެ ނަތީޖާއާއި ހަމައަށް ދާން އަދިވެސް އެތައް ދުވަހެއް ނަގާނެކަން ފާހަގަކުރައްވާ މިނިސްޓަރ އަމީން ވިދާޅުވީ ސިއްހީ ބޮޑު، މި މުސީބާތުން އަރައިގަނެވޭއިރު އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް ވަރަށް ބޮޑު ގޮންޖެހުންތަކެއް ދިމާވާނެކަމަށެވެ.

އެހެންކަމުން މިހާލަތަށް ވިސްނައިގެން ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއްކަން ދަނެ، އެކަމަށް ތައްޔާރުވުމަކީ މުހިންމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން އިޤްތިސާދުކުރުމާއި ހޭދަކުރުމުގައިވެސް ވަކި އުސޫލެއް ގެންގުޅުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.