ކަސްޓަމްސްގެ ވެރިޔާ، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އަވަހާރަވުމުގެ ހިތާމައިގައި މިއަދު ކަސްޓަމްސްގެ މައި އޮފީސް ބަންދުވާނެ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮމިޝަނަރ އަވަހާރަވުމާ ގުޅިގެން މިއަދު މާލޭގައި ހުންނަ މައި އޮފީސް ބަންދުކޮށް، ތިން ދުވަހަށް ކަސްޓަމްސްގެ ދިދަ ބައި ދަނޑިއަށް ތިރިކުރާނެ ކަމަށެވެ.

ނުއުމާން އަވަހާރަވީ އާލާސްކަންފުޅެއްގައި އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. ނުއުމާނަކީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމާއި، ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގެ ބައެއް އިސް މަގާމުތައްވެސް ކުރިން ފުރުއްވާފައެވެ. ދިރާސާކުރުމާއި ފޮތް އެކުލަވާލުމާއި ބެހޭ ކޮމިޓީގެ މެމްބަރުކަންވެސް ނުއުމާން ވަނީ ކުރައްވާފައެވެ.

އަދި ގައުމީ ޔުނިވަރސިޓީގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ. ނުއުމާނަކީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މަގާމަށް އައްޔަން ކުރައްވާފައިވަނީ 11 ޑިސެމްބަރު 2018 ގައެވެ.

އަހުމަދު ނުއުމާން އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ