ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އަވަހާރަވެއްޖެއެވެ.

ނުއުމާން އަވަހާރަވީ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަން އިންޑިއާގައި އުޅުއްވަނިކޮށެވެ. ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ފަރުވާ ހޯއްދެވުމަށް އިންޑިއާއަށް ވަޑައިގެން އުޅުއްވާތާ ހަމަސްދުވަހަށްވުރެ ގިނަ ވެއްޖެއެވެ.

މިނިސްޓަރެއްގެ ފެންވަރުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ނުއުމާން އައްޔަންކުރެއްވީ 11 ޑިސެމްބަރު 2018 ގައެވެ.

އައްޑޫ ސިޓީ، ހިތަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ނުއުމާން އަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީގެ ރައީސެވެ. އަދި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި ވެސް ހިމެނިވަޑައިގަންނަވައެވެ.

ނުއުމާން އަވަހާރަވުމާ ގުޅިގެން އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ވަނީ ނުއުމާން އަވަހާރަވި ޚަބަރަކީ އެޕާޓީއަށާއި ދިވެހި ގައުމަށް ލިބުނު ނުހަނު ހިތާމަވެރި ޚަބަރެއް ކަމަށެވެ. މިހިތްދަތި ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރާ ހާލު، ތައުޒިޔާ ދަންނަވާ ކަމަށެވެ.

ނުއުމާނަކީ ރާއްޖޭގެ އިސްލާހީ މަސައްކަތުގައި ވެސް އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ފެނަކައިގެ ފުރަތަމަ ޗެއާމަންގެ މަގާމުގެ އިތުރަށް ސްޓެލްކޯއާއި ހައުސިން މިނިސްޓްރީގައި ވެސް ނުއުމާން ވަނީ މަސައްކަތް ކުރައްވާފައެވެ.